ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކަށް ފަހު އަޒާން (ވ) އާއި ރައީސް ސޯލިހު ވާހަކަ ދައްކަވަނީ (ފޮޓޯ/ރައީސް އޮފީސް)

ނޫސްވެރިކަން

ނޫސްވެރިޔާ އަޒާން ފުލުސް އޮފީހަށް ހާޒިރު ކުރަނީ

އަޒާން ބުނީ ފުލުހުން ބުނާ މައުލޫމާތުތައް ލީކުކޮށްފައި ނުވާނެ ކަމަށާއި 'ދިޔަރެސް' އިން ރިޕޯޓު ކުރީ އެ މައުލޫމާތު ލީކުވެގެން އުޅޭ ވާހަކަ ކަމަށް
19 ޖުލައި 2022

އައިޖީއެމްއެޗްގެ ޕޭޝަންޓް ޕޯޓަލް މެދުވެރިކޮށް ދައުލަތުގެ އިސް ވެރިންތަކެއްގެ ޒާތީ މައުލޫމާތު ލީކުކޮށްލި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ނޫސްވެރިޔާ އަހުމަދު އަޒާން މަރުޒޫގު ފުލުސް އޮފީހަށް ހާޒިރުވާން ޗިޓު ފޮނުވައިފި އެވެ.

ވީ ކިހިނެއް؟ - އައިޖީއެމްއެޗްގެ ޕޭޝަންޓް ޕޯޓަލްއަށް ހުއްދަ ނެތި ވަދެ، ދައުލަތުގެ އެންމެ އިސް ފަރާތްތަކުގެ މެޑިކަލް މައުލޫމާތު ލީކުކޮށްލާފައިވާ ކަމަށް 'ދިޔަރެސް' ނޫހުގެ ފައުންޑަރުންގެ ތެރޭގައި ހިމެނޭ އަޒާންގެ މައްޗަށް ތުހުމަތުކޮށް އޭނާ ފުލުހަށް ހާޒިރުވާން އަންގާފައި ވަނީ އަންނަ ބުރާސްފަތި ދުވަހުގެ 3 ޖަހާއިރަށެވެ.

އެނގުން މުހިއްމު - އައިޖީއެމްއެޗްގެ ޕޭޝަންޓް ޕޯޓަލްގައި ހުރި މައްސަލަތަކެއްގެ ސަބަބުން، އެ ހޮސްޕިޓަލުން ރައްކާކޮށްފައިވާ ބަލިމީހުންގެ ޒާތީ މައުލޫމާތު އެހެން ފަރާތްތަކަށް ބެލޭ ކަން މިދިޔަ ފެބްރުއަރީ މަހު 'ދިޔަރެސް' އިން ރިޕޯޓުކޮށްފައިވެ އެެވެ.

މި ތުހުމަތާ ގުޅިގެން އަޒާން 'ދައުރު'އަށް ބުނީ އޭނާ ދައުލަތުގެ އިސްވެރިންގެ މެޑިކަލް މައުލޫމާތު ލީކުކޮށްލި ކަމަށް ފުލުހުން ތުހުމަތު ކުރާ ސަބަބެއް މިހާތަނަށް ފުލުހުން ބުނެނުދޭ ކަމަށެވެ. އޭނާ ބުނީ 'ދިޔަރެސް' އިން ރިޕޯޓު ކުރީ އެ މައުލޫމާތު ލީކުވެފައިވާ ކަމާއި ބައެއްގެ އަތްމައްޗަށް ދިޔަ ވާހަކަ ކަމަށެވެ.

"ދިޔަރެސް އަކުން ނޯންނާނެ އެއްވެސް އެއްޗެއް ލީކުކޮށްފައެއް އަދި އެކަން ކުރާ ގޮތެއް ވެސް ކިޔައިދީފައެއް. ހަމައެކަނި އެހެން ވެގެން އުޅޭކަން [ރިޕޯޓްކޮށްފައި] އޮންނާނީ،" އަޒާން ބުންޏެވެ.

މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އަޒާންގެ ފޯނާއި ލެޕްޓޮޕް ހިފަހައްޓަން އުޅޭ ކަމަށް ވެސް މީގެ ކުރިން އަޒާން ބުނެފައިވެ އެވެ. ނަމަވެސް، އެ ފަހަރު ފުލުހުން އެ ގޮތަށް އަމަލުކޮށްފައެއް ނުވެ އެވެ.

ގުޅުން ހުރި - އަޒާން ފުލުހަށް ހާޒިރު ކުރަން ޗިޓު ފޮނުވި އިރު، ނޫސްވެރިންނަށް މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ހެއްކާ ބެހޭ ބިލާ ގުޅިގެން ނޫސްވެރިން ކަންބޮޑުުން ފާޅުކުރަމުން ދަނިކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ވަނީ އެ ބިލު ތަސްދީގު ކުރައްވައި ގާނޫނަކަށް ހައްދަވައިފަ އެވެ.

މައްސަލައެއްގައި ހިމެނޭ މީހަކު ހުށަހަޅާ ހުށަހެޅުމުގެ މައްޗަށް ބިނާކޮށް ޝަރީއަތުން ކަނޑައަޅާ ގޮތެއްގެ މަތިިން ނޫސްވެރިޔާގެ މައްޗަށް ނުވަތަ މީޑިއާއަކަށް މަސްދަރު ހާމަކުރަން އެ ގާނޫނުގެ ދަށުން މަޖުބޫރު ކުރެވިދާނެ އެވެ. އެގޮތުން ޓެރަރިޒަމްގެ މައްސަލަތަކާއި ގައުމީ ސަލާމަތާ ގުޅުންހުރި މައްސަލަތަކުގައި ނޫސްވެރިންނަށް މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވިދާނެ ކަމަށް އެ ގާނޫނުގައި އޮވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް