ކުރީގެ ރައީސް އަބްދުﷲ ޔާމީން. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ޔާމީން ޖޫރިމަނާ ނުދައްކަވާ މައްސަލައިގެ އަޑުއެހުންތައް އަންނަ މަހު ފަށަނީ

އޭޖީ އޮފީހުން އެދުނީ 5 މިލިއަން ޑޮލަރު އެކީ އެއްފަހަރާ ދައުލަތަށް ދެއްކުމަށް ޔާމީންގެ މައްޗަށް އަމުރުކޮށްދިނުމަށް
30 ސެޕްޓެމްބަރު 2021

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ، އެ މަނިކުފާނު ފަސް އަހަރަށް ޖަލަށްލައި 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރި ނަމަވެސް އެ ފައިސާ ދައްކަވާފައި ނުވާތީ އެޓާނީ ޖެނެރަލްގެ އޮފީހުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް އަންނަ މަހު ފަށަން ތާވަލުކޮށްފި އެވެ.

ވީ ކިހިނެއް؟ - ޔާމީނަށް ޖަލު ހުކުމެއް އިއްވައި 5 މިލިއަން ޑޮލަރުން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ހުކުމް ކުރީ 28 ނޮވެމްބަރު 2019ގަ އެވެ. އެ ފައިސާ ހަ މަސްދުވަހުގެ ތެރޭގައި މީރާއަށް ދައްކައި ހަލާސްކުރަން އެންގި ނަމަވެސް މިއަދާ ހަމައަށް ވެސް އެ ފައިސާ ދައްކަވާފައެއް ނުވެ އެވެ.

އެ ފައިސާ ހޯދަން އެޓާނީ ޖެނެރަލްގެ އޮފީހުން ސިވިލް ކޯޓުގައި ދައުވާކުރީ މިދިޔަ އޯގަސްޓް މަހުގެ 24 ގަ އެވެ. 

ބުނީ ކީކޭ؟ - އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ކޯޓުން އިސްނަގައިގެން ހުކުމް ތަންފީޒު ކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުގެ ދަށުން ކްރިމިނަލް ކޯޓުގެ އެ ހުކުމް ތަންފީޒުކުރުމުގެ މައްސަލަ ސިވިލް ކޯޓުގައި ރަޖިސްޓްރީކޮށް ކުރިއަށް ގެންދާ ކަމަށެވެ.

ކޯޓުން ވަނީ:

  • ފުރަތަމަ އަޑުއެހުން އޮކްޓޯބަރު 6 އަށް ތާވަލުކޮށްފައި 

  • އަޑުއެހުން އޮންނާނީ އެ ދުވަހުގެ ހެނދުނު 11:20 ގައި

ތަފްސީލް - ކޯޓުން އެންގި މުއްދަތުގައި ޔާމީން އެ ފައިސާ ނުދެއްކެވުމުން، ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގެ ދަށުން 30 ދުވަހުގެ ތެރޭގައި އެ ފައިސާ ދައުލަތަށް ދެއްކުމަށް އަންގައި 26 ޖޫން 2021 ގައި މީރާ އިން އެ މަނިކުފާނަށް ނޯޓިސް ފޮނުވި އެވެ. އެ ނޯޓިސްއާ ހަވާލުވެވަޑައިގެން ނަމަވެސް ނޯޓިސްގައިވާ މުއްދަތުގައި ވެސް އެ މަނިކުފާނު ފައިސާ ދައްކަވާފައެއް ނުވެ އެވެ.

އެ ގާނޫނުގައި ބުނެފައި ވަނީ:

  • ދައުލަތަށް ލިބެންޖެހި ނުލިބިވާ ފައިސާއެއް، އެ ފައިސާއެއް ދައްކަންޖެހޭ މުއްދަތުގައި ދައްކާފައި ނުވާ ނަމަ، އެ ފައިސާ ޝަރީއަތް މެދުވެރިކޮށް ހޯދުމުގެ އިހްތިޔާރު ބަންޑާރަނައިބަށް ލިބިގެންވާ ކަމަށް 

  • އޭޖީ އޮފީހުން ސިވިލް ކޯޓުގައި އެދުނީ ޔާމީންގެ ފަރާތުން ޖޫރިމަނާގެ ގޮތުގައި ދެއްކުމަށް އަމުރުކުރި 5 މިލިއަން ޑޮލަރު އެކީ އެއްފަހަރާ ދައުލަތަށް ދެއްކުމަށް އަމުރުކޮށްދިނުމަށް

އެނގުން މުހިންމު - ޔާމީންގެ ވަކީލުން ވިދާޅުވެފައިވަނީ، ކްރިމިނަލް ކޯޓުގެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައިވާއިރު އެ ހުކުމް ތަަންފީޒު ކުރުން ފަސްކުރުމުގެ އަމުރަކަށް އެދިފައިވާނެ ކަމަށެވެ. އަދި ސުޕްރީމް ކޯޓުގައި އިސްތިއުނާފު ނުނިމި އޮއްވައި ޖޫރިމަނާ ފައިސާ ހޯދަން ދައުލަތުން ދައުވާ ކުރަނީ ޔާމީނަށް ފުރައްސާރަ ކުރުމަށް ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް