ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންވުމުގެ އުފަލުގައި މާލޭގެ ކާނިވާ ސަރަހައްދުގައި 3 ޑިސެމްބަރު 2021 ވަނަ ދުވަހުގެ ރޭ ބޭއްވި ޖަލްސާ: އެމަނިކުފާނުގެ ފަރާތުން ހައި ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް ވަނީ ނިންމާފައި (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
ޔާމީންގެ ހުށަހެޅުންތަކުގެ މައްސަލަ ހައި ކޯޓުން ބަލައެއް ނުގަތް
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އާރަށު މައްސަލާގައި ހުށަހެޅި ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ބަލައިނުގަތުމަށް ނިންމި ނިންމުން އިސްތިއުނާފު ކުރަން އެމަނިކުފާނުގެ ފަރާތުން ހައި ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުން ނިންމައިފި އެވެ.
އާރަށު މައްސަލައިގައި މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އަޑުއެހުމުގައި އެމަނިކުފާނުގެ ވަކީލުން ވަނީ ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލްގެ އެ ނިންމެވުން ހައި ކޯޓުގައި އިސްތިއުނާފު ކުރަން ހުށަހަޅާފައިވާ ކަމަށް ވިދާޅުވެފަ އެވެ. އެކަމާ ހެދި، ކްރިމިނަލް ކޯޓުގައި އިތުރަށް އަޑުއެހުންތައް ކުރިއަށްނުގެންގޮސް މަޑުޖައްސާލަން ވެސް އެ ދުވަހު ޔާމީންގެ ފަރާތުން އެދުނެވެ.
ވީ ކިހިނެއް؟ - އެކަމަކު، ހައި ކޯޓުގެ ވެބްސައިޓުގައިވާ ގޮތުން ޔާމީންގެ ފަރާތުން ހުށަހެޅި އެ މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުން މިހާރު ވަނީ ނިންމައިފި އެވެ. އެ މައްސަލަ ބަލައިނުގަތުމަށް ނިންމާފައިވާކަން އެ ކޯޓުގެ މީޑިއާ އޮފިސަރު އަމީން ފައިސަލް ވެސް 'ދައުރު'އަށް ކަށަވަރުކޮށްދެއްވި އެވެ.
އެ މައްސަލައިގައި ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހަޅަން އޭޕްރިލް މަހުގެ 11ގައި ބޭއްވި އަޑުއެހުމުގައި 15 ދުވަހުގެ މުއްދަތެއް ދިނެވެ. އެކަމަކު، އީދު ބަންދާ ވެސް ދިމާވި އެ މުއްދަތުގެ ތެރޭގައި ދައުލަތުން ވެސް ދިފާއުން ވެސް ހުށަހެޅި އެއްވެސް ހުށަހެޅުމެއް ބަލައިނުގަތުމަށް ޝަކީލް ނިންމެވީ އޭނާ ދެއްވި މުއްދަތުގައި ދެ ފަރާތުން ވެސް ހުށަހެޅުންތައް ހުށަނާޅާ ކަމަށް ބުނެ އެވެ.
ހުށަހެޅުންތައް ބަލައިނުގަތުމަށް ނިންމި ނިންމުން ދައުލަތުގެ ފަރާތުން އިސްތިއުނާފެއް ނުކުރެ އެވެ.
ޔާމީންގެ އާރަށު މައްސަލައިގައި މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އަޑުއެހުމުގައި އޮތީ މައްސަލައިގެ ޝަރީއަތުގެ މަރުހަލާ ފަށައި ދެ ފަރާތުން ވެސް އިފްތިތާހީ ބަޔާން ހުށަހެޅުމެވެ. އެ ދުވަހު، އެކަން ކުރިއަށްގެންދިޔަ ނަމަވެސް، އޭގެ ކުރިން ޔާމީންގެ ވަކީލުން ވަނީ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ މެދު ޝަކީލް ނިންމެވި ނިންމެވުން އިސްތިއުނާފު ކުރަން ހުށަހަޅާފައިވާ ކަމަށް ބުނެ އިތުރަށް މައްސަލަ ކުރިއަށްނުގެންދަން އެދިފަ އެވެ.
އެގޮތުން، ޝަރީއަތުގެ މަރުހަލާ ފަށާފައި ވަނިކޮށް، އިސްތިއުނާފު ބަލައިގަނެ، މަތީ މަރުހަލާ ކޯޓަކުން ޝަކީލްގެ ނިންމެވުން ގޯސްކަމަށް ކަނޑައަޅައިފި ނަމަ އަލުން ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ހުށަހަޅަން ފުރުސަތު ދޭން ޖެހޭނެ ކަމަށް ވަކީލުން ވިދާޅުވި އެވެ.
އެނގުން މުހިންމު - އާރަށު މައްސަލައިގައި ޔާމީންގެ މައްޗަށް ދައުވާ ކުރަނީ، 2015 ވަނަ އަހަރު ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މަސްލަހަތު އޮންނަ ޓޫޖީ ޕްރައިވެޓް ލިމިޓެޑް ކުންފުންޏަށް އެމްއެމްޕީއާރްސީ މެދުވެރިކޮށް އާރަށް ދޫކުރުމުގެ ތެރެއިން އޭނާގެ އަތުން 1 މިިލިއަން ޑޮލަރުގެ ރިޝްވަތު ނެންގެވި ކަމަށާއި އެ ފައިސާ ޔާމީން ރައީސް ކަމުގައި ހުންނަވައިގެން ލޯންޑާ ކުރެއްވި ކަމަށް ބުނެ އެވެ.
އެ މައްސަލައިގައި ޔާމީންގެ އިތުރުން ޔޫސުފް ނައީމްގެ މައްޗަށް ވެސް ދައުވާ ކުރެ އެވެ. އެގޮތުން ކުރި ދައުވާތަކަކީ:
-
ޔާމީން: ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ދައުވާ
-
ޔޫސުފް ނައީމް: ރިޝްވަތު ދިނުމުގެ ދައުވާ
އެ މައްސަލައިގައި ކުރިއަށް އޮތީ ހެކިބަސް ނެގުމުގެ މަރުހަލާ އެވެ. ދެން އޮންނަ އަޑުއެހުމެއްގައި ދައުލަތުގެ ހެކިވެރިންތައް ހާޒިރު ކުރަން ފަށާނެ އެވެ.
އިތުރަށް ކިޔާލަން: