މާރާމާރީގެ މައްސަލައިގައި ފުލުހުން ހޯދަމުންދާ މީހުންގެ ވަނަވަރު. (ފޮޓޯ/ޕޮލިސް)
އީދު ބަންދުގައި ހިންގި މާރާމާރީތަކާ ގުޅިގެން ހޯދާ 4 މީހަކު އަދިވެސް ނުފެނޭ
ކުޑަ އީދު ބަންދުގެ ތެރޭގައި މާލޭގައި ހިންގި ސިލްސިލާ މާރާމާރީތަކާ ގުޅިގެން މިދިޔަ މަހުގެ 5ގައި ފުލުހުން ހޯދަން އިއުލާން ކުރި ހަތް މީހުންގެ ތެރެއިން ހަތަރު މީހަކު އަދިވެސް ނުފެންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - މިދިޔަ މަހުގެ 2ގައި ފާހަގަކުރި ކުޑަ އީދު ދުވަހުގެ ރެއިން ފެށިގެން ހިންގި ސިލްސިލާ މާރާމާރީތަކުގައި ވަޅި ހަރައި ފަސް މީހުންނަށް ވުރެ ގިނަ މީހުން ޒަހަމްކޮށްލާފައިވެ އެވެ. އެ މާރާމާރީތައް ހުއްޓުވަން ފުލުހުން ހިންގި އޮޕަރޭޝަންގައި:
-
ތޫނު ހަތިޔާރާ އެކު ބައެއް މީހުން ހައްޔަރު ވެސް ކުރި
-
ޖަނަވަރީ މަގާއި މަޖީދީ މަގު ގުޅޭ ހިސާބުގައި ހިންގި މާރާމާރީއާ ގުޅިގެން ހަތް މީހެއްގެ ވަނަވަރު ހާމަކޮށް، އެ މީހުން ހޯދުމުގެ މަސައްކަތް ފެށި
-
އެ މައްސަލައިގައި މިހާތަނަށް ފަސް މީހަކު ހައްޔަރުކުރިއިރު އޭގެ ތެރޭގައި ކުޑަކުއްޖަކު ވެސް ހިމެނޭ
ބުނީ ކީކޭ؟ - ފުލުހުން މިއަދު ބުނީ އެ މައްސަލައިގައި ވަނަވަރު ހާމަކުރި ހަތް މީހުންގެ ތެރެއިން ހަތަރު މީހަކު ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުން އަންނަ ކަމަަށެވެ. ފުލުހުން އެދުނީ، އެ މީހުންނާ ބެހޭ މައުލޫމާތެއް އެނގޭ ނަމަ:
-
ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111އަށް ގުޅުމަށް
-
ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9911099އަށް ގުޅައި ހިއްސާ ކުރުމަށް
މައްސަލައާ ގުޅިގެން ހޯދަމުން އަންނަނީ:
-
މައުސޫމް މުހައްމަދުދީދީ - ދަފްތަރު ނަންބަރު ރސ2260 (27އ)
-
އަހުމަދު ރަބީއު - ގުލޭނޫރަންމާގެ/ގއ. މާމެންދޫ (24އ)
-
މުނާދު ޖައުފަރު - ނާދީ/ ސ. ހުޅުދޫ (20އ)
-
އަހުމަދު ސާތިއު - ކޮރަލް/ސ. މަރަދޫ (21އ)
މައްސަލައާ ގުޅިގެން މިހާރު ބަންދުގައި ތިބި މީހުންނަކީ:
-
އަހްމަދު ޝިމްހާޒު - ސީނުގެ/ތ. ތިމަރަފުށި (22އ)
-
ލޫތު އަހުމަދު އާސިފް - މ. ލޮނުމިދިލިގެ (18އ)
-
ހަސަން ޒިޔާން އިބްރާހިމް - އުނިމާގެ/ގދ. ވާދޫ
-
15 އަހަރުގެ ކުޑަކުއްޖެއް
-
އަހުމަދު ނާޒިހު - ކެނެރީގެ/ގއ. ގެމަނަފުށި (27އ)
އެނގުން މުހިންމު - ކުޑަކުއްޖާ ފިޔަވައި ދެން ތިބި ހަތަރު މީހުން ވެސް ޝަރީއަތުން ގޮތެއް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. ކުޑަކުއްޖާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ހަތަރު ވަނަ ފަހަރަށް ކޯޓަށް ހާޒިރުކުރުމުން ހަތް ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.