މާލެއަށް ވާރޭވެހި ފެންބޮޑުވެފައި. ކުރިއަށް އޮތް ދެ ދުވަހު ވެސް ވިއްސާރަ ކުރާނެ ކަމަށް މެޓުން ބުނޭ
ކުރިއަށް އޮތީ އަނެއްކާ ވެސް ގަދަ ދުވަސްތަކެއް
ކުރިއަށް އޮތީ އަނެއްކާ ވެސް ގަދަ ދުވަސްތަކެއް ކަމަށާއި ވިއްސާރަކޮށް، ވިލާގަނޑުގައި ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓު) އޮފީހުން މިއަދު ބުނެފި އެވެ.
އެނގުން މުހިއްމު - މި މަހުގެ 8ގައި ރާއްޖެއަށް ހުޅަނގު މޫސުން ލައިގަތީއްސުރެ، މޫސުން އުޅެނީ ގޯސްކޮށެވެ. ހާއްސަކޮށް ބޮޑު އީދުގެ ކުރިން ވަރަށް ބޮޑަށް ވައިގަދަ، ކަނޑު ގަދަވި އެވެ. އަދި ބޯކޮށް ވާރޭވެހި، ބައެއް ރަށްތަކުގައި ފެންބޮޑުވި އެވެ.
ވީ ކިހިނެއް؟- އީދުގެ ފުރަތަމަ ދެ ދުވަހު ވިއްސާރަ ކުރުމަށް ފަހު މޫސުން އޮތީ އަލިކޮށެވެ. އެކަމަކު މިއަދު މުޅި ރާއްޖެއަށް އަނެއްކާ ވެސް ދަނީ ވިއްސާރަ ކުރަމުންނެވެ. މެޓު އޮފީހުން ބުނީ:
-
`މިއަދު ހަވީރު ފަހެއް ޖަހަންދެން މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ؛ މިހާރު އޮތީ ވައިޓް އެލާޓުގައި
-
އެގޮތުން ބޯކޮށް ވާރޭ ވެހުމާ އެކު ގުގުރާނެ
-
އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަ ވާނެ
މިހާރު ވިއްސާރަ މި ކުރަނީ، ހުޅަނގު މޫސުމުގައި އާއްމުކޮށް އުފެދޭ ކޮޅިގަނޑުގެ ސަބަބުންނެވެ. މެޓުން ބުނީ މާދަމާ މިއަށް ވުރެ ވިއްސާރަ ވާނެ ކަމަށާއި ކުރިއަށް އޮތް ދެ ދުވަހު ވެސް މިގޮތަށް ވިއްސާރަ ކުރާނެ ކަމަށެވެ.
އަދި ކަނޑުވެސް ގަދަވާނެ ކަމަށް އެތަނުން ބުންޏެވެ.
"ކުރިއަށް އޮތީ ގަދަ ދުވަސްތަކެއް." މެޓުގެ އޮފިޝަލަކު ވިދާޅުވި އެވެ.
މޫސުން ގޯސްވެ، ދިޔަވަރު ބޮޑުވުމުގެ ސަބަބުން ވޭތުވެ ދިޔަ ދެތިން ދުވަހު މާލެ އާއި ދެކުނުގެ ބައެއް އަތޮޅުތަކަށް އުދަ އެރި އެވެ.