ކްރިމިނަލް ކޯޓުގެ ގާޒީ އާދަމް މުހައްމަދު: ކުރިން ލިބިފައިވާ އިންޒާރަކާ ގުޅިގެން އޭނާ ވަނީ މެއި 6 ހަމަލާގެ ބެންޗުން ތަނާޒުލްވެފައި (ފޮޓޯ/މިހާރު)

މޭ 6ގެ ހަމަލާ

ކުރިން ލިބިފައިވާ އިންޒާރަކާ ހެދި މޭ 6ގެ ޝަރީއަތުން ގާޒީއަކު ވަކިވެއްޖެ

ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ ޝަރީއަތާ ގުޅިގެން އިސްހާގުގެ ދަރިއަކު އާދަމްއަށް އިންޒާރު ދީފައިވާތީ މަސްލަހަތު ފުށޫ އަރާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މިދިޔަ އަހަރުގެ މެއި 6ގައި ހަމަލާ ދިން މައްސަލައިގައި ދައުވާ ލިބޭ އިސްހާގުގެ ދަރިއަކު، މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތުގައި އިންނަވާ ގާޒީ އާދަމް މުހައްމަދު އަށް މީގެ ކުރިން އިންޒާރު ދީފައިވާތީ ގާޒީ އާދަމް މައްސަލައިން ތަނާޒުލުވެވަޑައިގެންފި އެވެ.

މައްސަލައިގެ ފެށުން - މިދިޔަ އަހަރުގެ މެއި މަހުގެ ހަ ވަނަ ދުވަހު ސައިކަލެއްގައި ހަރުކޮށްފައި ހުރި އައިއީޑީއެއް ގޮއްވާލައިގެން ނަޝީދު އަވަހާރަކޮށްލަން އުޅުނު މައްސަލައިގައި ދައުވާ ލިބޭ މީހުންގެ ތެރެއިން އެކަމުގައި އެންމެ އިސް އެކަކު ކަމަށް ދައުލަތުން ބުނަނީ އިސްހާގު، މއ. ކުދެހިގެ އެވެ. އޭނާގެ ފަރާތުން މިއަދު ވަނީ ގާޒީ އާދަމް މުހައްމަދު ތަނާޒުލުވެވަޑައިގަތުމަށް އެދި ކޯޓަށް ސިޓީއެއް ފޮނުވައިފަ އެވެ.

ވީ ކިހިނެއް؟ - ހައެއް މެއި ހަމަލާގެ މައްސަލައިގައި މިއަދު އޮތީ ޝަރީއަތުގެ މަރުހަލާ ފެށުމެވެ. އެކަމަކު، އަޑުއެހުން ފަށަމުން ގާޒީ އާދަމް ވަނީ ކަމެއް އިއުލާނުކުރައްވަން އޮތް ކަމަށް ވިދާޅުވެފަ އެވެ.

އޭނާ ވިދާޅުވީ މައްސަލައިގައި އިސްހާގުގެ ފަރާތުން ސިޓީއެއް ލިބިފައިވާ ކަމަށާއި އެ ސިޓީގައި ބުނެފައި ވަނީ ގާޒީ އާދަމް މައްސަލަ ބެލުމަކީ މަސްލަހަތު ފުށޫއަރާ ކަމެއް ކަމަށާއި އެހެންކަމުން ގާޒީ އާދަމް މައްސަލައިން ތަނާޒުލްވާން އެދޭ ކަމަށެވެ.

ތަފްސީލު - ޔާމީން ރަޝީދުގެ މައްސަލަ ވެސް ބެއްލެވީ ގާޒީ އާދަމް އެވެ. އެ މައްސަލައިގައި އިސްހާގު ނިސްބަތްވާ ކުދެހިގޭ ހަސަން ޝިފާޒުއަށް ވެސް ދައުވާ ކުރި އެވެ. އެކަމަކު އެ މައްސަލަ ސާބިތުނުވެ އޭނާ ސަލާމަތްވި އެވެ. އެ މައްސަލަ ކުރިއަށް ދިޔައިރު އިސްހާގުގެ ދަރިއަކު ވަނީ ގާޒީ އާދަމް އަށް އިންޒާރު ދީފަ އެވެ. އެގޮތުން:

  • ޔާމީން ރަޝީދުގެ މައްސަލައިގައި ދައުވާކުރި ޝިފާޒަކީ، ގާޒީ އާދަމްއަށް އިންޒާރުދިން އިސްހާގުގެ ދަރިފުޅުގެ ބޮޑުބޭބެ އަދި އިޝްހާގުގެ އެއްބަނޑު އެއްބަފާ މީހެއް 

  • ޝިފާޒް އާއި އިސްހާގު އަދި އޭނާގެ ދަރިއަކީ އާއިލީ ގުޅުން އޮތް ބަޔަކަށް ވާއިރު، އިސްހާގުގެ ފަރާތުން މިއަދު ފޮނުވި ސިޓީގައި ބުނީ އޭނާގެ ދަރިއަކު އިންޒާރު ދީފައިވާތީ ގާޒީ އާދަމް މި މައްސަލަ ބެލުމަކީ މަސްލަހަތު ފުށޫ އަރާނެ ކަމެއް ކަމަށް

އެ ސިޓީއާ ގުޅިގެން ގާޒީ އާދަމް ވަނީ އެ މައްސަލައިގެން ބެންޗުން ތަނާޒުލްވެވަޑައިގެންފައިވާކަން އިއުލާނުކުރައްވައިފަ އެވެ. އަދި އެއަށްފަހު މިއަދުގެ އަޑުއެހުން ނިންމަވާލެއްވި އެވެ.

ފާހަގަ ކުރެވޭ ކަމެއް - ގާޒީ އާދަމް ފާހަގަ ކުރެއްވި ގޮތުގައި އޭނާއަށް މީގެ ކުރިން އެކަން އެނގިވަޑައިގެންފައެއް ނެތެވެ. އެކަން އެނގިވަޑައިގަތީ މިއަދު ޝަކުވާގެ އެ ސިޓީ ލިބުމުންނެވެ.

ގާޒީ އާދަމް މުހައްމަދު ރިޔާސަތު ބެލެހެއްޓެވި ބެންޗުގައި ދެން ތިއްބަވަނީ ގާޒީ މުހައްމަދު މިސްބާހު އަދި ގާޒީ ސޮފްވަތު ހަބީބެވެ.

އާދަމް މައްސަލައިިން ތަނާޒުލްވެވަޑައިގެންފައިވާއިރު، އޭނާގެ ބަދަލުގައި ބެންޗަށް ވަޑައިގަންނަވާނީ ކޮން ގާޒީއެއް ކަމެއް އަދި އެނގިފައި ނުވެ އެވެ.

މައްސަލައިގެ ހުލާސާ:

  • ހަމަލާ ދިނުމުގައި އަމަލީ ގޮތުން އުޅުނު އަދުހަމް އަހުމަދު ރަޝީދު އިއުތިރާފްވެ ދައުލަތާ އެކު އެއްބަސްވުމެއް ހެދުމުން ލުއި އަދަބެއް ދީ 23 އަހަރަށް ވަނީ ޖަލަށްލާފައި

  • އަދުހަމްގެ ހެކިބަސް މުހިންމު ހެއްކަކަށްވާ މި މައްސަލައިގައި ދެން ތިބިި މީހުންގެ ޝަރީއަތް ދަނީ ކުރިއަށް؛ އެ މީހުންގެ މައްސަލައިގައި މިހާރު އޮތީ ޝަރީއަތުގެ މަރުހަލާ ފަށަން ތައްޔާރުވެފައި

  • ތަހުމީން އަހުމަދު (ފޮޅޭމާ/ގއ. ކޮނޑޭ): ޓެރަރިޒަމްގެ އަމަލެއް ކުރުމުގައި ބައިވެރިވުމުގެ ދައުވާ، ގޮވާތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވެދިނުމުގެ ދައުވާ އަދި ޓެރަރިސްޓް ޖަމާއަތަކަށް ތާއިދުކުރުމުގެ ދައުވާ

  • މުޖާޒު އަހުމަދު (މއ. ފޭރުގެ/ކ. މާލެ): ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ އަދި ކުށެއްކޮށްފައިވާ މީހަކު ފިލުވުމަށް އެހީތެރިވެދިނުމުގެ ދައުވާ

  • އަލީ ހައިޝަމް (ނޫރީގެ/ނ. މަނަދޫ): ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ، ގޮވާ ތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވެދިނުމުގެ ދައުވާ އަދި ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ

  • އިސްހާގު (މއ. ކުދެހިގެ/ކ.މާލެ): ގޮވާތަކެތި އެހެން ތަނަކަށް ގެންދިއުމުގެ ދައުވާ، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ އަދި ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ

  • ފަހުމީ އަލީ (ހުދުރުވާގެ/ގއ. ވިލިނގިލި): ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ

  • މުހައްމަދު ނާޒިމް (އަސަރީގެ/އއ. މާޅޮސް): ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ

  • މުހައްމަދު ތަސްލީމް (ހއ. ހޯރަފުށި/އަލަނާސިގެ): ޓެރަރިސްޓު ޖަމާއަތަކަށް ތާއީދު ކުރުމުގެ ދައުވާ

  • އަބްދުﷲ އަލިމަނިކު (ހއ. މޮޅަދޫ/ބަހާރުގެ): ޓެރަރިސްޓު ޖަމާއަތަކަށް ތާއީދު ކުރުމުގެ ދައުވާ

އިތުރު އާޓިކަލް

އިތުރު އާޓިކަލް