މަޖިލީހުގެ ޖަލްސާއެއްގައި ޖާބިރު ވާހަކަ ދައްކަވަނީ: ކާށިދޫ ދާއިރާގައި ހިމެނޭ ދެ ރަށުގެ ކައުންސިލުން ވެސް ބުނަނީ އޭނާ ހައްޔަރުކޮށް ފިޔަވަޅު އަޅަން ޖެހޭ ކަމަށް. (ފޮޓޯ/މަޖިލިސް)

ޖާބިރުގެ ދާއިރާގެ ރަށްތަކުން ގޮވާލީ އޭނާ ހައްޔަރުކޮށް ފިޔަވަޅު އަޅަން

ޖާބިރުގެ ވާހަކަތައް ކުށްވެރިކޮށް ކާށިދޫ އަދި ގާފަރު ކައުންސިލުން ވަނީ ބަޔާނެއް ނެރިފައި

ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަބްދުﷲ ޖާބިރު، ރާއްޖޭގައި ދީނީ މިނިވަންކަން ދިނުމަށް ގޮވާލައި އިއްޔެ ދެއްކެވި ވާހަަކަތައް އޭނާ ތަމްސީލު ކުރާ ކާށިދޫ ދާއިރާ ނިސްބަތްވާ ދެ ރަށުގެ ކައުންސިލުން އެކަން ކުށްވެރިކޮށް، އޭނާއާމެދު ފިޔަވަޅު އަޅަން ގޮވާލައިފި އެވެ.

މައްސަލައިގެ ފެށުން -  އިއްޔެ ބޭއްވި މަޖިލީހުގެ ޖަލްސާގައި، ހެއްކާ ބެހޭ ބިލަށް ބަހުސް ކުރައްވަމުން ޖާބިރު ވިދާޅުވީ މާތްﷲ ވޮޑިގެންވާކަން އޭނާ ގަބޫލުކުރައްވާ ކަމަށާއި ނަމަވެސް ދީނީ މިނިވަންކަން ރާއްޖޭގައި ދޭން ޖެހޭ ކަމަށެވެ. އަދި އެއީ އިސްލާމް ދީނާ ހިލާފު ކަމެއް ނޫން ކަމަށް ބުނެ އޭނާ ވަކާލާތުކުރެއްވި އެވެ.

ވީ ކިހިނެއް؟ - ޖާބިރުގެ ވާހަކަތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް، ކާށިދޫ ދާއިރާގައި ހިމެނޭ ކާށިދޫ އަދި ގާފަރުގެ ރަށު ކައުންސިލުތަކުން ވަކިވަކިން ނެރުނު ދެ ބަޔާނެއްގައި ބުނީ، ޖާބިރުގެ އެ ވާހަކަތަކަކީ އެ ކައުންސިލުތަކުން ގަބޫލު ކުރާ ވާހަކަތަކެއް ނޫން ކަމަށެވެ.

ކާށިދޫ ކައުންސިލްގެ ބަސް - ކާށިދޫ ކައުންސިލުން ޖާބިރުގެ ވާހަކަތައް ސިފަ ކުރީ، ގުރުއާނުގެ އާޔަތްތަކުގެ މަގްސަދު އޮޅޭ ގޮތަށް ހާމަކޮަށް، އިސްލާމް ދީނުގެ ހުކުމްތަކުގެ ހައިބަތު ގެއްލުވާލަން ދެއްކި ވާހަކަތަކެއްގެ ގޮތުގަ އެވެ. އެހެންކަމުން، އޭނާ "ހައްޔަރުކޮށް ތަހުގީގު ހިންގައި ގާނުނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް" އެ ބަޔާނުގައި ގޮވާލާފައިވެ އެވެ.

"އޭނާ [ޖާބިރު] އިސްލާމްދީނުގެ އަސްލުތަކާއި ރާއްޖޭގައި އަމަލުކުރަމަށް ހެދިފައިވާ ގާނޫނުތަކާ ހިލާފުވެފައިވާތީ މި ކައުންސިލުން އޭނާގެ އެ ވާހަކަތަކާއި އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރަން،" ކާށިދޫ ކައުންސިލުގެ ހުރިހާ މެންބަރުން ސޮއިކޮށްފައިވާ ބަޔާނެއްގައި ބުންޏެވެ. "[ޖާބިރު] ދެއްކެވި ވާހަކައަކީ، މި ދާއިރާގެ ރައްޔިތުން ތަމްސީލުކޮށް އޭޏާ ދައްކާފައިވާ ވާހަކަތަކެއް ކަމަށް ދާއިރާގެ ރައްޔިތުން ބަލައިގަންނަ ވާހަކަަތަކެއް ނޫން."

ކާށިދޫ ކައުސިލުން އިތުރަށް ބުނީ:

  • ޖާބިރު ދެއްކެވި ވާހަކަތަކަކީ އެ މީހަކު އުޅޭނެ ދީން އަމިއްލައަށް ކަނޑައަޅައި ބޭނުންހާ ގޮތަކަށް އުޅެވިދާނެ ކަމުގެ ނުރައްކާތެރި ވިސްނުން ފެތުރުންކަން

  • އެހެން ދީންތަކުގެ ޝިއާރުތައް ރާއްޖޭގައި ފާޅުކުރުމަކީ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނުގެ ދަށުން އަދަބު ކަނޑައެޅިފައިވާ ކުށެއްކަން

  • މަޖިލީހުގައި ވާހަކަ ދައްކާއިރު ޒިންމާދާރުކަމާއެކު ވާހަކަ ދެއްކުމަށް ޖާބިރަށް ނަސޭހަތްތެރިވާކަން

ގާފަރު ކައުންސިލްގެ ބަސް - ޖާބިރުގެ ވާހަކަތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށް ގާފަރު ކައުންސިލުން ނެރުނު ބަޔާނުގައި ބުނީ، މަޖިލިސް ތަޅުމުގައި މެންބަރަކު ދައްކާ ވާހަކައަކުން އޭނާއަށް ފިޔަވަޅު ނޭޅޭ ގޮތަށް މެންބަރުންނަށް ލިބޭ އިމްތިޔާޒަކީ އެއްވެސް ހައްދެއް ނެތި ލިބޭ އިމްތިޔާޒެއް ނޫން ކަމަށެވެ.  ޖާބިރުގެ ވާހަކަތަކަކީ "އިސްލާމް ދީނުގެ އަސްލަކާ ހިލާފަށް އަދި ރާއްޖޭގެ ގާނޫނުތަކާވެސް ހިލާފު، ފިތުނަވެރި" ވާހަކަތަކެއްގެ ގޮތުގައި އެ ކައުންސިލުން ސިފަ ކުރި އެވެ.

"ޖާބިރު މަޖިލީހުގައި ދެއްކެވި ވާހަކައަކީ ކަމާ ބެހޭ ފަރާތްތަކުން ތަހުގީގުކޮށް ފިޔަވަޅު އަޅަން ޖެހޭ ކަމެއް ކަމުގައި މި ކައުންސިލުން ދެކެމެވެ" ކައުންސިލުގެ ހުރިހާ މެންބަރުން ސޮއިކުރައްވާފައިވާ ބަޔާނުގައިވެ އެވެ. "އެފަދަ ދަށު ދަރަޖައިގެ އަމަލުތައް ދާއިރާގެ މެންވަބަރުގެ ފުށުން ފަހަކަށް އައިސް ދެންނަމުން ދިޔުމަކީ ނުހަނު ހިތާމަ ކުރާ ކަމެއް."

އެނގުން މުހިންމު - ޖާބިރުގެ އެ ވާހަކަތައް މަޖިލީހުން ވެސް މިހާރު އަންނަނީ ބަލަމުންނެވެ. އަދި އޭނާ ހައްދުން ނެއްޓިފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ ވެސް ވަނީ ވިދާޅުވެފަ އެވެ.

ޖާބިރާ ހަވާލާދީ މިއަދު ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުން، އޭނާ ވަނީ އެ ވާހަކަތަކަށް މާފަށް އެދި، ތައުބާވެފަ އެވެ.

އިތުރަށް ކިޔާލަން -

ކޮމެންޓް (1)

ޗެއާމަން

2 އޮކްޓޯބަރު 2021
ޖާބެ މިފަހަރު ތަންފުކެއް މައްޗައް ދިޔައިމަ ބޮނޑި ބޮވުނީ މިއޮށް
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް