ކްރިމިނަލް ކޯޓު: އެ ކޯޓުން އެދިފައި ވަނީ ހައެއް މެއި ހަމަލާގެ މައްސަލަ ބަލާާ ގާޒީންގެ ފޮޓޯ ނުޖެހުމަށް (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

މޭ 6ގެ ހަމަލާ

ބޮމުގެ ހަމަލާގެ ޝަރީއަތް ބަލާ ގާޒީންގެ ފޮޓޯ ނޫހުގައި ނުޖަހަން ކްރިމިނަލް ކޯޓުން އެދިއްޖެ

މީގެ ކުރިން ދިން އިންޒާރެއްގެ ސަބަބުން މަސްލަހަތު ފުށުއަރާތީ އެއް ގާޒީ ވަނީ ޝަރީއަތުން ދުރުވެފައި

ރައްޔިތުންގެ މަޖިލިހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން އައިއީޑީއެއް ގޮއްވާލައިގެން ހަމަލާދިން މައްސަލަ ބައްލަވާ ބެންޗުގައި ތިއްބަވާ ގާޒީންގެ ފޮޓޯ އާންމުނުކުރުމަށް ކްރިމިނަލް ކޯޓުން މިއަދު އެދިއްޖެ އެވެ.

މިދިޔަ އަހަރުގެ މެއި 6 ގައި ސައިކަލެއްގައި ހަރުކޮށްފައި ހުރި އައިއީޑީއެއް ގޮއްވާލައިގެން ނަޝީދު އަވަހާރަކޮށްލަން އުޅުނު މައްސަލަ ބަލަން ކްރިމިނަލް ކޯޓުން ވަނީ ތިން ގާޒީންގެ ބެންޗެއް މީގެ ކުރިން އެކުލަވާލައިފަ އެވެ. އެ ބެންޗުން މައްސަލަ ކުރިއަށް ގެންގޮސް މިހާރު އޮތީ ޝަރީއަތުގެ މަރުހަލާ ފަށަން ތައްޔާރުވެފަ އެވެ.

ބުނީ ކީކޭ؟ - ކްރިމިނަލް ކޯޓުން މިއަދު މީޑިއާތަކަށް ބުނީ، ހަމަލާގެ ތަފްސީލުތައް ހަބަރު ފަތުރާ ވަސީލަތްތަކުންނާއި އޮންލައިން ނޫސްތަކުގައި ރިޕޯޓުކުރާއިރު، ބެންޗުގައި ހިމެނޭ ގާޒީންގެ ފޮޓޯ އާންމުނުކުރަން މީޑިއާތަކަށް އިލްތިމާސްކުރާ ކަމަށެވެ.

އެގޮތަށް އެދެނީ، ބޮމުގެ ހަމަލާގެ މައްސަލައިގެ ޒާތާއި ބާވަތުން އަދި އެ މައްސަލަތަކުގައި ކަން ހިނގާފައިވާ ގޮތުގެ މައްޗަށް ބަލައި މައްސަލަ ބައްލަވާ ގާޒީންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށް އެ ކޯޓުން ބުންޏެވެ.

އެނގުން މުހިންމު - މިއަދު ވަނީ އެ ޝަރީއަތުގެ އަޑުއެހުމެއް ބާއްވައިފަ އެވެ. މިއަދު އޮތީ މައްސަލައިގެ ޝަރީއަތުގެ މަރުހަލާ ފަށައި އިފްތިތާހީ ބަޔާން އިއްވުމެވެ. އެކަމަކު، ދައުވާ ލިބޭ އިސްހާގު، މއ. ކުދެހިގެ، ފަރާތުން ކޯޓަށް ހުށަހެޅި ސިޓީއަކާ ގުޅިގެން ބެންޗުގެ އެއް ގާޒީ އާދަމް މުހައްމަދު މިއަދު ވަނީ މައްސަލައިން ތަނާޒުލްވެވަޑައިގެންފަ އެވެ. އެހެންވެ، މިއަދު އަޑުއެހުން އިތުރަށް ކުރިއަކަށް ނުގެންދެ އެވެ.

އިސްހާގުގެ ފަރާތުން ފާހަގަކުރީ، ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލަ އާދަމް މުހައްމަދު ބެއްލެވި އިރު އިސްހާގުގެ ދަރިފުޅު އާދަމް މުހައްމަދަށް އިންޒާރު ދީފައިވާ ކަމެވެ. އެއީ އިސްހާގުގެ މައްސަލަ ބަލަން އާދަމް މުހައްމަދުގެ މަސްލަހަތު ފުށުއަރާ ކަމެއް ކަމަށް ބުނެ އޭނާ ބެންޗުން ވަކިވާން އިސްހާގުގެ ފަރާތުން އެދިފައިވެ އެވެ.

އާދަމް މުހައްމަދު ރިޔާސަތު ބެލެހެއްޓެވި ބެންޗުގައި ދެން ތިއްބަވަނީ ގާޒީ މުހައްމަދު މިސްބާހު އާއި ގާޒީ ސޮފްވަތު ހަބީބެވެ. 

އާދަމް މުހައްމަދުގެ ބަދަލުގައި ބެންޗަށް ވަޑައިގަންނަވާނީ ކޮން ގާޒީއެއް ކަމެއް އަދި އެނގިފައެއް ނުވެ އެވެ.

އިތުރަށް ކިޔާލަން:

އިތުރު އާޓިކަލް

އިތުރު އާޓިކަލް