އަލަށް އާބާދުވަމުން އަންނަ ހުޅުމާލޭގެ ދެ ވަނަ ފޭސް: މާލޭގެ ރައްޔިތުންނަށް ގޯތި ދޭ ތަންތަނުގެ ތެރޭގައި މި ތަން ހިމެނޭ. (ދައުރު ފައިލް ފޮޓޯ/ މުޒައްޔިން ނާޒިމް)
ދައުރު ޕޯލް: މާލޭ މީހުންނަށް އެކަނި ގޯތި ދިނުމަކީ ބޭއިންސާފެއް
ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް، ސަރުކާރުން މިފަހުން އިއުލާނުކޮށްފައިވާ ގޮތަށް ހަމައެކަނި މާލޭގެ ރަށްވެހިންނަށް މީހުންނަށް ގޯތި ދިނުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށް، އެކަމާ ގުޅޭ ގޮތުން އާއްމުންގެ ހިޔާލު ހޯދުމަށް ކުރިއަށް ގެންދިޔަ 'ދައުރު ޕޯލް'ގައި ބައިވެރިވި ގިނަ ބަޔަކު ވޯޓު ދީފި އެވެ.
ވީ ކިހިނެއް؟ - މާލޭ މީހުންނަށް ދޫކުރާ ގޯއްޗާއި ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު ސަރުކާރުން ހުޅުވާލުމާ އެކު، އެކަމާ ގުޅޭ ގޮތުން އާއްމުންގެ ހިޔާލު ހޯދުމަށް 'ދައުރު ޕޯލް' ހުޅުވާލީ މިދިޔަ ހޮނިހިރު ދުވަހު އެވެ. މި ޕޯލް ކުރިއަށް ގެންދިޔަ ފަސް ދުވަހުގެ ތެރޭގައި 409 ވޯޓު ލިބިފައިވެ އެވެ.
ތަފްސީލު - ޕޯލްގެ މުއްދަތު ހަމަވިއިރު ލިބުނު ނަތީޖާއަށް ބަލާއިރު، މާލޭ މީހުންނަށް އެކަނި ގޯތި ދިނުމަކީ:
-
ބޭއިންސާފެއް ކަމަށް: %46.9
-
އިންސާފުވެރި ގޮތެއް ކަމަށް: %35.5
-
ގޯތި ދިނަސް އެ ގޯތި ހިލޭ ދީގެން ނުވާނެ ކަމަށް: %17.6
ގޯއްޗަށް ކުރިމަތިލެވޭ ފަރާތްތައް:
-
މާލޭގައި އެއްވެސް ބިމެއް ނެތް މާލޭ ރައްޔިތުން
-
މާލޭގައި 600 އަކަފޫޓަށް ވުރެ ކުޑަ ބިމެއް ނެތް އަދި އެ ވަރުގެ ވާރުތަވާ ބިމެއް ނެތް ފަރާތްތައް
-
މާލޭގައި 600 އަކަފޫޓަށް ވުރެ ކުޑަ ބިމެއް ވާރުތަވާ ފަރާތްތައް
-
މާލޭގައި 600-1،000 އަކަފޫޓާ ދެމެދުގެ ބިމެއް ވާރުތަވާ ފަރާތްތައް
އެނގުން މުހިއްމު - 'ބިންވެރިޔާ ގެދޮރުވެރިޔާ' ސްކީމްގެ ދަށުން 3،000 ގޯތި ދޫކުރަން ނިންމާފައިވަނީ ހުޅުމާލޭންނާއި ގުޅީފަޅު ހިއްކައިގެންނެވެ.
ހިލޭ ގޯތި ދޫކުރުމަކީ އެންމެ ރަނގަޅު އަދި އެންމެ އިންސާފުވެރި ގޮތެއް ނޫން ކަމަށް ވިދާޅުވެ، އެކަން ބަލައިދިނުމަށް އެދި ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވަނީ މަޖިލީހަށް ސިޓީއެއް ވެސް ހުށަހަޅުއްވާފަ އެވެ.