ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތް 30 ނޮވެމްބަރު 2021ގައި ސުޕްރީމް ކޯޓުގައި ކުރިއަށް ދިޔަ އިރު، އެ ކޯޓުގެ ކައިރިން މީހަކު ހިނގާފައި ދަނީ. (ދައުރު ފޮޓޯ/އަނާމް އަޒްމީލް)

ސުޕްރީމް ކޯޓު

'އިންޑިއާ އައުޓް' ގަރާރުގެ މައްސަލަ ރަޖިސްޓްރާ ބަލައިނުގަތުމުން ސުޕްރީމް ކޯޓުގެ ބެންޗަށް

ރައީސްގެ ގަރާރު ބާތިލު ކަމަށް ކަނޑައަޅައިދޭން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ 'ދިޔަރެސް' ނޫހުގެ ތިން ފައުންޑަރުން

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ހިންގާ 'އިންޑިއާ އައުޓް' ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ބުނެ އެކަން ހުއްޓުވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި ރިޔާސީ ގަރާރު ބާތިލުކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުގެ ރަޖިސްޓްރާ ނިންމެވުމުން އެ ނިންމުން އެ ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި މިއަދު އިސްތިއުނާފުކޮށްފި އެވެ.

މައްސަލައިގެ ފެށުން - 'އިންޑިއާ އައުޓް' ހަރަކާތަކީ:

  • އެކި އެކި ނަންމުގައި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށާއި އެ ގައުމާއި ރާއްޖެއާ ދެމެދު ހަދާފައިވާ އަސްކަރީ އެއްބަސްވުންތައް ހާމަކުރުމަށާއި އިންޑިއާ އިން ރާއްޖޭގެ ދާހިލީ ކަންކަމަށް އަތްބާނާ ކަމަށް ބުނެ އެ ކަންކަން ހުއްޓުވަން ގޮވާލާ އިދިކޮޅުން ހިންގަމުންދާ ކެމްޕެއިނެއް

  • އެ ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ވިދާޅުވެ އެކަން ހުއްޓުވުމަށް ދައުލަތުގެ އިދާރާތަކަށް އަންގައި މިދިޔަ އޭޕްރިލް 21 ވަނަ ދުވަހު ރައީސް ސޯލިހު ވަނީ ގަރާރެއް ނެރުއްވާފައި

ވީ ކިހިނެއް؟ - އެކަމަކު، އެއީ ގާނޫނުއަސާސީއާ ހިލާފަށް ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްގު ހަނިކޮށް ނެރުނު ގަރާރެއް ކަމަށް ބައެއް ވަކީލުން ބުނާއިރު، އެ ގަރާރު ބާތިލުކުރުމަށް 'ދިޔަރެސް' ނޫހުގެ ތިން ފައުންޑަރުން ވަނީ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅައިފަ އެވެ. އެއީ:

  • އަހުމަދު އަޒާން މަރުޒޫގު

  • ޝިފްޒާން އަހުމަދު

  • އަހުމަދު އިބްރާހިމް (ޕޮކަންޑި)

ވީ ކިހިނެއް؟ - އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ކޯޓުގެ ރަޖިސްޓްރާ ނިންމެވީ މައްސަލަ ބަލައިނުގަތުމަށެވެ. އެއީ އެ މައްސަލައަކީ "އާންމު މަސްލަހަތާ ގުޅުންހުރި، ދުސްތޫރީ މައްސަލައަކަށް ނުވާތީ" ކަމަށް ރަޖިސްޓްރާގެ ނިންމުމުގައިވެ އެވެ.

ރަޖިސްޓްރާގެ ނިންމުން މިހާރު ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި އިސްތިއުނާފުކޮށްފަ އެވެ. އެކަމަކު، ބެންޗުން އަދި އެ މައްސަލަ ބަލައިގަތުމާ މެދު ގޮތެއް ނުނިންމަ އެވެ.

ތަފްސީލު - އެ މީހުންގެ ފަރާތުން ހުށަހެޅި މައްސަލައިގައި ވަނީ ރައީސްގެ ގަރާރަކީ ގާނޫނުއަސާސީއާ ހިލާފަށް ރައީސްއަށް ލިބިގެންވާ ބާރުތަކުގެ ބޭރުން ނެރެފައިވާ ގަރާރެއް ކަމަށެވެ. އެގޮތުން އެ މައްސަލައިގައި ބުނެފައި ވަނީ:

  • ރައީސަށް ލިބިގެންވާ ބާރުތަކުގެ ތެރޭގައި އަސާސީ ހައްގެއް ހިފެހެއްޓުން ނުހިމެނޭ ކަމަށް

  • ރައީސްގެ ގަރާރަކީ "ގާނޫނެއް"ގެ މާނައިގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށާއި ގާނޫނެއް ހެދުމުގެ ބާރު ރައީސްއަށް ލިބިގެން ނުވާ ކަމަށް

  • ރައީސްގެ ބާރުތަކުގެ ތެރޭގައި ވަކި އަމަލެއްގައި ނުވަތަ ހަރަކާތެއްގައި ގާނޫނެއްގައި ބަޔާންކުރާ ޖިނާއީ ކުށެއްގެ އުންސުރު ނުވަތަ މަދަނީ ގޯހެއް (ޓޯޓެއް)ގެ އުންސުރު ފުރިހަމަވޭތޯ ނުވަތަ ނުވޭތޯ ކަނޑައެޅުން ނުހިމެނޭ ކަމަށް

  • ޕްރޮސެކިއުޓާ ޖެނެރަލްއަށް ލިބިގެންވާ ފަދަ އަމުރު ނެރުމުގެ ބާރު ރައީސްއަށް ލިބިގެން ނުވާ ކަމަށް

ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ވަނީ، ރައީސްގެ ގަރާރުގައި ނެރުނު އަމުރުތަަކަށް ތަބާނުވުމަކީ ގާނޫނުއަސާސީގެ 64 ވަނަ މާއްދާއިން ކޮންމެ މީހަކަށް ލިބިގެންވާ އަސާސީ ހައްގެއް ކަމަށް ބުނެ، އެ އަމުރަކީ ގާނޫނުއަސާސީގެ 268 ވަނަ މާއްދާގެ ދަށުން ބާތިލު އަމުރެއް އަދި ގަރާރެއް ކަމަށް ކަނޑައަޅުއްވައި ދިނުމަށެވެ.

ގުޅުންހުރި ކަމެއް - މީގެ ކުރިން ޕީޕީއެމްގެ ފަރާތުން ވެސް ވަނީ ގަރާރުގެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފަ އެވެ. އެކަމަކު، އެ މައްސަލައިގައި މަގުބޫލު އުޒުރެއް ނުދައްކައި ވަކީލުން ކޯޓަށް ހާޒިރުނުވުމުން ސިިވިލް ކޯޓުން ވަނީ އެ މައްސަލަ ބޭރުކޮށްލައިފަ އެވެ. އެ މައްސަަލަ އިސްތިއުނާފު ކުރާނެ ކަމަށް ޕީޕީއެމް ތަމްސީލު ކުރައްވާ ވަކީލު ބައެއް މީޑިއާތަކުގައި ވަނީ ވިދާޅުވެފަ އެވެ.

އެނގުން މުހިންމު - ރައީސް ނެރުއްވި ގަރާރުގައި ވަނީ، 'އިންޑިއާ އައުޓް' ކެމްޕޭނަކީ ރާއްޖޭގެ ސުލްހަ މަސަލަސްކަން ނަގާލުމުގެ ނިޔަތުގައި، ރާއްޖެ އާއި އިންޑިއާއާ އެކު އޮތް ޒަމާންވީ ބަދަހި ގުޅުމަށާއި ރާއްޖޭގެ ތަރައްގީ އަށާއި މި ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމާއި އަމަންއަމާންކަން ދެމެހެއްޓުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރަމުން އަންނަ މުހިންމު މަސައްކަތަކަށް ހުރަސްއެޅުމަށް ރާވައިގެން ހިންގަމުންގެންދާ ކެމްޕޭނެއް ކަމަށެވެ. އަދި އެއީ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކަށް ވެސް ނުރަނގަޅު އަސަރު ކޮށްފާނެ ކަމެއް ކަމަށް ވެ އެވެ.

އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންވުމާ އެކު 'އިންޑިއާ އައުޓް' ހަރަކާތް އިތުރަށް ވަރުގަދަކޮށް މުޅި ރާއްޖެއަށް ވަނީ ފުޅާކޮށްފަ އެވެ. އެގޮތުން އެކި އެކި ރަށްތަކުގައި ބޮޑެތި ހިނގާލުންތައް ބޭއްވުމުގެ އިތުރުން ޔާމީން ބައިވެރިވެވަޑައިގެންނެވި ޖަލްސާތައް ވެސް ބޭއްވި އެވެ.

މާލޭގެ އެކި އިމާރާތްތަކުގެ އިތުރުން ޕީޕީއެމް އޮފީސް އަދި ޔާމިންގެ ގޭގެ އިމާރާތުގައި 'އިންޑިއާ އައުޓް' ޖެހި ބޮޑު ބެނާ ދެމި ނަމަވެސް، ރައީސްގެ ގަރާރަށް ފަހު ފުލުހުން ނުކުމެ އެ ބެނާތައް ނެގި އެވެ. އަދި 'އިންޑިއާ އައުޓް' ހަރަކާތުގެ ތެރެއިން ބޭއްވި އެއްވުންތަކުން ބައެއް މީހުން ހައްޔަރުކޮށްފައި ވެސް ވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް