ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ. (ފޮޓޯ/މަޖިލިސް)

ސިވިލް ކޯޓު

10 މިލިއަން ރުފިޔާ ހޯދަން މެމްބަރު ސަލީމް 'ދިޔަރެސް' ނޫސް ގޮވައިގެން ކޯޓަށް

'ދިޔަރެސް ނޫހު'ގެ އިތުރުން އެ ނޫހުގެ މަސްއޫލުވެރިޔާ ހީނާ ވަލީދުގެ މައްޗަށް ވެސް ދައުވާ ކުރޭ

'ދިޔަރެސް' ނޫހުން ހަގީގަތާ ހިލާފު ދޮގު ވާހަކަ ފެތުރި ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް، ބަދަލުގެ ގޮތުގައި 10 މިލިޔަން ރުފިޔާ ހޯދުމަށް ސިވިލް ކޯޓަށް ހުށަހަޅުއްވައިފި އެވެ.

ވީ ކިހިނެއް؟ - އޭނާ ދައުވާކޮށްފައި ވަނީ:

  • ދިޔަރެސް ނޫހުގެ މައްޗަށް

  • އެ ނޫހުގެ މަސްއޫލުވެރިޔާގެ ހައިސިއްޔަތުން އިދިކޮޅު ކޯލިޝަނުގެ ތަރުޖަމާނު ހީނާ ވަލީދުގެ މައްޗަށް

މައްސަލައިގެ ފެށުން - ސޯޝަލް މީޑިއާގައި މި ދޭތެރެއިން އާއްމުވި ބަދުއަހްލާގީ އަމަލު ހިންގާ ވީޑިއޯއެއްގައި ސަލީމް ފެންނަ ކަމަށް މިދިޔަ އާދިއްތަ ދުވަހު ދިޔަރެސް ނޫހުން ރިޕޯޓުކޮށްފައިވެ އެވެ. އޭގައި ބުނެފައިވާ ގޮތުން، އެއް ޖިންސުން ގުޅުން ހިންގާ އެ ވީޑިއޯގައި ސަލީމްގެ މޫނު ނުފެނުނަސް، ދެ ވަނަ މީހަކަށް އެ ވީޑިއޯ އިން އެ ފެންނަނީ ސަލީމް އެވެ.

ތަފްސީލް - މި މައްސަލައާ ގުޅިގެން ސަލީމް މިއަދު އާއްމު ކުރެއްވި ބަޔާނެއްގައި ވިދާޅުވީ، ދޮގު މައުލޫމާތު ފަތުރައި އޭނާއަށް ގެއްލުން ދިނުމުގެ މަގުސަދުގައި އެ ލިޔުން ޝާއިއުކޮށްފައިވާތީ، އެކަމުން ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުން 10 މިލިޔަން ރުފިޔާ ހޯދުމަށް ދައުވާ ކުރައްވާފައިވާ ކަމަށެވެ. 

ބުނީ ކީކޭ؟ - އޭނާ ވިދާޅުވީ:

  • ވީޑިއޯގައި ނުފެންނަ މީހެއްގެ ގޮތުގައި ސަލީމް ހަރަކާތްތެރިވެވަޑައިގަންނަވާ ކަމަށް ބުނި އިރު އޭގެ ހަގީގަތް ހޯދުމަށް އޭނާއާ ސުވާލެއް ވެސް ނުކުރޭ

  • އެއީ ސޯޝަލް މީޑިއާގައި އުޅޭތާ އެތައް ދުވަހެއް ވެފައިވާ ވީޑިއޯއަކަށް ވާއިރު، ހަބަރު ލިޔެފައި ވަނީ އެއްވެސް ޒިންމާދާރުކަމެއް ނެތި

ސަލީމް ވިދާޅުވީ މި މައްސަލައިގައި އޭނާއަށް ލިބިވަޑައިގެންނެވި ގެއްލުމުގެ ބަދަލު ހޯއްދެވުމަށް ދައުވާ ކުރެއްވުމުގެ އިތުރުން، ސޯޝަލް މީޑިއާ އާއި އެހެން ތަންތަނުގައި އެއީ ހަގީގަތެއްކަން ދައްކަން ލިޔުންތަކާއި ޕޯސްޓްތައް ކުރި ވަކިވަކި މީހުންނާ މެދު ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް އޭނާގެ ވަކީލުންގެ ޓީމުން ކުރަމުން އަންނަ ކަމަށެވެ. 

ސަލީމް ވަނީ އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ދޮގު ކުރައްވާފަ އެވެ. އޭނާ ވިދާޅުވީ ރާއްޖޭގެ ގާނޫނުތަކާއި އިސްލާމީ ޝަރީއަތުގައި ކުށެއް ކަމަށް ކަނޑައަޅާފައިވާ ފަަދަ އަމަލެއް ކުރައްވާފައި ނުވާނެ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް