'ތައްޔާރު'ގެ ނަމުގައި މިރޭ ޖޭޕީއިން ކުނޫޒުގައި ބޭއްވި ޖަލްސާގައި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

އިންތިހާބަށް ޖޭޕީ ނުކުންނާނީ ކޯލިޝަނަކުންތޯ، ވަކިންތޯ ނިންމާނީ ކައުންސިލުން: ގާސިމް

ކޯލިޝަން ހަދާފައި ކަން ދިމާވާ ގޮތް އެންމެނަށް އެނގޭ ކަމަށް ވިދާޅުވެ ގާސިމް ވާހަކަދެއްކެވި

މުހިންމު ނުކުތާތައް

ގާސިމް ވިދާޅުވިގޮތުގައި އިންތިހާބުގެ ކުރިން ޖޭޕީއިން މުހިއްމު ކަންތައްތަކެއް ނިންމާނެ

އިންތިހާބުގެ ކުރިން ވަރަށް ގިނަ މަސައްކަތް އެބަހުރި ކަމަށް ވިދާޅުވި

30،000 މެމްބަރުން ހަމަކުރުމުގެ އަމާޒަށް މަސައްކަތްކުރާނެ

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ މަސައްކަތް ޖުމްހޫރީ ޕާޓީއިން ފަށާފައިވާ ކަމަށް ވިދާޅުވެ، އެ ޕާޓީއިން ކެންޑިޑޭޓަކު ނެރެފާނެ ކަމުގެ އިޝާރާތެއް ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ދެއްވައިފި އެވެ.

ތަފްސީލް - ސަރުކާރު ހިންގާ ކޯލިޝަނުގައި ހިމެނޭޭ ޖުމްހޫރީ ޕާޓީއިން އެ ޕާޓީގެ މައި މަރުކަޒު ކުނޫޒުގައި 'ތައްޔާރު'ގެ ނަމުގައި މިރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ޖޭޕީގެ ކޮންގްރެސް ބާއްވައި ޕާޓީއިން މުހިންމު ކަންތައްތަކެއް ނިންމާނެ ކަމަށެވެ.

ބުނީ ކީކޭ؟ - "ކޮންގްރެސްއިން ނިންމާނެ ކަންތައްތަކެއް. އަޅުގަނޑަށް ޔަގީން ކޮންރެސްއަކުން ނުނިންމާނެކަން ރިޔާސީ އިންތިހާބަށް މީހަކު ނެރެގެން ނުވާނެއޭ ކިޔާފައި. އެހެންވެއްޖެއްޔާ އަޅުގަނޑުމެންގެ އަސާސީ ގަވައިދާ، ހިންގާ ގަވައިދާ ހިލާފުވީ،" އޭނާ ވިދާޅުވި އެވެ.

އެކަމަކު، ގާސިމް ވިދާޅުވީ، ރިޔާސީ އިންތިހާބަށް ޖޭޕީއިން ނުކުންނާނީ ކޯލިޝަނެއްގެ ތެރެއިންތޯ ނުވަތަ ވަކިންތޯ ނިންމާނީ ޕާޓީގެ ކައުންސިލުން ކަމަށެވެ. އަދި ޕްރައިމަރީއެއް ބާއްވާނެތޯ ނުވަތަ ނޫންތޯ ވެސް ނިންމާނެ ކަމަށް ވިދާޅުވި އެވެ.

"މި މަސައްކަތް ކުރާއިރު، އަޅުގަނޑުމެން ވެސް ގަބޫލުކުރަން ޖެހޭ ހަގީގަތަކީ އެއީ ކޯލިޝަނެއްގެ ތެރެއިންތޯ ނުވަތަ އަޅުގަނޑުމެން އެކަނިތޯ، އެކަނިތޯ ދާނީ އެކަން ނިންމާނީ އަޅުގަނޑުމެންގެ ކައުންސިލުން،" ގާސިމް ވިދާޅުވި އެވެ.

އެނގުން މުހިއްމު - ދެވަނަ ދައުރަކަށް ކުރިމަތިލައްވަން ޝައުގުވެރިވެވަޑައިގަންނަވާކަން ފުރަތަމަ ފަހަރަށް ހާމަކުރައްވަމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ 2023 ކާމިޔާބުކުރެވޭނީ ކޯލިޝަނަކާ އެކުގައި ކަމަށް ވިދާޅުވެފަ އެވެ.

ގުޅުން ހުރި ކަމެއް - ރައީސް ސޯލިހު ޝައުގުވެރިކަން ފާޅުކުރެއްވުމާ އެކު ގާސިމް، ރިޔާސީ އިންތިހާބާ ބެހޭގޮތުން އަދި ވަކި ގޮތެއް ނިންމަވާފައި ނުވާކަން ހާމަކުރެއްވުމުން ރައީސް ވަނީ ސަރުކާރުގެ އިސްވެރިންތަކަކާ އެކު މާމިގިއްޔަށް ވަޑައިގެން ގާސިމްއާ ބައްދަލުކުރައްވައިފަ އެވެ. އަދި ރައީސްގެ ކުއްލި އެ ދަތުރާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރައީސް ސޯލިހުގެ ކެންޑިޑެންސީއާ މެދު އެއްވެސް އުއްމީދެއް އޮތީ ޖޭޕީއިން ނިންމާ ގޮތެއްގެ މައްޗަށް ކަމަށް ވިދާޅުވެފަ އެވެ.

'ކޯލިޝަން ހަދާފައި ކަން ދިމާވާ ގޮތް އެންމެނަށް އެނގޭ'

ކޯލިޝަނާ އެކު އަނެއްކާވެސް ކުރިއަށްދިޔުމާ މެދު އަދި ގޮތެއް ނިންމާފައި ނުވާ ކަމަށް ގާސިމް ވިދާޅުވި އިރު، އޭނާ ވަނީ ކޯލިޝަން ހަދާއިރު، ބައެއް ފަހަރު ވާ ވައުދުތައް ނުފުއްދާ ކަމަށް ވިދާޅުވާ މޭރުމަކުން ވެސް ވާހަކަ ދައްކަވައިފަ އެވެ.

ގާސިމް ވިދާޅުވީ އެއް ޕާޓީއަކުން އެކަނި ނުކުމެ ރާއްޖޭގައި ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެވޭނެ ކަމަށް އެހެން ސިޔާސީ ޕާޓީތަކުން ގަބޫލުކުރާ ކަމަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް އެގޮތަށް ވިދާޅުވި އަޑު ވަރަށް ފަހުން އެއްސެވި ކަމަށާއި އެ ގޮތަށް ގަބޫލުފުޅު ކުރައްވަނީ މިހާތަނަށް ވެފައި އޮތީ ވެސް އެހެން ކަމަށް ވުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެން ޕާޓީތަކާ ކޯލިޝަން ހަދަން އެއްބަސްވަނީ ވައުދުތަކެއް ވެ، ލިޔުންތަކެއްގައި ސޮއިކުރުމަށް ފަހު ކަން ފާހަގަކުރައްވައި ގާސިމް ވިދާޅުވީ، އެކަމަކު،  ވެރިކަން ނިމޭ ހިސާބަށް ދާއިރު، އިންތިހާބަށް ކުރިމަތިލައި ވެރިކަމަށް ހޮވޭ އިރު ވައުދުވި ގޮތާއި ކަންތައްތައްވާ ގޮތް ހުރިހާ ރައްޔިތުންނަށް އެނގޭނެ ކަމަށެވެ.

"ދެން ހަގީގަތަކީ، ވަރަށް ދެރަ ކަމެއް. ތިމާމެން ކަމަކަަށް ވައުދުވާއިރު އެ ވައުދު ފުއްދަން ޖެހޭނެކަން އަދި ލިޔެ އެއްބަސްވެއްޖެއްޔާ އެގޮތަކަށް ކަންތައް ކުރައްވާނެކަން އަބަދުވެސް ހަނދާން ހުންނަން ޖެހޭނެ،" ގާސިމް ވިދާޅުވި އެވެެ.

ކަމަކަށް ވައުދެއް ކޮށްފިއްޔާ އެ ވައުދަކަށް ހުރުމަތްތެރިކޮށް ހިތަންވާނެކަން އަންގަވައި ރަސޫލާގެ ހަދީސެއް އޮންނަ ކަމަށާއި އެހެންވެ، އެއްބަސްވާ ގޮތަށް އަމަލު ކުރުމަކީ ވާޖިބެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެކަމަކު، އެކަން ހަނދާން ހުންނަނީ ކިތައް މީހުންގެތޯ، އެއެއް އަޅުގަނޑު ކޮންމެހެން މި މަގާމުގައި ދައްކާކަށެއް ނޫން. އެކަމަކު، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކަމެއްގައި އެއްބަސްވުން އޮތް ގޮތަށް ކަންތައްތައް ހިނގައްޖެއްޔާ ވަރަށް ވެސް ރަނގަޅުވާނެ،" ގާސިމް ވިދާޅުވި އެވެ.

'ވަރަށް ގިނަ މަސައްކަތް އެބަހުރި'

އިންތިހާބު އައުމުގެ ކުރިން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން އެބަ ހުރި ކަމަށް ގާސިމް ވިދާޅުވި އެވެ. އެގޮތުން އޭނާ ފާހަގަ ކުރެއްވި ކަންކަމަކީ:

  • ކޮންމެ ރަށެއްގައި ޕާޓީގެ ގޮފި ހެދުން

  • ހުރިހާ ރަށްތަކަށް ދަތުރު ކުރުން

  • ޕާޓީގެ ކޮންގްރެސް ބޭއްވުން

  • ޕާޓީއަށް މީހުން އިތުރުކުރުން

ގާސިމް ވިދާޅުވިގޮތުގައި ޖޭޕީއިން ރިޔާސީ އިންތިހާބަށް ތައްޔާރުވަމުން ދަނީ ޕާޓީއަށް 30،000 މެމްބަރުން ހަމަކުރުމުގެ އަމާޒަށް ވެސް މަސައްކަތް ކުރަމުންނެވެ.

"މި އަންނަ ރިޔާސީ އިންތިހާބަށް ކުރިމަތިލާން ޖެހޭ ދުވަސްވަރު މިހާރު ކައިރިވަމުން އައިސް އަތްގާތް ދަށުވަނީ. މިހާރު ކަންކަށިމަތިން އައިސް މާދަމާ ކަންނޭނގެ ޖަހާލާ ހިސާބުގައި މި އޮތީ،" ގާސިމް ވިދާޅުވި އެވެ.

"ކުރިން ރިޔާޒު ރަޝީދު ވިދާޅުވި ފަދައިން ރިޔާސީ އިންތިހާބަށް ތައްޔާރުވާން އަޅުގަނޑުމެން މަސައްކަތް ކުރަމުންމިދަނީ."

 'ތައްޔާރު'ގެ ނަމުގައި މިރޭ ޖޭޕީއިން ކުނޫޒުގައި ބޭއްވި ޖަލްސާގައި ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ކޯލިޝަނެއް ހަދާއިރު ވާ ވައުދުތައް ފުއްދުމުގެ ވާހަކަ ގާސިމް ދެއްކެވި ނަމަވެސް، ކޮވިޑްގެ ހާލަތު މެނޭޖު ކުރުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަމަލު ކުރެއްވީ ރަނގަޅަށް ކަމަށް ވިދާޅުވެ އެކަމުން ސަލާމަތްވުމަށް އެމަނިކުފާނު ކުރެއްވި މަސައްކަތަށްޓަކައި ޝުކުރުއަދާކުރެއްވި އެވެ.

ޖޭޕީގެ ޖަލްސާއެއް ގިނަ ދުވަސްތަކެއް ވަންދެން ނުބާއްވާ ދިޔުމާ ގުޅޭގޮތުން ގާސިމް ވިދާޅުވީ ކޮވިޑްއަށް ފަހު އޭނާ ހުންނަވަނީ ސަން އައިލެންޑުގައި ކަމަށެވެ. އޭނާ އަކީ ހިތުގެ ބަލި ހުރި، ދުންފަތުގެ އިސްތިއުމާލު ކުރާ، އުމުރުން 73 އަހަރުގެ މީހެއްކަން ވެސް ފާހަގަކުރެއްވި އެވެ.

މިރޭގެ ޖަލްސާގައި ޖޭޕީއާ އަލަށް މެމްބަރުންތަކެއް ގުޅުމުން އެ މީހުންގެ ފޯމުތައް ހަވާލުކޮށް، އެ މީހުން ޕާޓީއާ ގުޅުނުކަން ވަނީ ފާހަގަކޮށްފަ އެވެ.


ކޮމެންޓް (2)

އާސަންދަ

29 ޖޫން 2022
މީނަގެ ފެންވަރު އިނގޭ ދޯ، މަޖިލީހުގެ ބޭސްފަރުވާގެ ތަފްސީލު ބަލާލީމަ
0 0

މަހުޖަނު

29 ޖޫން 2022
މަހުޖަނަށް ލިބުނު ބައި އަދިވެސް މަދުވީ ދޯ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް