ރާއްޖޭގެ ރިސޯޓެއް: މި ގައުމުގެ ގުދުރަތީ ރީތިކަން މިއަދު ބަދަލުވެފައި މިވަނީ އެތައް ބިލިއަން ޑޮލަރެއްގެ ވިޔަފާރިއަކަށް

ހުކުރު ހުތުބާގައި ރާއްޖޭގެ ރީތިކަމާ ބެހޭ ބައި ނެތަސް މިތިބީ ހަމްދުކުރުމުގައި

މަސްވެރިކަމާއި ދަނޑުވެރިކަމާއި އެންވެރިކަމުގެ ވާހަކަ އަންނަ އިރު މާތް ﷲ މި ރާއްޖެއަށް ދެއްވާފައި އޮތް އަޖައިބެއް ފަދަ ރީތިކަމަށް ޝުކުރުކުރުމުގެ ވާހަކައެއް ނެތް
12 ޖެނުއަރީ 2025
10

ބައެއް ފަހަރަށް އިވޭ ހުތުބާތައް ރީތިކަމުގެ ތައުރީފުން ސޯޝަލް މީޑިއާ ފުރި ބަންޑުންވެ އެވެ. ހުކުރު ނުވަތަ އީދުގައި ކުރިން އަޑު ނީވޭ ތަފާތު މައުލޫއުތަކަށް ވެސް ހުތުބާ ބިނާކުރެ އެވެ.

ތަފާތު ހުތުބާތަކުން ދީނީ، އިޖުތިމާއީ އަދި އިގުތިސާދީ ތަފާތު މެސެޖްތައް އާންމުންނާ ހަމައަށް ގެނެސްދޭން ކުރާ މަސައްކަތަށް ޝުކުރިއްޔާ އެވެ. ހުތުބާތައް ލިއުއްވާ ބޭފުޅުންނަށް ތައުރީފެވެ.

އެކަމަކު އެ ބޭފުޅުންގެ ވިސްނުމުން ވަރަށް މުހިންމު ބައެއް އޮތީ އުނިވެފަ އެވެ. ނުވަތަ އެ ބައި ހިމަނަން ބޭނުންނުވަނީ ޓޫރިޒަމްއާ ގުޅިފައި އޮތުމުން ކަމަށް ވެދާނެ އެވެ. އެކަމަކު މި ރާއްޖެއަށް މާތް ﷲ ލެއްވި އެންމެ ބޮޑު އެއް ނިއުމަތަކީ ގުދުރަތީ ރީތިކަމެވެ. އެ ރީތިކަން މިއަދު މި އޮތީ ރާއްޖޭގެ އިގުތިސާދުގެ މައިގަނޑު މަސައްކަތަށް ވެފަ އެވެ. ޓޫރިޒަމް ނެތް ނަމަ ދިވެހިން އަދިވެސް ތިބުން ގާތީ އެންމެ ފަގީރު ގައުމުތަކުގެ ލިސްޓްގަ އެވެ.

މާތްﷲގެ ހަޒުރަތަށް ޝުކުރު ދަންނަވަމެވެ.

ކޮވިޑް-19ގެ ކުރިން ދިވެހިން މަސްވެރިކަމުގައި: ރާއްޖޭގެ ލޭނާރުގެ ގޮތުގައި މަސްވެރިކަން އޮތް އޮތުން މިހާރު ވަނީ ނިމިފައި (ފޮޓޯ/ އަލީ ރަފީގު)

ހުކުރު ހުތުބާގެ ދުއާގެ ޖުމްލަތަކާ ހަމައަށް ދާއިރު މުޅިން ވެސް އިވޭނީ 'މަސްވެރިކަމާއި ދަނޑުވެރިކަމާއި އެންވެރިކަމުގައި ބަރަކާތްލައްވަން' އެދޭއެދުމެވެ. އޭގެ ފަހަށް، ވަކި ހާއްސަ ނަމެއް ނުހިމަނައި، ކިޔަމުން މި އަންނަނީ ރާއްޖޭގެ އިގުތިސާދީ ސިނާއަތްތައް ވަރުގަދަކޮށްދެއްވަން މާތް ﷲގެ ހަޒުރަތުގައި ދަންނަވާ ދެންނެވުމެވެ. ވަކި ހާއްސަ ދާއިރާއެއް ނެތި އެވެ. އެހެންކަމުން އެއީ ޓޫރިޒަމްގެ ވާހަކަ ނުގެނެސް، އެ ސިނާއަތް ވެސް ހިމަނައިގެން ޖުމްލަކޮށް އިބާރަތްކޮށްފައި އޮތް ޖުމްލައެކެވެ.

ބައެއް ކަންކަމުގައި ދީނީ އިލްމުވެރިންގެ ވިސްނުން ވަރަށް ތަފާތެވެ. އެކަމަކު ޒަމާނަށް އަންނަ ބަަދަލުތަކާ އެކު އިގުތިސާދީ ހަގީގަތްތައް ވެސް، ތިމާމެން ހީނުކުރާ ގޮތްގޮތަށް، ފުރޮޅިގެން އެ ދަނީ އެވެ. އޭގައި އޮންނާނީ އެ ބަދަލުތަކާ އެއްގޮތަށް، ދީން ހުއްދަދޭ އެންމެ މަތީ މިންވަރަކަށް، ދީލައިލުމެވެ. ޓޫރިޒަމަކީ އިންސާނުންގެ ތާރީހާ ގުޅިފައި އޮތް އެހާމެ ގަދީމީ ސިނާއަތެކެވެ. އުފާވެރިކަން ހޯދަން އެއް ތަނުން އަނެއް ތަނަށް ދަތުރުކުރާކުރުމަށް 'ޓޫރިޒަމް'ގެ ގޮތުގައި ސީދާ ބުނެފައި ނެތަސް، އިންސާނީ ދިރިއުޅުމާ އެކަން އޮތީ ގުޅިލާމެހިފަ އެވެ.

ރީތި މޫދާއި ދޮންވެލިގަނޑު ފެންނަހެން ދެ ޓޫރިސްޓަކު ކާން ތައްޔާރުވަނީ: ރާއްޖެއަކީ އެ މީހުންގެ ދިރިހުރި ހަނދާނެއް (ފޮޓޯ/ކޯޕަރޭޓް މޯލްޑިވްސް)

މިއަދު ޓޫރިޒަމްއަކީ މުޅި ދުނިޔޭގެ ޖީޑީޕީގެ ގާތްގަނޑަކަށް %10 އެވެ. ފައިސާގެ ގޮތުން ބަލާ ނަމަ އަގަކީ ގާތްގަނޑަކަށް 10 ޓްރިލިއަން ޑޮލަރެވެ. ރާއްޖޭގެ އިގުތިސާދުގެ މައިބަދައަކީ ވެސް، އިގުތިސާދުގެ މައި އިންޖީނަކީ ވެސް ޓޫރިޒަމެވެ. އެ ސިނާއަތުން ގާތްގަނޑަކަށް 5 ބިލިއަން ޑޮލަރު (70 ބިލިއަން ރުފިޔާ)ގެ އާމްދަނީއެއް ލިބެ އެވެ. މުޅި އިގުތިސާދުގެ ގާތްގަނޑަކަށް %30 ހިއްސާކުރަނީ ސީދާ ގޮތެއްގައި ޓޫރިޒަމް އެވެ. ބޭރު ފައިސާގެ %60-70 ބިނާވަނީ ޓޫރިޒަމަށެވެ. އިގުތިސާދީ އެހެން ބައިތައް ނުސީދާކޮށް ޓޫރިޒަމްއާ ގުޅިފައި އޮތް މިންވަރަށް ބަލާ ނަމަ ޓޫރިޒަމް ނެތި ރާއްޖޭގެ އިގުތިސާދު އޮންނާނީ ފުނޑުފުނޑުވެފަ އެވެ. ރާއްޖެ ބަނގުރޫޓްވެފަ އެވެ.

ހަގީގަތަކީ އެއީ އެވެ. މި ޓޫރިޒަމްގެ ހުރިހާ ވެސް ދިރުމަކީ ރާއްޖެއަށް ލިބިފައި އޮތް ގުދުރަތީ ރީތިކަމެވެ. ބަލާ ފޫހިވުމެއް ނެތް އެތުރުންތަކެވެ. ސިކުނޑިއަށް އަރާމު ލިބިދޭ ކުލަތަކުގެ ގެތުމާއި މާކަނޑުން އައިސް ބީހިލާ ވައިރޯޅިތަކެވެ. ފިނިހޫނުމިނުގެ ދަރަޖަ އެވެ. މޫދުގެ ދިރުންތަކެވެ. އެހެން ގައުމުތަކުން ނުފެން މަންޒަރުތަކެވެ. މުރަކަ އާއި ގާތަކުގެ އަޖައިބެއް ފަދަ ކުލަތަކެވެ.

އެ ބޮޑު ނިއު ޔޯކްގެ މައި އެއާޕޯޓްގައި އިން އަންހެން މުވައްޒަފަށް 2011ގައި އަޅުގަނޑުގެ ޕާސްޕޯޓް ފެނުމާ އެކު ހިނިތުންވެފައި، ރާއްޖެއަކީ ދުނިޔެ މަތީގެ ސުވަރުގެ ކަމަށް ބުނެލީ، ސަބަބެއް އޮވެގެންނެވެ. ޗައިނާގެ ބައެއް ޓޫރިސްޓުން ރިސޯޓްތަކުގެ ފާލަން މައްޗަށް އަރާފައި ވަގުތުން މޫދަށް ފުންމާލަން ބޭނުންވަނީ ސިއްރެއް އޮވެގެންނެވެ. ވީއައިއޭއިން ނުކުމެ ކުރިމަތީގައި އެ އޮތް މޫދާއި ކަނޑާއި އުޑު ފެނިފައި، އާ ޝޯހުވެގެން، ބައެއް ޓޫރިސްޓުންނަށް އެ ތިބެވެނީ ޖާދުލެއްގައި ޖެހިފަ އެވެ. މަޝްހޫރު ރެފްރީ ޕިއަރުލޫޖީ ކޮލީނާގެ ދަރިން ޗުއްޓީ ނިންމާފައި އެއާޕޯޓަށް ދާންވެގެން ލޯންޗުގައި އައިއިރު ރޮމުން އެ ދިޔައީ، އިޓަލީން ލިބެން ނެތް އުފާވެރިކަމެއް ދޫކޮށްލަން ޖެހުމުންނެވެ. (ކޮލީނާ ރާއްޖެ ގެނައީ ސުނާމީގައި ހާލުގައި ޖެހުނު މީހުންނަށް އެހީވާން އޭރުގެ 'ހަވީރު' ނޫހުން އިންތިޒާމްކުރި ހާއްސަ ފުޓްބޯޅަ މެޗަކަށެވެ.) ރޭގަނޑު އަނދިރީގައި ރިސޯޓްގެ ދިގު ފާލަންމަތީގައި ދެމަފިރިން ނުވަތަ ދެ ލޯބިވެރިން އެރޭ އެތިބީ (2007ގައި ކޮންރެޑް މޯލްޑިވްސް ރަންގަލި) ހަމަހިމޭން މާހައުލަށް އިހުސާސްތައް ދޫކޮށްލައިގެންނެވެ.

މި ފަހުން މާލެއަށް ބަނދަރުކުރި ކްރޫޒްލައިނާއެއް: ޓޫރިސްޓުންނަށް ރާއްޖެއަކީ އަޖައިބެއް ފަދަ މަންޒިލެއް

މިއީ ރާއްޖޭގެ ގުދުރަތީ ރީތިކަމާ ގުޅިލާމެހިފައި ހުރި އިންސާނީ ތަޖުރިބާތަކުގެ ވަރަށް ކުޑަ މިންވަރެކެވެ. ޓޫރިސްޓުން ރާއްޖެ އަރުވާފައި އެ އޮތީ ދުނިޔޭގެ އެންމެ މަޝްހޫރު ޓޫރިޒަމް މަންޒިލްތަކުގެ ކުރިއަށެވެ. މިއީ ގޮނޑުދޮށް ހިމެނޭ ޓޫރިޒަމްގެ އެއްވަނަ މަންޒިލެވެ. މުޅި ދުނިޔެއިން ރާއްޖެ ނަމޫނާއަކަށް އެ ނަގަނީ ޓޫރިޒަމްގަ އެވެ.

މިއަދު މަސްވެރިކަމަކީ ދިވެހިންގެ ލޭނާރު ކަމަށް ބުނެވޭކަށް ނެތެވެ. މިދިއަ އަހަރުގެ ފުރަތަމަ ކްއާޓަރަށް އެކަނި ބަލައިލިޔަސް މަސްވެރިކަމަކީ މި ގައުމުގެ އިގުތިސާދީ ބޮޑު ބާރެއް ނޫންކަން އެނގެ އެވެ. އޭގެ ކުރީ އަހަރާ ބަލާއިރު މަހުގެ އެކްސްޕޯޓް %45 ދަށްވި އެވެ. އަހަރު ނިމުނު އިރު އެ ސިނާއަތް އުޅޭނީ އެއަށް ވުރެ ވެސް ހާލުގަ އެވެ.

އެއްވެސް އިރެއްގައި ދަނޑުވެރިކަން ރާއްޖޭގެ އިގުތިސާދުގެ މައިގަނޑު މަސައްކަތަށް ވެފައެއް ނެތެވެ. ދެން މިހާރު ރާއްޖޭގައި ދިރިއުޅޭ 515،000އަށް ވުރެ ގިނަ މީހުން (ބިދޭސީން ވެސް ހިމަނައިގެން)ގެ ދިރިއުޅުން މަސްވެރިކަމާއި ދަނޑުވެރިކަމަށް ބިނާކުރެވޭނެ ގޮތެއް އަދި ނެތެވެ. ކޮވިޑް-19ގައި ޓޫރިޒަމް ހުއްޓުމުން ރާއްޖޭގެ އުފެއްދުންތެރިކަން ވެއްޓުނީ، ބައެއް ލަފާކުރުންތަކުން އެނގޭ ގޮތުގައި، %30 ދަށަށެވެ.

އާ އަހަރުގެ ޗުއްޓީއަށް ރާއްޖެ ޒިޔާރަތްކުރި މަތީ ފަންތީގެ ޓޫރިސްޓުންގެ ޖެޓްތަކެއް ވީއައިއޭގައި: މިއީ އާދައިގެ މަންޒަރެއް ނޫން (ފޮޓޯ/އެމްއޭސީއެލް)

އެކަމަކު ހުކުރު ހުތުބާގައި ދުއާކުރާ އިރު މަސްވެރިކަމާއި ދަނޑުވެރިކަމުގެ ކުރިއެރުމަށް އެދުން ހަމަ އެންމެ ރަނގަޅެވެ. ވަރަށް ބޮޑެތި އިންވެސްޓްމަންޓްތަކާއި މަސައްކަތްކުރާ ހަމަަތަކާއި އުފެއްދުންތައް އިތުރުކޮށްގެން އެ ދެ ސިނާއަތް ވެސް ކުރިއެރުވުމުގެ ފުރުސަތު އެބަ އޮތެވެ. ނަމަވެސް ރާއްޖޭގެ ގުދުރަތީ ރީތިކަމާ އެކު ދުނިޔޭގެ ބާޒާރަށް ރާއްޖެ ހުޅުވިފައި އޮތް އޮތުން މާ ބޮޑެވެ. މާ ފުޅަލެވެ.

ރާއްޖެއަށް ލިބިފައިވާ މިވާ ފަދަ ރީތިކަމެއް ދުނިޔޭގައި މަދެވެ. މިއީ މާތްﷲގެ ކުޅަދުންވަންތަކަމުގެ ފުރިހަމަ އެއް މިސާލެވެ. ތެލާއި ގޭހުން ގައުމުތައް މުއްސަނދިވާ ގޮތަށް، ރާއްޖޭގެ ގުދުރަތީ މި ރީތިކަން ވެސް މިއަދު މި އޮތީ ބޮޑު ސިނާއަތަކަށް ވެފަ އެވެ. އަހަރަކު ބޮލަކަށް ޖެހޭ މިންވަރު 11،000 ޑޮލަރު (170،000 ރުފިޔާ)އަށް އެރުވި މައިގަނޑު ސަބަބަކީ އެ ރީތިކަމެވެ.

އަޅުގަނޑު ދުއާކުރަމެވެ. އަޅުގަނޑު ހުންނާނީ އެ ދުއާމަތީގަ އެވެ.

ހައްދަވާ ބޮޑުކުރެއްވި ރަސްކަލާނކޯ އެވެ! އިބަ އިލާހު މި ގައުމަށް ދެއްވި އާދަޔާ ހިލާފު ރީތިކަމަށްޓަކައި އަޅަމެން، މި ދިވެހިން، ޝުކުރުވެރިވަމެވެ. އެ ޗާލުކަން ފެނިފައި އިންސާނުންގެ ލޯތައް އެވަނީ ހުއްޓިފަ އެވެ. ހިތްތަކުގައި އެ އުފެދެނީ ލޯތްބެވެ. އެނބުރި ދާން ބޭނުންނުވާ، ދިޔައަސް އެނބުރި އައުމުގެ އެދުންތައް އެ އިންސާނުން ވަށާލައިފި އެވެ.

ހައްދަވާ ބޮޑުކުރެއްވި ރަސްކަލާނކޯ އެވެ! މި ގައުމުގެ ރަށްތަކާއި ހުދުވެލީގެ ގޮނޑުދޮށާއި ތުނޑިތަކުގެ ފުރިހަމަކަމާ އެވެ. މޫދާއި އޭގެ އަޑީގައި އޮތް ސާފު ފަސްގަނޑާއި ދިރުންތަކުގެ ނަލަކަމާ އެވެ. މަސްމަހާމެހީގެ ގިނަކަމާއި ފެތުރިފައި އޮތްލެއް ގިނަކަމާ އެވެ.

މި އަޅާމެންގެ އަތްތައް އުފުލައި، އިހުލާސްތެރި ހިތްތަކާ އެކު، އިބަ ރަސްކަލާނގެއަށް ދަންނަވަމެވެ! މި ރީތިކަމުން މި ގައުމަށް ލިބޭ ފައިދާތައް އިތުރުކޮށް ދެއްވާށި އެވެ! މި ރީތިކަން ބޭނުންކޮށްގެން އާ ކަންކަން އީޖާދުކޮށް، ހަގީގަތަކަށް ހެދުމުގެ ގާބިލްކަން ދެއްވާށި އެވެ! 

އިބަ ރަސްކަލާނގެ މި ކާއިނާތުގައި ލެއްލެވީ މުޅިން ވެސް އަޖައިބުތަކެވެ. ދުނިޔެއަކީ އޭގެ ވަރަށް ވެސް ކުޑަ މިންވަރެކެވެ. އަދި ރާއްޖޭގެ ރީތިކަމަކީ އެއަށް ވުރެ ވެސް ކުޑަ ހިއްސާއެކެވެ. އެކަމަކު އިންސާނުން މި ރީތިކަން ފެނިފައި ހައިރާންވެއްޖެ އެވެ. ލޯބިވެއްޖެ އެވެ. އޭގެ ނަތީޖާއަކީ، އާއެނކެވެ! އިބަ ރަސްކަލާނގެ ދެނެވޮޑިގެންވާނެ އެވެ! މި ގައުމުގެ ތަނަވަސްކަން އިތުރުވުމެވެ.

ހަމްދާއި ޝުކުރު ހުއްޓެވެ. މި ދެ ލަފުޒަށް އަޅަމެން ހުއްޓުމެއް ނުގެންނަހުށީމެވެ.

ކޮމެންޓް (10)

ބަކުރު

14 ޖެނުއަރީ 2025
ރަލާ އޫރުމަހުގެ ހަރާން ވިޔަފާރި ހިމެނޭ އިންޑަސްޓްރީގެ ނަން ހިމަނައިގެން ހުތުބާގެ ދުޢާގެ އިބާރާތްގެނައުންމުން ހުތުބާގެ އައިބުކަމަށް ދައްކަފާނެ
2 0

މުޙައްމަދު

14 ޖެނުއަރީ 2025
ތިޔަ ކަމަކީ ޓޫރިޒަމް ދާއިރާގެ މީހުން ތިޔަހައި ކަންބޮޑުވާންޖެހޭ ކަމެއްކަމަކަށް ނުފެނޭ. އެމީހުންނަށް ދުޢާކޮށްނުދީގެން ވާހަކަދައްކާއިރު، ކުރިސްމަހާ ގުޅޭ ގޮތުން ބޮޑު ޚުތުބާއެއް ކީމައި އެއަޑު އެހީ ކިތައް ރިސޯޓު އޯނަރުންބާ
3 0

މުޙައްމަދު

14 ޖެނުއަރީ 2025
ހުތުބާއަކީ ލެއްވިހައި ކަމެއް ވަކިވަކިން ކިޔަންޖެހޭ އެއްޗެއް ނޫން. އިގުތިޞާދުގެ ބައި އައިމާ އާމްދަނީގޯދާ ހުރިހައި ކަމެއް އޭގައި ހިމެނިގެން ދާނެ. އެހެންނޫނީ މާދަމާ ނޫސްވެރިންގެ ވާހަކަނެތިގެން މިއުޒިކުކުޅޭ މީހުންގެ ވާހަކަ ނެތިގެން އިމާރާތްކުރާ މީހުންގެ ވާހަކަނެތިގެން ... މިހެންގޮސް އެތައްކަމެއް ލިޔަން ޖެހިދާނެ. މަސްވެރިކަމާއި ދަނޑުވެރިކަމުގެ ވާހަކަދައްކަނީ އެއީ ސީދާ އާންމު މީހާގެ ރިޒުގާގުޅިފައިވާ ދެކަމަށް ވާތީ.
3 1

ތަރަބެ

14 ޖެނުއަރީ 2025
ތިޔަ ބޭފުޅާގެ ދުޢާ ގައިވެސް ޓޫރިޒަމް ގައި ބަރަކާތްލެއްވުން އެދި ދުޢާ ކޮށްފައެއް ނެތް. އެހެންވީމަ، ޚުޠުބާގަ އެއޮތް ގޮތް ވަކި ގޯސްކުރެވޭކަށް ނެތެއްނޫންތޯ!
2 1

ރޯނު އެނދުރު

12 ޖެނުއަރީ 2025
އަޅެ ދެން ކިހާ ބޮޑުވެއްޖެ ކަމެއް! ނޫސްވެރިޔަކަށް ވީމަ ހުރިހާ ކަމެއް އެނގުނީތަ ! ދުޢާ ކުރަން ވަކި އަދަބުތަކެއް ގޮތްތަކެއް ހުރޭ! ހުކުރު ޚުތުބާ ކަލޭމަން ލައްވާ ނުލިޔުއްވަނީ ކީއްވެގެން ކަމެއްވެސް ނޭނގޭ ދޯ ނޭނގޭއިރު ނޭނގޭ ކަމެއް ވެސް ނޭނގޭ . ލޮލް
4 1

ކޮސް

12 ޖެނުއަރީ 2025
މޫސައަށް ޝުކުރިއްޔާ! ނޫސްވެރިންނަށް ލިޔަން ނުކެރިތިބި މައުލޫއު ލިޔުއްވީތީ! އުއްމީދުކުރަން ރާއްޖޭގަ ޒަމާނުއްސުރެ އޮތް ޘަޤާފީ އާދަތަކަކީ އިސްލާމީ އުޞޫލެއްނޫނޭ ބުނެ ، ދިވެހިންގެ ކުރިމަގަށް ގޯސްވާގޮތަށް ކަންތައް ކުރަމުންދާ ޖަމާެއަތްތަކަށްވެސް ރައްދެއް ދެއްވާނެކަމަށް...
7 4

ތެފައާސާ.

12 ޖެނުއަރީ 2025
މިއަށްވުރެން ވަކީން ބޮޑު 'ހިޕޮކްރަސީ'އެއް އޮންނާނެތަ؟ ޓޫރިޒަމްގައި ބަރަކާތްލެއްވުން އެދި ދުއާނުކުރަނީ އެއީ ދީނާއި ފުށޫއަރާ ކަމެއްކަމަށް ބަލައިގެންކަމަށްވެފައި، ހަމަ އެ ޓޫރިޒަމްގެ މައްޗަށް ބޮޑު ސިންގާ %100 މުސްލިމް ގައުމެއްގެ އިގުތިސާދާއި އެންމެހައި ރައްޔިތުންގެ އެންމެހައި މުހުތާދެއް ބަރޯސާކޮށްގެން މިތިބޭތިބުމަކީ ކިހާބޮޑު ދެފުށްދެގޮތްކަމެއް؟
7 0

މުޙައްމަދު އައިސް

12 ޖެނުއަރީ 2025
@ތެފައާސާ. ކާކު ބުނީ އެކަމަށް ދުޢާ ނުކޮށް ތިބެނީ އެއީ ދީނާ ޚިލާފުކަމެއް ކަމުގައި ބަލައިގެން ކަމަށް؟
0 0

ތެފައާސާ.

13 ޖެނުއަރީ 2025
@މުޙައްމަދު އައިސް ދެން ކޮންކަމެއް ކިހިނެތްއޮވެގެންނޯ ދުއާނުކޮށް މި ތިބެނީ؟؟؟؟
1 0

ހަރާން ޓޫރިޒަމް

12 ޖެނުއަރީ 2025
ހަރާން ޓޫރިޒަމް ވީމަ އޭގަ ބަރަކާތް ލައްވާތޯ ދުއާ ކުރާކަށް ނުކެރޭނެއްނު ހުތުބާގައެއް
8 3

އިތުރު އާޓިކަލް

އިތުރު އާޓިކަލް