މެންބަރު ޖާބިރު: އޭނާ މިއަދު މަޖިލީހުގައި ދެއްކި ވާހަކަތަކުގެ މައްސަލަ ބަލަމުންދާ ކަމަށް މަޖިލިސް އިދާރާއިން ބުނޭ

ދީނީ މިނިވަންކަމަށް ޖާބިރު ގޮވާލުމުން މަޖިލީހުން މައްސަލަ ބަލަން ފަށައިފި

މެންބަރަކު އިސްލާމްދީނުގެ އަސްލަކާ ހިލާފުނުވާ ގޮތަށް ތަޅުމުގައި ދައްކާ ވާހަކައަކާ ގުޅިގެން އޭނާއާ ސުވާލުކޮށް މައްސަލަ ބަލާ ނުހެދޭނެ

ރާއްޖޭގައި ދީނީ މިނިވަންކަމަށް ޖާގަ ދިނުމަށް ގޮވަލައި، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު މިއަދު ދެއްކެވި ވާހަކައިގެ މައްސަލަ ބަލަަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެފި އެވެ.

މައްސަލަ ފެށުނު ގޮތް - މިއަދު މަޖިލިސް ޖަލްސާގައި ހެއްކާ ބެހޭ ބިލަށް ބަހުސް ކުރައްވަމުން ޖާބިރު ވިދާޅުވީ، މާތްﷲ ވޮޑިގެންވާކަން އޭނާ ގަބޫލުކުރައްވާ ކަމަށާއި ނަމަވެސް ދީނީ މިނިވަންކަން ރާއްޖޭގައި ދޭން ޖެހޭ ކަމަށެވެ. އަދި އެއީ އިސްލާމް ދީނާ ހިލާފު ކަމެއް ނޫން ކަމަށް ބުނެ އޭނާ ވަކާލާތުކުރެއްވި އެވެ.

ބުނީ ކީކޭ؟ - މަޖިލީހުގެ ޑިރެކްޓާ އޮފް ކޮމިއުނިކޭޝަން ހަސަން ޒިޔާއު 'ދައުރު'އަށް މިއަދު ވިދާޅުވީ، ޖާބިރު ދެއްކެވި ވާހަކަތައް މަޖިލިސް އިދާރާއިން ބަލަމުންދާ ކަމަށެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލެއް އޭނާ ވިދާޅެއް ނުވެ އެވެ. 

ޖާބިރުގެ ވާހަކަތައް - ޖާބިރު މިއަދު މަޖިލީހުގައި އެގޮތަށް ވިދާޅުވީ ގުރުއާންގެ ސޫރަތުލް ކާފިރޫންގައިވާ ހަތަރު ވަނަ އާޔަތް ވިދާޅުވަމުންނެވެ. ޖާބިރު ވިދާޅުވި އާޔަތުގެ މާނައަކީ "ތިޔަ ބައި މީހުންނަށް ތިޔަ ބައި މީހުންގެ ދީނެވެ. އަދި ތިމަން ކަލޭގެ ފާނަށް ތިމަން ކަލޭގެ ފާނުގެ ދީނެ"ވެ. 

"ޝަރީއާ ތަހުޒީބު، ގުރުއާން ތަހުޒީބު. ﷲ ވޮޑިގެންވޭ. ﷲ ސުބުހާނަހޫ ވަތައާލާގެ މިންވަރުފުޅުން އަޅުގަނޑުމެންނަކީ ސުންނީ މުސްލިމުން. މި ރާއްޖޭގައި މާ މޮޅު ދީންވެރިއަކު ނެތް. އެންމެން ނަމާދުކުރޭ. އެހެން ދީންތަކަށް، މި ރާއްޖޭގައި ނަމާދުކޮށް އުޅެވޭނޭ ގޮތުގެ މައްޗަށް. 'لَكُمْ دِينُكُمْ وَلِيَ دِينِ' މިގައުމުގައި އުފައްދަން އެބަ ޖެހޭ. މާނައަކީ، އެހެން ދީންތަކުގެ މީހުން ނަމާދުކޮށް މިތާގައި އުޅެވެން ވާނެއޭ. މި ރާއްޖެ މިއީ ޔުނިވާސަލް ޕްރެކްޓިސްއެއް އޮންނަން ޖެހޭ،" ޖާބިރު މިއަދު ޖަލްސާގައި ވިދާޅުވެފައިވެ އެވެ.

އެންގުން މުހިންމު - ގާނޫނުއަސާސީން މެމްބަރުންނަށް ލިބޭ ހާއްސަ އިމްތިޔާޒުތަކުގެ ދަށުން މެންބަރަކު ތަޅުމުގައި ދައްކާ ވާހަކައެއް އިސްލާމްދީނުގެ އަސްލަކާ ހިލާފުނުވާހާ ހިނދަކު އޭނާގެ މައްސަލަ ބަލައި އެއްވެސް ފިޔަވަޅެއް ނޭޅޭނެ އެވެ. ބެލެވޭ ގޮތުގައި މަޖިލީހުން ބަލަނީ އޭނާ ދެއްކި ވާހަކައަކީ އިސްލާމް ދީނުގެ އަސްލަކާ ހިލާފު ވާހަކައެއްތޯ އެވެ.

ދީނީ މިނިވަންކަމަށް ޖާބިރު ގޮވާލެއްވި ނަމަވެސް، އެއީ ރާއްޖޭގެ ގާނޫނުއަސަސީއާ ހިލާފު ކަމެކެވެ. އަދި މީގެ ކުރިން މަޖިލިސް ތަޅުމުގައި މިހާތަނަށް އެއްވެސް މެންބަރަކު ރާއްޖޭގައި ދީނީ މިނިވަންކަމަށް ގޮވާލިކަމެއް އެނގިފައެއް ނުވެ އެވެ. ރާއްޖޭގައި ދީނީ މިނިވަންކަން އޮތުމަކީ ގިނަ ދިވެހިން ރުހޭ ކަމެއް ވެސް ނޫނެވެ.

ގާނޫނުއަސާސީގެ 10 ވަނަ މާއްދާ:

  • ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީން އަދި އެ ދީނަކީ ރާއްޖޭގެ ގާނޫނުގެ އެންމެ މައިގަނޑު މަސްދަރު

  • އިސްލާމް ދީނުގެ އަސްލަކާ ހިލާފު އެއްވެސް ގާނޫނެއް ނެހެދޭނެ

  • މިފަހަކަށް އައިސް ޖާބިރު ގެންދަނީ އަހުލާގީ އާންމު މިންގަނޑާ ހިލާފު ކަންކަން ކުރައްވަމުންނެވެ.

އިތުރަށް ކިޔާލަން -

އިތުރު އާޓިކަލް

އިތުރު އާޓިކަލް