ރައީސް ސޯލިހް މިއަދު މާމިގިއްޔަށް ވަޑައިގަތުމުން ޖޭޕީގެ ލީޑަރު ގާސިމް މާމިގިލީ އެއާޕޯޓުން ރައީސަށް މަރުހަބާ ވިދާޅުވަނީ. (ފޮޓޯ/ޖުމްހޫރީ ޕާޓީ)

2023އާ މެދު ގޮތެއް ނިންމަން އަވަސް ކަމަށް ގާސިމް ވިދާޅުވެފައިވަނިކޮށް ރައީސް މާމިގިއްޔަށް

ގާސިމް ވަނީ މާމިގިލިން ރައީސް ސޯލިހަށް ހޫނު މަރުހަބާއެއް ވިދާޅުވެފައި

އަންނަ އަހަރުގެ ރިޔާސީ އިންތިހާބާ މެދު ގޮތެއް ނިންމަން މާ އަވަސް ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެފައި ވަނިކޮށް މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އދ. މާމިގިއްޔަށް ވަޑައިގެން ގާސިމްއާ ބައްދަލުކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ސޯލިހު މިއަދު މާމިގިއްޔަށް ވަޑައިގެންނެވި އިރު އެ ދާއިރާގެ މަޖިލިސް މެމްބަރުކަން ވެސް ކުރައްވާ ގާސިިމް ވަނީ މާމިގިލީ އެއާޕޯޓުން ރައީސަށް ހޫނު މަރުހަބާއެއް ވިދާޅުވެފަ އެވެ. އަދި އެ ރަށުގެ ބައެއް އާންމުން ވެސް ވަނީ އެއާޕޯޓުން އެ މަނިކުފާނަށް މަރުހަބާ ކިޔައިފަ އެވެ.

ބުނީ ކީކޭ؟ - ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވީ ރައީސް މާމިގިއްޔަށް ވަޑައިގަތީ އަމިއްލަ ދަތުރުފުޅެއްގައި ކަމަށެވެ.

"އެ ދަތުރުފުޅުގައި، ރަށު ކައުންސިލްގެ އެދުމުގެ މަތިން ރައީސް ވަނީ ކައުންސިލާ ވެސް ބައްދަލުކުރައްވާފައި،" އޭނާ ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް މާމިގިލީ އެއާޕޯޓުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މަރުހަބާ ވިދާޅުވަނީ (ފޮޓޯ/ޖުމްހޫރީ ޕާޓީ)
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް މާމިގިލީ އެއާޕޯޓުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މަރުހަބާ ވިދާޅުވަނީ (ފޮޓޯ/ޖުމްހޫރީ ޕާޓީ)

އެނގުން މުހިންމު - ރައީސް މާމިގިއްޔަށް ވަޑައިގެންފައި މި ވަނީ، 2023ގައި ބާއްވާ ރިޔާސީ އިންތިހާބާ ބެހޭ ގޮތުން ގާސިމް އިއްޔެ ވާހަކަ ދައްކަވާފައި ވަނިކޮށެވެ. އެކަމަކު، 2023އާ ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރައްވާނެ ކަމެއް އެނގިފައެއް ނުވެ އެވެ.

'ދައުރު'އާ ވާހަކަ ދައްކަވަމުން އިއްޔެ ގާސިމް ވިދާޅުވެފައި ވަނީ:

  • ދެވަނަ ދައުރަކަށް ރައީސް ސޯލިހު ހޮވުމަށް ތާއީދު ކުރެއްވުމާ މެދު އަދި އެއްޗެއް ވިދާޅުވާން މާ އަވަސް ކަމަށް

  • ރިޔާސީ އިންތިހާބު ބާއްވަން އަދި ދުވަސްތަކެއް އެބަ އޮތް ކަމަށާއި، އެހެންވެ ސިޔާސީ މަސްރަހުގައި ކަންކަން ބަދަލުވުމުގެ ފުރުސަތު އޮތްކަން ވެސް އޭނާ ފާހަގަ ކުރެއްވި

  • ގާސިމް ވިދާޅުވީ އެކަމާ މެދު ގޮތެއް ނިންމާނީ ޖުމްހޫރީ ޕާޓީގެ ކައުންސިލުން ކަމަށް އަދި ކައުންސިލުގެ ނިންމުމަށް ތަބާވާނެ ކަމަށް

މާމިގިލީ އެއާޕޯޓުގައި ރައީސް ސޯލިހު މިއަދު ގާސިމްއާ އެކު. (ފޮޓޯ/ ޖުމްހޫރީ ޕާޓީ)

ދެ ވަނަ ދައުރަކަށް ކުރިމަތިލެއްވުމުގެ ޝައުގުވެރިކަން ރައީސް ސޯލިހު ވަނީ މިދިޔަ ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހާމަކުރައްވައިފަ އެވެ.

ރައީސް ވިދާޅުވެފައި ވަނީ ކޯލިޝަނާ އެކު 2023ގެ ރިޔާސީ އިންތިހާބު އެ މަނިކުފާނަށް ކާމިޔާބު ކުރެއްވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ. އެކަމަކު، އިންތިހާބަށް އެމްޑީޕީން ނެރޭނެ ކެންޑިޑޭޓަކު ނިންމާނީ ޕާޓީގެ ކޮންގްރެސް އިން ކަމަށް ވެސް ރައީސް ވިދާޅުވެފައިވެ އެވެ.

އެނގުން މުހިންމު - ރައީސް ސޯލިހު 2018 ވަނަ އަހަރު ވެރިކަމަށް އިންތިހާބުވެވަޑައިގަތީ ގާސިމްގެ ޖޭޕީ އާއި އަދާލަތު ޕާޓީ އާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރްއެމްއާ އެކު ހެދި ކޯލިޝަނެއްގެ ތެރެއިންނެވެ. އޭގެ އިތުރުން، ފަހުން މައްސަލަ ޖެހުނު ނަމަވެސް، ރައީސް އަބްދުﷲ ޔާމީން 2013ގައި އިންތިހާބުވެވަޑައިގެންނެވި ކޯލިޝަނުގައި ވެސް ގާސިމްގެ ޖޭޕީ ހިމެނުނެވެ.

އިތުރަށް ކިޔާލަން -


އިތުރު އާޓިކަލް

އިތުރު އާޓިކަލް