ކޫއްޑޫ އެއާޕޯޓަށް ރޭ ދަންވަރު 3 ޖެހިއިރު ފުރަން ދިޔަ މީހުން ފްލައިޓް ޑިލޭވޭ އެއާޕޯޓްގައި: އެ އެއާޕޯޓްގައި އަސާސީ ހިދުމަތްތައް ވެސް ނެތް (ފޮޓޯ/ކިޔުންތެރިއެއް)

ކޫއްޑޫ އެއާޕޯޓްގައި 6 ގަޑިއިރު؛ ފެންފޮދެއް ވެސް ނުލިބި ކޮޅަށް

ކޫއްޑޫ އެއާޕޯޓުން އަސާސީ ހިދުމަތްތައް ވެސް ނުލިބުމަކީ އަތޮޅުގެ ވަރަށް ގިނަ ރައްޔިތުން އަބަދު ކުރާ ޝަކުވާއެއް؛ އެ ޝަކުވާތަކަށް ހައްލެއް ލިބޭނޭ މަގެއް އަދި ނުފެނޭ

އައިމިނަތު ޒުހޭރާ (އަސްލު ނަމެއް ނޫން) މާލެ އައުމަށް ޓަކައި ގއ. ވިލިނގިލިން ކައިރީގައި އޮންނަ ކޫއްޑޫ އެއާޕޯޓަށް އަށް ދިޔައީ ރޭ ދަންވަރު 3:50ގައި ފުރަން އޮތް މޯލްޑިވިއަންގެ ފްލައިޓުން މާލެ އައުމަށެވެ. ކޫއްޑޫ އާއި މާލެއާ ދެމެދު އެއީ ގަޑިއެއްހާ އިރުގެ ދަތުރެއް ނަމަވެސް ޒުހޭރާ އާއި އެ ފްލައިޓުން މާލެ އައުމަށް ކޫއްޑޫ އެއާޕޯޓަށް ދިޔަ 12 ވަރަކަށް މީހުން ތިބީ އަދި ވެސް ނުފުރި އެ އެއާޕޯޓްގައި ތާށިވެފަ އެވެ. އެ މީހުން ފުރަން އޮތް މޯލްޑިވިއަންގެ ބޯޓަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ފްލައިޓް ކެންސަލް ކުރަން ޖެހުމުން ކޫއްޑޫ އެއާޕޯޓްގައި އެ އެންމެން ތިބޭތާ މިހާރު ހަ ގަޑިއިރަށްވުރެ ގިނައިރުވީ އެވެ.

ޒުހޭރާ ބުނި ގޮތުގައި ބޯޑިން ޕާސް ދީފައި އޮތުމުން އެއާޕޯޓުން ނުކުތުމުގެ ހުއްދައެއް ނެތެވެ. އަދި ލޯންޗެއް ކުއްޔަށް ނަގައިގެން އަނބުރާ ވިލިނގިއްޔަށް ދާން ޖެހެމުަކީ ވެސް އިތުރު ހަރަދެކެވެ. ޒުހޭރާ އާއި ދެން ތިބި އެހެން މީހުންނަށް ވެސް އޮތް ހަމައެކަނި ގޮތަކީ އާ ބޯޓެއް އެ މީހުން ބަލައި އަންނަން ދެން ތިބުމެވެ. ޒުހޭރާ ބުނީ މި ފަހަކަށް އައިސް މި މައްސަލަ ދިމާވުން އާންމުވެފައިވާ ކަމަށެވެ.

ފްލައިޓް ޑިލޭވުމުގެ މައްސަލަ ދިމާވިއަސް މޯލްޑިވިއަންއާ ދޭތެރޭ އޮތް ޝަކުވާއަށް ވުރެވެސް ބޮޑަށް އެ މީހުންގެ ޝަކުވާ އޮތީ ކޫއްޑޫ އެއާޕޯޓާ މެދު އެވެ.

ކޫއްޑޫ އެއާޕޯޓަށް ރޭ ދަންވަރު 3 ޖެހިއިރު ފުރަން ދިޔަ މީހުން ފްލައިޓް ޑިލޭވޭ އެއާޕޯޓްގައި: އެ އެއާޕޯޓްގައި އަސާސީ ހިދުމަތްތައް ވެސް ނެތް (ފޮޓޯ/ކިޔުންތެރިއެއް)

"މިއީ އަޅުގަނޑަށް މިކަން ދިމާވި ދެވަނަ ފަހަރު. އަސްލު މޯލްޑިވިއަން ނޫން އެއާލައިނެއް މިތަނަކަށް ދަތުރެއް ނުކުރޭ. އެހެންވެ، އެ މީހުންނަށް ވެސް ސާވިސް ނުދެވި އެ ދަނީ. އަޅުގަނޑަށް އޮތް މައްސަލައަކީ މި އެއާޕޯޓަކީ ހިދުމަތެއް ލިބެން ނެތް ތަނަކަށް ވުން،" ހަ ގަަޑިއިރު އެއާޕޯޓްގައި މަޑުކުރަން ޖެހުމުން ލިބިފައި ހުުރި ވަރުބަލިކަމުގައި ޒުހޭރާ ވާހަކަ ފެށި އެވެ.

އޭނާ ބުނި ގޮތުގައި އެއާޕޯޓްގައި މީހުން ގިނަވެއްޖެ ނަމަ އިށީންނާނޭ ގޮނޑިއެއް ވެސް އެއާޕޯޓްގެ ވެއިޓިން ސަރަހައްދުގައި ނެތެވެ. އެތަނުގައި ހުންނަނީ އެންމެ ގޮނޑިބަރިއެއް ކަމަށް ޒުހޭރާ ބުންޏެވެ. އެއީ ގާތްގަނޑަކަށް ހަތަރު ވަރަކަށް ގޮނޑި އެވެ. ރޭ ނުފުރުމުން އެއާޕޯޓްގައި މަޑުކުރަން ޖެހުނު މީހުންގެ ތެރޭގައި ދުވަސްވީ މީހުންނާއި ބަލިމީހުންނާއި ކުޑަކުދިން ތިބި ނަމަވެސް އެ މީހުންނަށް އޮތީ ބިންމަތީ ފަދަ ތަންތާ އިށީންދެގެން ތިބުމެވެ. ރޭ ނިދަން ޖެހުނީ ވެސް އެ ހާލުގަ އެވެ.

ކޫއްޑޫ އެއާޕޯޓް: އެ އެއާޕޯޓްގައި އިށީންނާނެ ގޮނޑިވެސް އެކަށީގެންވާ އަދަދަށް ނެތް (ފޮޓޯ/ކިޔުންތެރިއެއް)

"ގިނަ މީހުން އެކި ތަންތާ އިށީންދެ ތިބީ. މިތާ ގޮނޑިއެއް ހުރިއެއް ނޫން. ޓޫރިސްޓުން ވެސް އަންނަ މި އެއާޕޯޓް މި ފެންވަރުގައި ހުރީމާ ވަރަށް ގޯސް ފެންވަރެއް މިއީ،" ޒުހޭރާ ބުންޏެވެ.

ދަންވަރު ކަމަށް ވުމުން އެއާޕޯޓްގައި ހުރި ކުޑަ ކެފޭ ވެސް ހުރީ ބަންދުކޮށްފަ އެވެ. އެހެންވެ، އެއާޕޯޓުން ރޭ ދަންވަރު ބޯ ފެންފޮދެއް ވެސް ނުލިބުނު ކަމަށް އޭނާ ބުންޏެވެ. އެ މީހުންނަށް ފެން ފޮދެއްހާ ހިސާބު ވެސް ލިބުނޫ ހެނދުނު އެއާޕޯޓްގައި ހުންނަ ކެފޭ ހުޅުވުމުން ކަމަށް ޒުހޭރާ ބުންޏެވެ. އޭނާ ބުނި ގޮތުގައި އެތަނުން ރަނގަޅު ކާ އެއްޗެއް ވެސް ނުލިބެ އެވެ.

"މިތަނުގައި ހުންނަ ކެފޭ ބަންދުކޮށްފިއްޔާ ބޯ ފެންފޮދެއް ލިބޭނޭ ގޮތްވެސް މިތާ ނުހުރެ. ކެފޭގައި ވެސް ހެދިކާ ކަހަލަ އެއްޗިހި ހުންނަނީ. އަނެއްހެން އެއްޗެއް ނުހުރޭ. އަޅުގަނޑު ގަބޫލެއް ނުކުރަން އެތައް ބަޔަކު ބޭނުންކުރާ އެއާޕޯޓް ހުންނަންވާނީ މި ފެންވަރުގައެކޭ،" ޒުހޭރާ ބުންޏެވެ.

ކޫއްޑޫ އެއާޕޯޓަށް ރޭ ދަންވަރު 3 ޖެހިއިރު ފުރަން ދިޔަ މީހުން ފްލައިޓް ޑިލޭވޭ އެއާޕޯޓްގައި: އެ އެއާޕޯޓްގައި އަސާސީ ހިދުމަތްތައް ވެސް ނެތް (ފޮޓޯ/ކިޔުންތެރިއެއް)

އޭނާގެ އަނެއް ޝަކުވާ އަކީ ފާހާނާ ވެސް ހަލާކުވެ ވަރަށް ބޮޑަށް ހަޑިވެފައި ހުރުމެވެ. އަދި ފާހާނާގެ ސާފު ތާހިރުކަން ރަނގަޅަށް ބަލަހައްޓަމުން ވެސް ނުދެ އެވެ. އޭނާ ބުނި ގޮތުގައި ފާހާނާ ކުރުމާއި ބޯފެން ލިބެން ހުރުމަކީ އަސާސީ ހިދުމަތަކަށްވާއިރު އެ ހިދުމަތްތައް ވެސް އެއާޕޯޓުން ނުލިބުމަކީ އަތޮޅުގެ ވަރަށް ގިނަ ރައްޔިތުން އަބަދު ކުރާ ޝަކުވާ އެކެވެ. އެކަމަކު އެ ޝަކުވާތަކަށް ހައްލެއް ނުލިބެ އެވެ. އަވަސް މުސްތަގުބަލެއްގައި ލިބެން އޮތް ތަނެއްވެސް ނުފެނެ އެވެ.

"މި ޝަކުވާތަކަށް ހައްލެއް ނާދޭ. ފްލައިޓެއް ޑިލޭ ވެއްޖިއްޔާ މި ހާލުގައި އުޅެން މިޖެހެނީ،" ޒުހޭރާ ބުންޏެވެ. އެ މީހުންނަށް ފުރޭނޭ ކަމަށް މިހާރު ލަފާ ކުރެވެނީ މިއަދު މެންދުރު 12 ޖަހާއިރު އެވެ. އެއީ މޯލްޑިވިއަނުން އެހެން ފްލައިޓެއް ފޮނުވައިގެންނެވެ. ސްކޫލް ބަންދާއި އީދު އަދި ޖުލައި 26 ބަންދު އެކުވެގެން މި ދުވަސްވަރު މޯލްޑިވިއަންގެ ފްލައިޓްތަކަށް ވަނީ ބާރުވެސް ބޮޑުވެފަ އެވެ.

ކޫއްޑޫ އެއާޕޯޓްގައި ޓޫރިސްޓުންތަކެއް މަޑުކޮށްލައިގެން
ކޫއްޑޫ އެއާޕޯޓް

ކޫއްޑޫ އެއާޕޯޓް ހިންގަނީ ޕްރިސްޓީން އައިލެންޑް އިންވެސްޓްމަންޓް ކިޔާ ކުންފުންޏަކުންނެވެ. ކޫއްޑޫ އެއާޕޯޓް ހަދައިގެން ހިންގާތީ އެ ކުންފުންޏަށް ދެ ރިސޯޓް ހެދުމަށް ސަރުކާރުން ފަޅު ރަށަކާއި ކޫއްޑޫގެ ބޮޑު ސަރަހައްދެއް ދީފައިވެ އެވެ. އެގޮތުން އެ ކުންފުނިން ކޫއްޑޫގައި ތަރައްގީ ކުރި ރިސޯޓް "މާކިޔާ ކޫއްޑޫ މޯލްޑިވްސް"ގެ ނަމުގައި އަންނަނީ ހިންގަމުންނެވެ. އަދި ގއ. އިން އެ ކުންފުންޏަށް ދިން ރަށުގައި "ޕުލްމަން މޯލްޑިވްސް މާމުތާ"ގެ ނަމުގައި އަންނަނީ ރިސޯޓް ހަދާ ހިންގަމުންނެވެ.

އެކަމަކު އެ ރިސޯޓްތަކުގެ ފެންވަރާއި ބޮޑު އޮޕަރޭޝަނާ އަޅާ ބަލާއިރު އެއާޕޯޓް ފެންނަނީ ވަރަށް ފެންވަރު ދަށްކޮށެވެ. އެ ދެ ރިސޯޓަށް އަންނަ މީހުން ވެސް އެއާޕޯޓް ބޭނުން ކުރި ނަމަވެސް އެއާޕޯޓަށް ލިބޭ ކުރިއެރުމެއް ނެތެވެ. އަދި އެ ކުންފުނިން ވެސް އެއާޕޯޓްގެ ހާލަތު ރަނގަޅު ކުރަން ކުރާ މަސައްކަތެއް ވެސް ނުފެންނަ ކަމަށް ގއ އަތޮޅުގެ މީހުން ބުނެ އެވެ.

ކޫއްޑޫ އެއާޕޯޓްގެ ކަންކަމާ ގުޅޭ ގޮތުން ކޮމެންޓެއް ހޯދުމަށް ޕްރިސްޓީން އައިލެންޑާ ގުޅަން ކުރި މަސައްކަތް ކާމިޔާބުވާ ގޮތެއް ނުވި އެވެ.

ކޮމެންޓް (2)

ޙުވަދު

1 ޖުލައި 2022
ޥ ދެރަ ކަމެއް މިި
0 0

އެއާޕޯޓް ސްޓާފް

1 ޖުލައި 2022
ތިހުންނަނީ ފުރަން އަންނަ މީހުނަށް ވާ އުދަގޫ. ދެންް ވިސްނާލާ އެއާޕޯޓްގަ މަސަތްކަތް ކުރާ ސްޓާފުން އުޅެން ޖެހޭ ހާލު
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް