އެންޑީއޭގެ ސީއީއޯގެ މަގާމު ފުރުއްވި މުހައްމަދު ހަބީބް

ގަވައިދާހިލާފަށް ވަކިކުރުމުން އެންޑީއޭގެ ކުރީގެ ސީއީއޯއަށް ބަދަލުގެ ގޮތުގައި 94،000 ރުފިޔާ

ހަބީބު ޓްރައިބިއުނަލްގައި އެދިފައިވަނީ، މުސާރައިގެ ނިސްބަތުން ހަ މަހަށްވާ ވަރަށް، 189،000 ރުފިޔާ ބަދަލުގެ ގޮތުގައި ނަގައިދިނުމަށް

ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ކުރީގެ ސީއީއޯ މުހައްމަދު ހަބީބު، ގަވައިދާ ހިލާފަށް ވަޒީފާއިން ވަކިކޮށްފައިވާތީ ބަދަލުގެ ގޮތުގައި އޭނާއަށް 94،000 ރުފިޔާ ދިނުމަށް، ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އަންގައިފި އެވެ.

އެނގުން މުހިއްމު - އެންޑީއޭގެ ސީއީއޯގެ މަގާމަށް ހަބީބު ހަމަޖެއްސީ، މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. އެކަމަކު ޕްރޮބޭޝަންގެ މުއްދަތު ހަމަވީ ކަމަށް ބުނެ، މެއި މަހު އޭނާ ވަނީ މަގާމުން ވަކިކޮށްފަ އެވެ.

ހަބީބު މި މައްސަލަ، ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅީ، އޭނާ ވަޒީފާއިން ވަކިކުރީ ވަޒީފާއާ ބެހޭ ގާނޫނާ ހިލާފަށް، އެކަށީގެންވާ ސަބަބެއް ނެތި ކަމަށް ބުނެ އެވެ. އަދި އޭނާ އެދިފައި ވަނީ، ވަޒީފާގައި ދެމި ހުރި ނަމަ، އެއްބަސްވެފައިވާ ހަ މަސް ދުވަހުގެ މުއްދަތަށް ލިބޭނެ މުސާރަ އާއި އިނާޔަތްތަކާ އެއްވަރުގެ ބަދަލެއް ހޯދުމަށެވެ.

ވީ ކިހިނެއް؟ - މިދިޔަ އަހަރުގެ ޖޫން 7ގައި ހުށަހެޅި މި މައްސަލަ، އަހަރެއް ފަހުން އިއްޔެ ޓްރައިބިއުނަލުން ނިންމީ، އޭނާއާ އެއްކޮޅަށެވެ. ޓްރައިބިއުނަލުން ބުނިގޮތުގައި ހަބީބު ވަޒީފާއިން ވަކިކުރީ:

  • ވަޒީފާއިން ވަކިކުރުމުގައި ގާއިމު ކުރަން ޖެހޭ މައުލޫއީ އަދުލުވެރިކަމާއި 

  • އިޖްރާއީ އަދުލުވެރިކަން ގާއިމުނުކޮށް

  • ވަޒީފާއާ ބެހޭ ގާނޫނުގައި ކަނޑައަޅާފައިވާ ހަމަލަތަކާ ހިލާފަށް

ތަފްސީލު - ސީއީއޯގެ މަގާމުގައި ހުރި އިރު، މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި ހަބީބަށް މަހަކު 31،500 ރުފިޔާ ލިބެ އެވެ. ޓްރައިބިއުނަލްގައި އޭނާ އެދިފައިވަނީ، އެ އުޖޫރައިގެ ނިސްބަތުން ހަ މަހަށްވާ ވަރަށް، 189،000 ރުފިޔާ ބަދަލުގެ ގޮތުގައި ނަގައިދިނުމަށެވެ.

ޓްރައިބިއުނަލުން ބުނިގޮތުގައި ހަބީބު ވަޒީފާއިން ވަކިކުރި ގޮތަށް ބަލައި، ބަދަލުގެ ގޮތުގައި އޭނާއަށް އެ އަދަދަށް ފައިސާ ކަނޑައެޅިދާނެ އެވެ. އެކަމަކު ނުހައްގު މަންފާއެއް ލިބުމުގެ ފުރުސަތު ނަފީ ކުރުމުގެ ގޮތުން އެ ފައިސާ ވަނީ ވަކި އަދަދަކަށް މަދުކޮށްފަ އެވެ. އެއީ:

  • އެންޑީއޭގެ ވަޒީފާއިން ވަކިވިތާ ތިން މަސް ފަހުން އޭނާ ވަނީ ޓްރައިބިއުނަލްގެ ޑިރެކްޓަރެއްގެ ވަޒީފާ އަދާކުރަން ފަށާފައި

  • އެ މަގާމުގެ މުސާރައެއްގެ ގޮތުން އޭނާއަށް 17،225 ރުފިޔާ ލިބޭ

  • އަދި އެންޑީއޭގެ ވަޒީފާއިން ވަކިކުރުމުގެ ކުރިން، ދެ މަސް ދުވަހުގެ މުސާރަ އާއި އިނާޔަތަށް ވާވަރަށް 63،000 ރުފިޔާ ދީފައިވާ

ބަދަލު ނަގައިދިނުމުގައި ޓްރައިބިއުނަލުން މަދުކުރީ:

  • ބަދަލު ހޯދުމަށް އެދިފައި އޮތް ހަ މަސް ދުވަހުގެ ތެރޭގައި އާ ވަޒީފާއެއް އަދާކުރަން ފަށާފައިވާތީ 

  • އެ މުސާރައިގެ ނިސްބަތަށް ބަލައި، ބާކީ އޮތް ދެ މަހާއި 25 ދުވަހަށްވާ މުސާރަ

  • ނޯޓިސްގެ ގޮތުގައި ދިން 63،000 ރުފިޔާ 

އެ ހުރިހާ ކަމަކަށް ބަލައި، ޓްރައިބިއުނަލުން އަމުރުކޮށްފައިވަނީ، ބަދަލުގެ ގޮތުގައި ހަބީބަށް، ދައުލަތުން ޖުމްލަ 94،420 ރުފިޔާ ދިނުމަށެވެ. އަދި އިއްޔެއިން ފެށިގެން 30 ދުވަހުގެ ތެރޭގައި، އެއްކޮށް ފައިސާ ދެއްކުމަށް އަމުރުކޮށްފައި ވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް