ދިޔަރެސްގެ ނޫސްވެރިޔާ އަހުމަދު އަޒާން 8 ޖޫން 2022ގައި ރައީސް އޮފީހުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ސުވާލެއް ކުރަނީ (ފޮޓޯ/ރައީސް އޮފީސް)
ނޫސްވެރިޔާ އަހުމަދު އަޒާން މަރުޒޫގު ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައިވަނީ ޖިނާއީ ތަހުގީގެއްގައި ސުވާލުކުރުމަށް ކަމަށާއި އޭނާ ހާޒިރުކުރަނީ ނޫސްވެރިކަމާ ގުޅުންހުރި ކަމެއްގައި ނޫން ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.
ވީ ކިހިނެއް؟ - 'ދިޔަރެސް' ނޫހުގެ ފައުންޑަރުންގެ ތެރޭގައި ހިމެނޭ އަޒާން އަންނަ ބުރާސްފަތި ދުވަހުގެ 3 ޖަހާއިރަށް ފުލުސް އޮފީހަށް ހާޒިރުވާން އަންގައި އޭނާއަށް ވަނީ ޗިޓު ފޮނުވައިފަ އެވެ.
ތަފްސީލް - އެކަމާ ބެހޭގޮތުން ފުލުހުން ބުނީ އަޒާން ހާޒިރުކުރަނީ އައިޖީއެމްއެޗުގެ ޕޯޓަލްއިން އާންމު ރައްޔިތުންނާއި ދައުލަތުގެ އިސް ފަރާތްތަކުގެ ޒާތީ މައުލޫމާތަށް ހުއްދަ ނެތި އެކްސެސްވި ގޮތާ ގުޅޭގޮތުން ފުލުހުން ހިންގާ ޖިނާއީ ތަހުގީގެއްގައި ސުވާލު ކުރުމަށް ކަމަށެވެ. މިދިޔަ ފެބްރުއަރީ މަހުން ފެށިގެން ތަހުގީގު ކުރަމުން އަންނަ އެ މައްސަލައިގައި އިތުރު މީހުންނާ ވެސް ސުވާލުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެނގުން މުހިއްމު - އައިޖީއެމްއެޗްގެ ޕޭޝަންޓް ޕޯޓަލްގައި ހުރި މައްސަލަތަކެއްގެ ސަބަބުން، އެ ހޮސްޕިޓަލުން ރައްކާކޮށްފައިވާ ބަލިމީހުންގެ ޒާތީ މައުލޫމާތު އެހެން ފަރާތްތަކަށް ބެލޭކަން މިދިޔަ ފެބްރުއަރީ މަހު 'ދިޔަރެސް' އިން ރިޕޯޓުކޮށްފައިވެ އެެވެ.
ނަމަވެސް ފުލުހުން ބުނާގޮތުގައި އަޒާންގެ މައްޗަށް ކުރާ ތުހުމަތަކީ ނޫސްވެރިކަމުގެ މަސައްކަތާ ގުޅުންހުރި ކަމެއް ނޫނެވެ.
އަޒާން "ފުލުހަށް ހާޒިރު ކުރަނީ ނޫސްވެރިއެއްގެ ހައިސިއްޔަތުން ލިޔެފައިވާ ލިޔުމެއް ނުވަތަ ނޫސްވެރިކަމާ ގުޅުންހުރި ކަމަކާ ގުޅިގެން ނޫންކަން އެންމެހައި ފަރާތްތަކުގެ މައުލޫމާތަށްޓަކައި ދަންނަވަމެވެ،" ފުލުހުން މީޑިއާއަށް ފޮނުވި މެސެޖެއްގައި ބުންޏެވެ. "އަދި ދިވެހިރާއްޖޭގައި އޮތް ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އެޅިދާނެފަދަ އެއްވެސް ކަމެއް ދިވެހި ފުލުހުންގެ ޚިދުމަތުން ނުކުރާނެކަމުގެ ޔަގީންކަން މިފުރުސަތުގައި އަރުވަމެވެ."
ފުލުހުން ކުރާ ތުހުމަތާ ގުޅިގެން އަޒާން 'ދައުރު'އަށް ބުނީ އޭނާ ދައުލަތުގެ އިސްވެރިންގެ މެޑިކަލް މައުލޫމާތު ލީކުކޮށްލި ކަމަށް ފުލުހުން ތުހުމަތު ކުރާ ސަބަބެއް މިހާތަނަށް ފުލުހުން ބުނެނުދޭ ކަމަށެވެ. އޭނާ ބުނީ 'ދިޔަރެސް' އިން ރިޕޯޓު ކުރީ އެ މައުލޫމާތު ލީކުވެފައިވާ ކަމާއި ބައެއްގެ އަތްމައްޗަށް ދިޔަ ވާހަކަ ކަމަށެވެ.
"ދިޔަރެސް އަކުން ނޯންނާނެ އެއްވެސް އެއްޗެއް ލީކުކޮށްފައެއް އަދި އެކަން ކުރާ ގޮތެއް ވެސް ކިޔައިދީފައެއް. ހަމައެކަނި އެހެން ވެގެން އުޅޭކަން [ރިޕޯޓްކޮށްފައި] އޮންނާނީ،" އަޒާން ބުންޏެވެ.
މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އޭނާގެ ފޯނާއި ލެޕްޓޮޕް ހިފަހައްޓަން އުޅޭ ކަމަށް ވެސް މީގެ ކުރިން އަޒާން ބުނެފައިވެ އެވެ. ނަމަވެސް އޭރު ފުލުހުން އެ ގޮތަށް އަމަލުކޮށްފައެއް ނުވެ އެވެ.
ގުޅުން ހުރި - އަޒާން ފުލުހަށް ހާޒިރު ކުރަން ޗިޓު ފޮނުވި އިރު، ނޫސްވެރިންނަށް މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ހެއްކާ ބެހޭ ބިލާ ގުޅިގެން ނޫސްވެރިން ކަންބޮޑުުން ފާޅުކުރަމުން ދަނިކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ވަނީ އެ ބިލު ތަސްދީގު ކުރައްވައި ގާނޫނަކަށް ހައްދަވައިފަ އެވެ.
މައްސަލައެއްގައި ހިމެނޭ މީހަކު ހުށަހަޅާ ހުށަހެޅުމުގެ މައްޗަށް ބިނާކޮށް ޝަރީއަތުން ކަނޑައަޅާ ގޮތެއްގެ މަތިިން ނޫސްވެރިޔާގެ މައްޗަށް ނުވަތަ މީޑިއާއަކަށް މަސްދަރު ހާމަކުރަން އެ ގާނޫނުގެ ދަށުން މަޖުބޫރު ކުރެވިދާނެ އެވެ. އެގޮތުން ޓެރަރިޒަމްގެ މައްސަލަތަކާއި ގައުމީ ސަލާމަތާ ގުޅުންހުރި މައްސަލަތަކުގައި ނޫސްވެރިންނަށް މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވިދާނެ ކަމަށް އެ ގާނޫނުގައި އޮވެ އެވެ.
ކޮމެންޓް (1)
ތަފާވަރު