ކުރީގެ ރައީސް އަބްދުﷲ ޔާމީން. (ދައުރު ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް)
އާރަށު މައްސަލައިގައި ޔާމީނާއި ދައުލަތުގެ ހުށަހެޅުންތައް ވެސް ބަލައެއް ނުގަތް
ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކަށް ދިން މުއްދަތުގައި އެކަން ކޮށްފައި ނުވާތީ، ވ. އާރަށު މައްސަލައިގައި ދައުވާ ލިބޭ ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ އިތުރުން ދައުލަތުން ހުށަހެޅި ހުށަހެޅުންތައް ވެސް ކްރިމިނަލް ކޯޓުން މިއަދު ބޭރުކޮށްލައިފި އެވެ.
މައްސަލައިގެ ފެށުން - ދައުލަތުން ބުނަނީ ޔޫސުފް ނައީމްގެ މަސްލަހަތު އޮންނަ ޓޫ ޖީ ޕްރައިވެޓް ލިމިޓެޑް ކުންފުންޏަށް އާރަށް ދޫކުރުމުގެ ތެރެއިން އޭނާގެ އަތުން ޔާމީން އެއް މިލިއަން ޑޮލަރުގެ ރިޝްވަތު ނެންގެވި ކަމަށާއި އެ ފައިސާ ޔާމީން ލޯންޑާ ކުރެއްވި ކަމަށެވެ.
އެ މައްސަލައިގައި އެ ދެ ބޭފުޅުންނަށް ކުރި ދައުވާތަކަކީ:
-
ޔާމީން - ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ދައުވާ
-
ޔޫސުފް ނައީމް - ރިޝްވަތު ދިނުމުގެ ދައުވާ
ވީ ކިހިނެއް؟ - އެ މައްސަލައިގައި ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހަޅަން މިދިޔަ މަހުގެ 11ގައި ބޭއްވި އަޑުއެހުމުގައި 15 ދުވަހުގެ މުއްދަތެއް ދިނެވެ.
-
ޔާމީންގެ ފަރާތުން ހުށަހެޅުންތައް ފޮނުވީ މި މަހުގެ 8ގައި
-
ދައުލަތުން ހުށަހެޅުންތައް ފޮނުވީ މި މަހުގެ 9ގައި
-
ޔޫސުފް ނައީމްގެ ފަރާތުން ހުށަހެޅުންތައް ފޮނުވީ މި މަހުގެ 12ގައި
ތަފްސީލް - އެ މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި ޔާމީނާއި ދައުލަތުން ވެސް އެއްބަސްވީ، އެ މުއްދަތު ގުނާނީ ބަންދު ދުވަސްތައް ނުހިމަނާ ކަމަށެވެ.
ނަމަވެސް، ވަކި ކަމަކަށް އޮންނަ މުއްދަތު ހަތް ދުވަހަށް ވުރެ އިތުރު ވާނަމަ، އެ މުއްދަތު ގުނާނީ ބަންދު ދުވަސްތައް ވެސް ހިމަނައިގެން ކަމަށް، މާނަކުރުމުގެ ހަމަތައް ބަޔާން ކުރުމުގެ ގާނޫނުގައި ބުނެ އެވެ. އެހެންކަމުން، ޝަރީއަތުން ނިންމީ، ހުށަހެޅުންތައް ހުށަހަޅަން ދިން 15 ދުވަހުގެ މުއްދަތު މިދިޔަ މަހުގެ 27ގައި ހަމަވެފައިވާ ކަމަށެވެ.
އެ މުއްދަތުގައި ޔާމީންގެ ފަރާތުން ވެސް، ޔޫސުފް ނައީމްގެ ފަރާތުން ވެސް އަދި ދައުލަތުން ވެސް ހުށަހެޅުންތައް ފޮނުވާފައި ނުވާތީ އިސް ގާޒީ އަހުމަދު ޝަކީލް ނިންމެވީ އެއްވެސް ހުށަހެޅުމެއް ބަލައިނުގަތުމަށެވެ.
އެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތައް ފަށާނީ އަންނަ މަހުގެ 2ގަ އެވެ.