މިއަދު ޔާމީންގެ އާރަށު މައްސަލައިގައި ކުރިއަށްދިޔަ އަޑުއެހުމުގެ ތެރެއިން ދައުލަތުގެ ވަކީލު ޝަހުމާ އިފްތިތާހީ ބަޔާން އިއްވަނީ

ހުރިހާ ކަމަކަށް ބަލާއިރު ވެސް ޔާމީން ރިޝްވަތު ނެންގެވިކަން ނޫން ނަތީޖާއަކަށް ނާދެވޭ: ދައުލަތް

މައްސަލަތަކެއް އިސްތިއުނާފުކޮށްފައި ވަނިކޮށް ޝަރީއަތް ކުރިއަށް ގެންދާތީ ޔާމީންގެ ވަކީލުން ނުރުހުން ފާޅުކުރެއްވި

ވ. އާރަށުގެ މައްސަލައިގައި ކަން ހިނގާފައިވާ ގޮތާއި ހުރިހާ ހެއްކަކަށް ބަލާއިރު ވެސް ޔާމީން ރިޝްވަތު ނެންގެވުން ނޫން ނަތީޖާއަކަށް ނާދެވޭ ކަމަށް ދައުލަތުން މިއަދު ކްރިމިނަލް ކޯޓުގައި ބުނެފި އެވެ.

މައްސަލައިގެ ފެށުން - ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މަސްލަހަތު އޮންނަ ޓޫޖީ ޕްރައިވެޓް ލިމިޓެޑް ކުންފުންޏަށް އެމްއެމްޕީއާރްސީ މެދުވެރިކޮށް އާރަށް ދޫކުރުމުގެ ތެރެއިން އޭނާގެ އަތުން 1 މިިލިއަން ޑޮލަރުގެ ރިޝްވަތު ނެންގެވި ކަމަށާއި އެ ފައިސާ ޔާމީން ރައީސް ކަމުގައި ހުންނަވައިގެން ލޯންޑާ ކުރެއްވި ކަމަށް ދައުލަތުން ބުނެ އެވެ.

އެ މައްސަލައިގައި އެ ދެ ބޭފުޅުންނަށް ވެސް ވަނީ ދައުވާ ކޮށްފަ އެވެ. އެ ދައުވާތަކަކީ:

  • ޔާމީން: ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ދައުވާ

  • ޔޫސުފް ނައީމް: ރިޝްވަތު ދިނުމުގެ ދައުވާ

މިއަދު ޔާމީންގެ މައްސަލައިގައި ވަކިން ލައިވްކޮށްގެން ވަނީ އަޑުއެހުމެއް ބާއްވައިފަ އެވެ. އެއީ އިބްތިދާއީ މަރުހަލާ ނިިމި ޝަރީއަތުގެ މަރުހަލާގެ ފުރަތަމަ އަޑުއެހުމެވެ. މިއަދު އޮތީ ދެ ފަރާތުން ވެސް އިފްތިތާހީ ބަޔާން ހުށަހެޅުމެވެ.

ޝަރީއަތް ކުރިއަށް ގެންދާތީ ޔާމީންގެ ފަރާތުން ކަންބޮޑުވުން

މިއަދުގެ އަޑުއެހުން ފެއްޓުމުގެ ދިފާއުން ވަނީ ޝަރީއަތުގެ މަރުހަލާ ފަށައި އިފްތިތާހީ ބަޔާން ހުށަހަޅަން އިއުތިރާޒުކޮށްފަ އެވެ. ދިފާއީ ވަކީލު އަބްދުﷲ ޝިޔާޒު ވިދާޅުވީ، އެކަމަށް އިއުތިރާޒް ކުރަނީ ޔާމީންގެ ފަރާތުން މީގެ ކުރިން ޝަރީއަތަށް ހުށަހެޅި ހުށަހެޅުންތައް ބަލައިނުގަތުމަށް ކުރިން މައްސަލަ ބެއްލަވި އިސްގާޒީ އަހުމަދު ޝަކީލް ނިންމެވި ނިންމެވުން ހައި ކޯޓުގައި އިސްތިއުނާފު ކުރަން ހުށަހަޅާފައިވާތީ ކަމަށެވެ.

ހައިކޯޓަށް ހުށަހެޅި މައްސަލައާ މެދު ގޮތެއް ނުނިމެނީސް ޝަރީއަތުގެ މަރުހަލާ ފަށައިފި ނަމަ ޝަރީއަތް ހިންގުމުގެ ތަރުތީބު އޮޅިދާނެ ކަމަށާއި އެއީ ޖިނާއީ އިޖުރާއަތާ ހިލާފަށް ކުރެވޭ ކަމަކަށް ވާނެ ކަމަށް ވިދާޅުވެ ދިފާއީ ވަކީލް ކަންބޮޑުވުން ފާޅުކުރެއްވި އެވެ. އޭނާ ފާހަގަކުރެއްވީ، ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކަކީ އިބްތިދާއީ މަރުހަލާގައި ކުރާ ކަމަކަށްވާއިރު، ޝަރީއަތުގެ މަރުހަލާ ފަށާފައި ވަނިކޮށް، މަތީ މަރުހަލާ ކޯޓަކުން ޝަކީލްގެ ނިންމެވުން ގޯސްކަމަށް ކަނޑައަޅައިފި ނަމަ އަލުން ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ހުށަހަޅަން ފުރުސަތު ދެއްވަން ޖެހޭނެ ކަމެވެ.

އެކަމަކު، ދައުލަތުގެ ފަރާތުން ސީނިއާ ޕަބްލިކް ޕްރޮސެކިއުޓާ މަރިޔަމް ޝަހުމާ ވިދާޅުވީ، އިސްތިއުނާފު ކުރުމުން ދެން ހުންނަ ޝަރީއަތުގެ މަރުހަލާތައް އޮޓަމެޓިކުން ނުހުއްޓޭނެ ކަމަށެވެ. އަދި ކޯޓުން އަމިއްލައަށް ގޮތެއް ނުނިންމާހާ ހިނދެއްގައި ނުވަތަ މަތީ މަރުހަލާ ކޯޓެއްގެ އެންގުމެއް ނެތް ހިނދެއްގައި ދިފާއުން އިސްތިއުނާފު ކުރިއަސް ޝަރީއަތުގެ މަރުހަލާ ފެށިދާނެ ކަމަށް ޝަހުމާ ވިދާޅުވި އެވެ.

ދައުލަތުން ބުނާ ގޮތުގައި އާރަށް ދޫކުރުމުގެ ބަދަލެއްގެ ގޮތުގައި ޔާމީން ވަނީ ޔޫސުފް ނައީމްގެ އަތުން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ނަންގަވައިފަ އެވެ. މިއަދު ދައުލަތުން ވަކިވަކިން ދެ ދައުވާއަށް އިއްވި އިފްތިތާހީ ބަޔާނުގައި ވަނީ އެ ކުށް ކުރިކަން އެނގޭ ކަމަށް ދައުލަތުން ގަބޫލު ކުރާ ބައެއް ސަބަބުތައް ހާމަކޮށްފަ އެވެ.

ދައުލަތުން ބުނާ ގޮތުގައި ރިޝްވަތް ނެންގެވި ގޮތް:

  • އޮގަސްޓް 2015ގައި އާރަށް ފިޝަރީޒް މިނިސްޓްރީގެ ބެލުމުގެ ދަށުން ޓޫރިޒަމް މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންދިޔުމާ ބެހޭ މަސައްކަތްތައް ރައީސް އޮފީހުގެ އިކޮނޮމިކް އެންޑް ޔޫތު ކައުންސިލުން ކުރިއަށްގެންދިޔަ

  • ޓޫރިޒަމް މިނިސްޓްރީގެ ދަށަށް ރަށް ގެނައީ ޔޫސުފް ނައީމްއަށް އެ ރަށް ދޫކުރުމަށްކަން ޔާމީން އިރުޝާދު ދިންކަން އޭރުގެ ޓޫރިޒަމް މިނިސްޓަރު އަދީބާއި އެމްއެމްޕީއާރްސީގެ އޭރުގެ އެމްޑީ އަބްދުﷲ ޒިޔަތުގެ ބަހުން އެނގޭ

  • 9 އޮގަސްޓް 2015ގައި ރަށް ޓޫރިޒަމް މިނިސްޓްރީގެ ދަށަށް ގެނައި ފަހުން 13 އޮގަސްޓު 2015ގައި ޔޫސުފް ނައީމްގެ 99 ޕަސެންޓު ހިއްސާއާއެކު ޓޫޖީ ޕްރައިވެޓް ލިމިޓެޑް އުފެއްދި؛ އަދި އެފަހުން އާރަށް އެ ކުންފުންޏަށް ކުއްޔަށް ދޫކުރުމާ މެދު ވާހަކަ ދެކެވުނު

  • 9 ސެޕްޓެމްބަރު 2015ގައި ރަށް ޓޫޖީއަށް ދިނުމަށް އެއްބަސްވުމުގައި ސޮއި ކުރި؛ ޓޫޖީގެ ފަރާތުން ސޮއި ކުރީ ޔޫސުފް ނައީމް

  • އެއްބަސްވުމުގައި ސޮއިކުރުމުގެ އެއް ދުވަސް ކުރިން، 8 ސެޕްޓެމްބަރު 2015ގައި ޓޫޖީގެ %99 ހިއްސާ އެލްއޭ ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކަށް ވިއްކާލި

  • 9 ސެޕްޓެމްބަރު 2015 ވަނަ ދުވަހު ލީޒް އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި އެމްއެމްޕީއާރްސީއަށް އެއް މިލިއަން ޑޮލަރުގެ ޗެކެއް ދިނީ އެލްއޭ ރިޒޯޓްސްއިން

  • ހަމަ އެ ދުވަހު އެލްއޭ ރިޒޯޓްސްއިން ޔޫސުފް ނައީމްއަށް ވެސް އެއް މިލިއަން ޑޮލުގެ ޗެކެއް ދޫކުރި؛ އެ ޗެކު ޖަމާވީ 13 ސެޕްޓެމްބަރުގައި

  • 15 ސެޕްޓެމްބަރު 2015ގައި ޔޫސުފް ނައީމްގެ އެކައުންޓުން އެއް މިލިއަން ޑޮލަރުގެ ޗެކެއް ޔާމީނަށް ވެސް ދޫކުރި

ޔާމީނާއި އަދީބުގެ ކޯލް ރެކޯޑިންތަކެއް

ޔާމީނާ އަދީބުއާ ދެމެދު ފޯނުން ދެކެވުނު ބައެއް ވާހަކަތައް ހެކީގެ ގޮތުގައި ހުށަހަޅާފައިވާނެ ކަމަށާއި، އެއިން ވެސް އޭރު ޔާމީން ރަށްތައް ކުއްޔަށް ދޫކުރުމުގައި ނުފޫޒު ފޯރުއްވަމުންގެންދެވިކަން އެނގިގެންދާނެ ކަމަށް ދައުލަތުގެ ވަކީލު މަރިޔަމް ޝަހުމާ ވިދާޅުވި އެވެ.

"2013 ވަނަ އަހަރުން ފެށިގެން ވެސް އޭރުގެ ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަހުމަދު އަދީބު އަބްދުލްޣަފޫރަށް ފޯނުންކޮށްފައިވާ މުއާމަލާތްތަކެއް ކޯޓު އަމުރެއްގެ ދަށުން ރެކޯޑު ކުރެވިފައިވާ ފޯނު ކޯލް ކޮންވަޒޭޝަންތަކެއް ދައުލަތުން ހެކީގެ ގޮތުގައި ހުށަހަޅާފައިވާނެ."

އެއީ ހަގީގަތުގައި ސައްހަ ފައިސާއެއްތޯ ތަހުގީގުގައި އެކި ގޮތްގޮތުން ބެލި ކަމަށް ޝަހުމާ ވިދާޅުވި އެވެ. އެހެންނަމަވެސް، އެ ހުރިހާ ކަމަކަށް ބަލާފައި ވެސް އެމަނިކުފާނު ރިޝްވަތު ނެންގެވިކަން ނޫން ނަތީޖާއަކަށް ނާދެވޭ ކަމަށް ޝަހުމާ ވިދާޅުވި އެވެ.

"މި ފައިސާ އަކީ ވ.އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތަށް ނުފޫޒުފޯރުވުމަށްފަހު ގަބޫލުކޮށްފައިވާ ރިޝްވަތެއް ކަމަށް ދައުލަތުން މި މައްސަލައިގައި ބަޔާން ކުރަނީ، މައްސަލައިގެ ކަން ހިނގައި މި ދިޔަ ގޮތާއި ފައިސާގެ ސޯސް އާއި މި ހުރިހާ ކަމަކަށް ބަލާއިރު، މި ހުރިހާ ހެކިތަކަށް ބަލާއިރު އިއްޒަތްތެރި ގާޒީ އިތުރު ނަތީޖާއަކަށް ނާދެވޭތީ." ޝަހުމާ ވިދާޅުވި އެވެ.

ޔާމީންގެ މަނީ ލޯންޑަރިންގެ ދައުވާއާ ގުޅޭ އިފްތިތާހީ ބަޔާން ވެސް ދައުލަތުން މިއަދު ހުށަހެޅި އެވެ. އެކަމަކު، އެ ބަޔާނުގައި ތަފްސީލަކަށް ނުދެ އެވެ. 

ޔާމީން މަނީ ލޯންޑާ ކުރެއްވި ކަމަށް ކުރީ އަޑުއެހުމެއްގައި ދައުލަތުން ކިޔައިދިން ގޮތް:

  • 15 ސެޕްޓެމްބަރު 2015: ރިޝްވަތުގެ ގޮތުގައި 1 މިލިއަން ޑޮލަރުގެ ޗެކު ޔޫސުފް ނައީމް ދެއްވި

  • 17 ސެޕްޓެމްބަރު 2015: ރިޝްވަތު ގަބޫލުކުރައްވައި ޗެކު ޔާމީންގެ އެޗްއެސްބީސީގެ އެކައުންޓަކަށް ޖަމާކުރެއްވި

  • 22 ފެބްރުއަރީ 2016: އެކައުންޓުގައި ހުރި އިތުރު ފައިސާއާ އެކު 1،001،409 ޑޮލަރު ޔާމީން އެ މަނިކުފާނުގެ ބީއެމްއެލް އެކައުންޓަށް ޖަމާކުރެއްވި

  • 21 ފެބްރުއަަރީ 2017: ބީއެމްއެލް އެކައުންޓުގައި ހުރި އިތުރު ފައިސާއާ އެކު 1.295 މިލިއަން ޑޮލަރު މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އެކައުންޓަކަށް ޖަމާކުރެއްވި

  • 14 މާޗު 2017: ފައިސާ ބެހެއްޓެވި އިސްލާމިކް ބޭންކް އެކައުންޓުން އެ މަނިކުފާނުގެ އިސްލާމިކް ބޭންކް ޖެނެރަލް އިންވެސްޓްމެންޓް އެކައުންޓަކަށް 3.4 މިލިއަން ޑޮލަރު ޖަމާކޮށް އެ ފައިސާ 36 މަހަށް އިންވެސްޓް ކުރެއްވި

ދިފާއުގެ އިފްތިތާހީ ބަޔާނާއި ނުގުޅޭ ވާހަކަތައް ދެއްކުމުގެ ކަންބޮޑުވުން

ޔާމީންގެ ފަރާތުން އިފްތިތާހީ ބަޔާން އިއްވީ ވަކީލު ޝިޔާޒުގެ އިތުރުން ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު އެވެ. ދެ ބަޔަކަށް ބަހާލައިގެން ބަޔާން އިއްވަން ގިނަ ވަގުތުތަކެއް ހޭދަވި އެވެ.

ވަކީލު ޝިޔާޒު މިއަދު ވިދާޅުވީ، ދައުލަތުން މަސައްކަތް ކުރަނީ ހޮޅިއެއްގެ ތެރެއިން ބަލާއިރު، ވަކި މަންޒަރެއް ފެންނަ ގޮތަށް ފަނޑިޔާރަށް މައްސަލަ ފަހުމްކޮށްދެއްވަން ކަމަށެވެ.

"މުޅިން އެހެން ގޮތަކަށް ޓަނެލް ވިޝަންއެއްގެ ތެރެއިން ދައުލަތުން މުޅި މައްސަލަ އިއްޒަތްތެރި ފަނޑިޔާރަށް އެ އޮތީ ފަހުމްކޮށްދެއްވާފައި. މުޅި މައްސަލަ ޓަނަލް ވިޝަންއެއްގެ ތެރެއިން އޭގެ ވަށައިގެންވާ ކަންކަން ނުދައްކައި." ޝިޔާޒު ވިދާޅުވި އެވެ.

އިފްތިތާހީ ބަޔާނުގައި ޔާމީންގެ ފަރާތުން ދެއްކި ބައެއް ވާހަކަތައް:

  • ދައުލަތުން ޔާމިންގެ މައްޗަށް ދައުވާ ކުރީ ހިޔާލީ، އަސްލެއް ނެތް ވާހަކަތަކެއްގެ މައްޗަށް އަދި ދައުލަތުން ދައުވާގައި ބަޔާންކޮށްފައިވާ ގޮތަށް އެއްވެސް ކަމެއް ހިނގާފައި ނުވާކަން ދައްކާނެ ކަމަށް 

  • ފައިސާގެ މުއާމަލާތް ހިނގި ގޮތް އެނގޭނެ ކިތާބީ ހެކި ހުށަހަޅާފައިވާނެ

  • މިއީ ޔާމީންގެ ހަށިކޮޅަށް ހަމަލާ ދިން މީހުންނަށް ހިމާޔަތް ދީގެން ދައުލަތުން ކުރި ދައުވާއެއް

  • އަދީބާއި ޒިޔަތަކީ ޔާމީންގެ އަދާވާތްތެރިންނަށް ވާއިރު، ދައުވާކޮށްފައި ވަނީ އެ މީހުން ކިޔައިދިން ކިޔައިދިނުމުގެ މައްޗަށް އެ މީހުންނަކީ މައިގަނޑު ހެކީންނަށް ހަދައިގެން

  • ޔާމީން ކުރި ކަމަށް ބުނާ ކުށެއް ދައުލަތަށް ބުނެއެއް ނުދެވޭ

  • ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ދައުލަތުގެ ބިމާ ބެހޭ ސިޔާސަތު ކަނޑައެޅުމަކީ ނުފޫޒު ފޯރުވުން ކަމަށް ނުބުނެވޭނެ

  • އެއް ހާދިސާއެއް ހިމެނޭ ކަމެއްގައި ދައުވާ ކުރެވޭނީ އެކުއެކީގައި ކަމަށާއި މި މައްސަލައިގައި ވަކިން ދައުލަތަށް ޔާމީންގެ މައްޗަށް ދައުވާ ނުކުރެވޭނެ ކަމަށް

  • ފައިސާގެ ބައެއް މުއާމަލާތްތަކުގައި މުއާމަލާތް ހިނގާ ފަހުން ވެސް ބައިވެރިންގެ އަމިއްލަ ހިތްހަމަޖެހުމަށް ފަހުން ލިޔުމަށް ގެންނަ ކަންކަން

ދިފާއުން އިފްތިތާހީ ބަޔާން އިއްވަމުން ދަނިކޮށް ދައުލަތުން އިޖުރާއީ ނުކުތާއެއް ނަގައި، ދިފާއުގެ ވާހަކަތަކަކީ ޝަރީއަތުގެ މަރުހަލާގެ ކުރިން ދައްކަން ޖެހޭ ވާހަކަތަކެއް ކަމަށް ބުނެ އެކަމަށް ފުރުސަތު ނުދިނުމަށް އެދުނެވެ. އެގޮތުން، އެއް ހާދިސާއެއް ހިމެނޭ ކަމެއްގައި ދައުވާ ކުރެވޭނީ އެކުއެކީގައި ކަމަށާއި މި މައްސަލައިގައި ވަކިން ދައުލަތަށް ޔާމީންގެ މައްޗަށް ދައުވާ ނުކުރެވޭނެ ކަމަށް ބުނެ ދިފާއުން ދެއްކި ވާހަކައަކީ ޝަރީއަތުގެ ކުރިން ގޮތެއް ނިންމާ ބާވަތުގެ މައްސަލައިގެ މައުލޫއާ ނުގުޅޭ ކަމެއް ކަމަށް ބުންޏެވެ. 

ދައުލަތުގެ އިއުތިރާޒަށްފަހު ދިފާއީ ވަކީލުން އިފްތިތާހީ ބަޔާނުގައި ދައްކަން ނުޖެހޭ ވާހަކަތައް ދައްކާ ކަމަށް ވިދާޅުވެ، ޝިޔާޒު އާއި ޖަމީލް އިފްތިތާހީ ބަޔާން ދެއްވަމުން ގެންދެވި އިރު ޝަކީލް އެ ދެ ބޭފުޅުން ވެސް އެކި ފަހަރު މަތިން ހުއްޓުވައި، ބަޔާނުގައި ދައްކަން ޖެހޭ ފަދަ ވާހަކަތައް ދައްކަވަން އެދިވަޑައިގަތެވެ. އެގޮތުން، އެ ދެ ބޭފުޅުންގެ ވާހަކަައިގެ ތެރެއިން ހެއްކާ ބެހޭގޮތުން ދެއްކި ވާހަކަތަކާއި މައުލޫއާ ނުގުޅޭ އެހެން ވާހަކަތައް ޝަކީލް ހުއްޓުވި އެވެ.

އެ ހުރިހާ ވާހަކަތަކެއް ދެއްކެވި ސަބަބު ސާފުކޮށްދެއްވަމުން ވަކީލު ޝިޔާޒު ވިދާޅުވީ، މަތީ މަރުހަލާ ކޯޓެއްގައި ހުކުމް އިސްތިއުނާފު ކުރަން ދިޔުމުން ދަށު ކޯޓުގައި އެ ވާހަކަ ނުދެއްކީ ކީއްވެތޯ ފަނޑިޔާރުން ސުވާލު ކުރައްވާ ކަމަށެވެ. އެހެންވެ، އެ ވާހަކަތައް ވެސް ދެއްކެވީ ކަމަށް ވިދާޅުވި އެވެ.

އެނގުން މުހިންމުު - މިއަދުގެ އަޑުއެހުން ތާވަލު ކުރީ ހަވީރު 4:00 އަށެވެ. އެކަމަކު، ކްރިމިނަލް ކޯޓުން ޝަރީއަތް ލައިވް ކުރި އިރު ލައިވްގެ އަޑު ނުލިބޭތީ ދެ ފަހަރެއްގެ މަތިން ޝަރީއަތް މެދުކަނޑާލި އެވެ. އެ މައްސަލަ ދިމާވުމުން އޭރު ފެށިފައި އޮތް އަޑުއެހުމަށް ނޫސްވެރިން ވަނުމުގެ ފުރުސަތު ދޭން ވެސް ނިންމި އެވެ. އަލުން ނޫސްވެރިންނާއެކު ޝަރީއަތް ފެށީ ލައިވްގެ މައްސަލަ  ހައްލުކޮށްގެންނެވެ.

ކޮމެންޓް (1)

ހަސަންތަކުރުބެ

10 ޖޫން 2022
ޔާމީން މިނިވަނެއްގެ ގޮތުގައި މުޖުތަމަޢުގައި އުޅުއްވާކަށް މިސަރުކާރަށް ކެތެއްނުވާނެ. ކުރިއަށް އޮތްރިޔާސީ އިންތިޚާބާ ނިމެދެން ތިޔަ ޝަރީޢަތްތައް ކުރިޔަށް ގެންދާނެ. ރިޝްވަތާއި މަނީލޯންޑަރ ނުކުރައްވާ ބޭކަލެއް ކަނބަލެއް މިހާރުގެވެސް އަދިވޭތުވެދިޔަ ސަރުކާރުތަކުގައި ނެތް. މިހާރުގެ ރައީސްވެސް ހަމައެހުންނެވީ ތިނޯހެއްގެ މަތީ.
1 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް