އަހުސަން ބަޝީރު މަރާލި މައްސަލައިގައި ކުށް ސާބިތުވެފައިވާ އިބްރާހިމް ޝަހުމް އާދަމް

މި ގާތިލްގެ ދެ ލޮލުން އެ ކިޔައިދެނީ ކޮން ވާހަކައެއް؟

އުމުރުން އެންމެ 21 އަހަރުގައި އުމުރަށް ޖަލަށް ލި. ދެ ވަނަ ގަތުލެއްގެ ކުށް ސާބިތުވެ، އިއްޔެ ހުކުމް އިއްވީ މަރަން
13 އޮކްޓޯބަރު 2021
5

އެ ދެ ލޮލުގެ ވެރިޔާގެ ނަމަކީ އިބްރާހިމް ޝަހުމް އަހުމަދެވެ.

ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ ކުރިމަތީގައި އޭނާ އެ އިނީ މީގެ 10 އަހަރު ކުރިން މަރާލި ޒުވާނެއްގެ ގާތިލް ކަމަށް ކަނޑައެޅި ހުކުމް އަޑުއަހާށެވެ.

އެކަމަކު އިއްޔެގެ ކުރިން ވެސް އޭނާއަކީ ގާތިލެކެވެ. މީގެ އަށް އަހަރު ކުރިން 2013 ގައި އޭނާ އުމުރަށް ޖަލަށް ލީ 17 އަހަރުގެ ފިރިހެން ކުއްޖަކު މަރާލިކަން ސާބިތުވެގެންނެވެ. އޭރު އުމުރުން އެންމެ 21 އަހަރެވެ.

މިހާރު 29 އަހަރެވެ. އިއްޔެ އޭނާގެ މައްޗަށް ހައި ކޯޓުން ހުކުމްކުރީ، ޒުވާނެއްގެ ފުރާނަ ދުއްވާލުމުގެ ކުށުގައި މެރުމަށެވެ. ކަރަށާއި މެޔަށް ހަތަރު ފަސް ފަހަރަކު ވަޅި ހަރައި އޭނާގެ އަތުން މަރުވި، އަހުސަން ބަޝީރު، ވަރުދީގޭ، ސ. ހިތަދޫގެ އެއްވެސް ވާރިސަކު މަރަށް މަރު ހިފުން ނޫން އަދަބެއް ގަބޫލެއް ނުކުރި އެވެ. އެހެންކަމުން ތިން ފަނޑިޔާރުންނަށް އިތުރު އެއްވެސް އިހުތިޔާރެއް ނެތެވެ: މަރަން ހުކުމްކުރުން ފިޔަވަ އެވެ.

އެއް ފަހަރު ކްރިމިނަލް ކޯޓުގެ އިސް ގާޒީ ދޫކޮށްލައިގެން، އަނެއް ފަހަރު މާފުށީ ޖަލުން ފިލައިގެން ހޭދަވި މަދު ދުވަސްކޮޅު ފިޔަވައި، އުމުރުން އެންމެ 19 އަހަރުގައި، އޮގަސްޓް 2010 އިން ފެށިގެން އޭނާ އުޅެމުން އެ އަންނަނީ ޖަލުގަ އެވެ. ކައިވެނި ކުރީ ވެސް ޖަލުގައި ހުރެގެންނެވެ.

އެ ދެ ލޮލަށް ބެލުމުން ސުވާލުތަކެއް އެބަ އުފެދެ އެވެ. ނުވަތަ ސުވާލުތަކެއް އަހާލާ ހިތްވެ އެވެ.

ތިބާ ތިބުނަނީ [ކޯޓުގައި ނުބުންޏަސް، އެއްބަސް ނުވިޔަސް] ކުށަށް އިއުތިރާފްވަމޭ ހެއްޔެވެ؟ ހަޔާތުގެ ޅަ އުމުރުގައި، ޓީނޭޖްގެ ހަލަބޮލިކަމުގެ ތެރެއިން ކުށުގެ ވެއްޓަށް ވަދެވުމުގެ ހިތާމަ ހެއްޔެވެ؟ އަހަންނަށް އެ ދެ ގަތުލުގައި ބައިވެރިނުވެވުނު ނަމަ ކިހާ ރަނގަޅުވީސް ހެއްޔެވެ؟ ކަލޭގެ ގަޓު އެބަ ހުއްޓޭ ބުނާ ކޮންމެ ފަހަރަކު އެ ގަޓު، ވަޅި އާއި ލަޓިބުރިތަކާއި، އެކަހަލަ އެއްޗެއް އަތުޖެހެން ނެތް ނަމަ، ހުސް އަތުން ވެސް، ދައްކަން ނޫޅެވުނު ނަމަ ކޮން ފަދަ ހެއްޔެވެ؟ ރުޅިމަޑުކޮށް، ހަޔާތުގެ ކުރިމަގާ މެދު ވިސްނާލެވުނު ނަމަ މިތާ އިންނަން ޖެހުނީސް ހެއްޔެވެ؟ އެހެން މީހުން ދެކެ ލޯބިވާން އެނގި، ހަމްދަރުދީ އުފެދޭނެ ފަދަ ހިތެއް ހޯދަން ނޫޅެވުނީ ކީއްވެގެން ހެއްޔެވެ؟ 

އެކަމަކު އެންމެ އެކަށީގެންވަނީ މިއިން އެއްވެސް ސުވާލެއް އޭނާގެ ހިތަށް ނޭރުމާ އެވެ. އެއަށް ވުރެ ބޮޑަށް އޭނާގެ ކުށުގެ އާދަކާދައިގެ ނުފޫޒު އޮންނާނީ އިންސާނުންގެ އުޅުމުގައި ހިފަހައްޓަން ޖެހޭ އަސްލު ހަމައިން އޭނާ އެއްކިބާކޮށްފަ އެވެ. އެހެން މީހުންގެ ހިތާމައެއް ނުވިސްނެ އެވެ. އެހެން މީހުންގެ އަސަރުތަކުން އިހުސާސެއް ނުއުފައްދަ އެވެ. ލޯބިވެވެނީ އަނިޔާވެރިކަމަށެވެ. ބޭނުންވަނީ ލޭއޮރޮހުވާލާށެވެ. 

މި ޝަހުމްގެ ވާހަކަ ފެށެނީ، ނުވަތަ އާންމުންނަށް އޭނާގެ ނަން އެނގޭ ހިސާބަށް ދަނީ، މޫސުން ރީތި ދުވަހެއްގެ ހަވީރު ވަގުތު، ސޯޝަލް ސެންޓަރު ކައިރީގައި އޭރު އޮތް ފުޓްބޯޅަ ދަނޑެއް ކައިރިން ހިންގާލި ލޭއޮހޮރުވުމަކާ އެކު އެވެ. މާލޭގެ ދެ ގްރޫޕެއްގެ ދެމެދުގައި އެ ފުޓްބޯޅަ މެޗު ކުޅުނީ 30 ޖުލައި 2010ގަ އެވެ. އެކަމަކު މެޗު ނުނިމެނީސް ސަޕޯޓަރުންގެ މެދުގައި ތަޅާފޮޅުން އުފެދި، ބަދަލުވީ ލޭއޮހޮރުވުމަކަށެވެ. ޝަހުމްގެ ހަމަލާގައި މަރުވީ މުހައްމަދު ހުސެއިން، 17، މ ބިއުޓީފްލާވާ އެވެ. އެ ކުށް އޭނާގެ މައްޗަށް 2013 ގައި ސާބިތުވީ މަންޒަރު ދުށް މީހުންގެ ހެކިބަހުންނެވެ.

އެ ގަތުލުގެ ހަނދާންތައް ފޮހެވުމުގެ ކުރިން ޝަހުމް އަނެއްކާވެސް ދިވެހިންނަށް ގެނެސްދިނީ ބިރުވެރި ސުރުހީއެކެވެ.

އޭނާ ޖަލު ބަންދުގައި ހުންނަތާ ހައެއްކަ މަސް ފަހުން، 17 ފެބްރުއަރީ 2011 ގައި ކްރިމިނަލް ކޯޓުގެ އޭރުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު، ގިނަ ބަޔަކު ރުޅިއައި ނިންމެވުމެއް ނިންމެވި އެވެ. ގާތިލެއްގެ ތުހުމަތު އެޅިފައި އޮތަސް، އަދި އެ މައްސަލައިގެ ތަހުގީގު ކުރިއަށް ދަނިކޮށް، ގާޒީ ހިތްހަމަޖެހިވަޑައިނުގަތީ އޭރުގެ ހެލްތު މިނިސްޓްރީއަށް ނުކުރެވުނު ކަމަކާ އެވެ: މުހައްމަދު ހުސެއިންގެ މެޑިކަލް ރިޕޯޓް އައިޖީއެމްއެޗުން ފުލުހުންނަށް ފޯރުކޮށް ނުދިނުމަކީ، ހެލްތު މިނިސްޓްރީ ޒިންމާ ވާން ޖެހޭނެ ކަމެއް ކަމަށް ކަނޑައަޅުއްވާ، ޝަހުމް ދޫކުރަން ނިންމެވީ އެވެ.

ގާޒީ ވިދާޅުވީ ހެލްތު މިނިސްޓްރީގެ ލިއުމެއް ނުލިބި މީހަކު ހަ މަސް ވަންދެން ބަންދުގައި ބެހެއްޓުމަކީ ބޮޑު މައްސަލައެއް ކަމަށެވެ. ފުލުހުންނާއި ސަރުކާރުގެ އިދާރާތަކުގެ އެއްބާރުލުން ނުލިބި ހަމައެކަނި ކޯޓުތަކަށް މުޖުތަމައުގައި އަމާންކަން ގާއިމްނުކޮށްދެވޭނެ ކަމަށް ވެސް، ބަންދުން ޝަހުމް ދޫކޮށްލަން ނިންމެވުމުގެ ކުރިން ކޯޓުގައި އިސް ގާޒީ ވިދާޅުވި ކަމަށް، އޭރު މީޑިއާތަކުގައި ރިޕޯޓްކުރި އެވެ.

ނުރައްކާތެރި ކުށްވެރިން ބެލެހެއްޓުމުގައި މުޅި ދައުލަތް ފެއިލްވެފައިވާކަން މަހެއްހާ ދުވަހުގެ ތެރޭގައި އެނގުނެވެ. މިފަހަރު ޝަހުމް ވަޅި ހިފައިގެން ނުކުތީ 17 މާޗު 2011ގެ ފަތިހު އެވެ. އަލިކިލެގެފާނު މަގާއި މަޖީދީ މަގު ގުޅޭ ކަންމަތިން، ބަޝީރުގެ ކަރަށާއި މެޔަށް ވަޅި ހެރި އެވެ. އޭނާގެ ގަޔަށް ވަޅި ހެރީ ޝަހުމް ކަމަށް، އައިޖީއެމްއެޗުގައި މަރުވުމުގެ ކުޑައިރުކޮޅެއް ކުރިން، ބަޝީރު ބުންޏެވެ.

ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމީ މަރުމަތީ އޮތް މީހަކު ބުނާ ވާހަކަ ގަބޫލުކުރެވޭނެ ކަމަށެވެ.

ދެ މަރުގެ ޒިންމާ ނަގަން ޖެހޭ ގާތިލަކަށް ޝަހުމްވެ، ސުޕްރީމް ކޯޓުން އެ ހުކުމް ބަދަލުނުކުރާހާ ހިނދަކު، އޭނާގެ މުޅި އުމުރު ޖަލުގައި ހޭދަކުރަން ޖެހުމުގެ އިހުސާސްތައް، އެ ދެ ލޮލުން ފާޅުވޭތޯ ނުވަތަ ނޫންތޯ، އަމިއްލަ ނަފުސަށް، ކޮންމެ މީހަކަށް ވެސް ސުވާލުކޮށްލެވިދާނެ އެވެ.

ޝަހުމްގެ ހަޔާތް ފުރިފައި އޮތީ އިބުރަތުގެ ވާހަކަތަކުންނެވެ: އަހަރެމެންގެ މުޖުތަމައު ހަލާކުވެފައި އޮތް އޮތުމެވެ. ކުޑަކުޑަ ގައުމަކަށް ބަލާއިރު، އެއް ބަޔަކު އަނެއް ބައެއްގެ މެދުގައި އޮންނަން ޖެހޭ ގާތް ލޯބި ނެތުމެވެ. ދަރިންގެ ތަރުބިއްޔަތު ވިއްސިވިހާލިވުމެވެ. ޒިންމާ ނަގާނެ ބަޔަކު ނެތުމެވެ. ހައްލު ހޯދާނެ ސިޔާސީ ކެރުން ނުފެނުމެވެ. ދައުލަތުގެ ހިންގުންތެރިންގެ ހިމާޔަތުގައި ކުށްވެރިން އުޅުމެވެ. ކުށުގެ ލާރިން ދައުލަތުގެ ވެރިން އުފާ ހޯދުމެވެ. މުއްސަނދިކަން ދެކެ ލޯބިވުމެވެ. ޖެހުނު ގޮތަކަށް ފައިސާ ލިބިގަތުމުގެ އެދުމެވެ. ދައުލަތުން ބޮޑެތި މުސާރަތައް ދިނަސް، ނުފުދުމެވެ. ފުދޭވަރުގެ މުސާރަ ތިމާއަށް ވެސް ނޭނގުމެވެ.

ޝަހުމްގެ އެ ދެ ލޮލުން ކޮންމެ ފަދަ މާނައެއް ނެގުނަސް އެއް ކަމަކަށް އެއްބަސްވަމާ ހެއްޔެވެ؟

އޭނާ ގާތިލަކަށް ވުމުގެ ފަހަތުގައި ހުރި ސަބަބުތައް އަހަރެމެންގެ ގައުމު ގެންގޮސް އެ ވައްޓާލަނީ ބޮޑު ހަލާކެއްގެ ތެރެއަށް ކަމެވެ.

ކޮމެންޓް (5)

ޒަހީން

14 އޮކްޓޯބަރު 2021
ވަރަށް މޮޅު ލިޔުމެއް. ކީޕްއިޓް އަޕް. މޫސާ ލަތީފް 👏👏👏👏👏👏👏👏👏👏👏
5 0

އިހްސާން

14 އޮކްޓޯބަރު 2021
ރީތި މޮޅު ލިޔުމެއް. މިގައުމުގެ އަންނަންއޮތް ޖީލު ބިނާކުރަން ތިބި ޒުވާނުން މިއީ. ހިތާމައިގެ ކޮޅެއްވެސް ނެތް.
3 0

ހަސަނު

14 އޮކްޓޯބަރު 2021
ކަހަރުވަކެކޭވެސް ހިތަށް އަރާހެނެއް ހިއެއްނުވޭ
2 0

ޭަހުވާ

13 އޮކްޓޯބަރު 2021
މަރާކައް ނުކެރޭނެ.
7 1

މީހެއް

13 އޮކްޓޯބަރު 2021
މީހަކު މަރާފަ ދެން އާއިލާއިން މަރަށް މަރު ހިފަން ނިންމުމުން، އެގޮތަށް ހުކުމް އިއްވުމުން ދެން މިކަހަލަ ނުލާފާ މީހުން ހިތައް އަރާ އެއްޗެއް ބެލުމުގެ ބޭނުމެއް ނެތް.ތިޔަކަހަލަ ނުލަފާ މީހުންނަށް ހަމްދަރުދީ ވުމެއް ނެއް.
18 2

އިތުރު އާޓިކަލް

އިތުރު އާޓިކަލް