ޕީޕީއެމްގެ އޮފީހުގައި މިދިޔަ ޑިސެމްބަރު މަހު ބޭއްވި ޖަލްސާއެއްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވާހަކަދައްކަވަނީ. (ދައުރު ފައިލް ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
ގާޒީ އާލާސްކަންފުޅާ އުޅުއްވާތީ ޔާމީންގެ އަޑުއެހުން ކެންސަލްވެއްޖެ
އެމްއެމްޕީއާރްސީ މެދުވެރިކޮށް ވ. އާރަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ މިއަދުގެ ޝަރީއަތުގެ އަޑުއެހުން ކެންސަލްކޮށްފި އެވެ.
ވީ ކިހިނެއް؟ - އެ މައްސަލައިގައި ޔާމީނަށް ކުރާ ދައުވާތަކުގެ ޝަރީއަތް ލައިވް ކުރަން އެ މަނިކުފާނުގެ ފަރާތްޕުޅުން އެދިވަޑައިގަތުމާ ގުޅިގެން، މިއަދުގެ އަޑުއެހުން ލައިވްކުރަން އޮތީ ނިންމައިފަ އެވެ.
ތަފްސީލް - ނަމަވެސް އެ މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލް އާލާސްކަންފުޅާ އުޅުއްވާތީ، މިއަދު 1 ޖަހާއިރަށް ތާވަލުކުރި އަޑުއެހުން ވަނީ ކެންސަލް ކޮށްފަ އެވެ.
ބުނީ ކީކޭ؟ - ކްރިމިނަލް ކޯޓުގެ އިންފޮމޭޝަން އޮފިސަރު އަމާން މުހައްމަދު ނަޖީބު 'ދައުރު' އަށް ވިދާޅުވީ އަޑުއެހުން އަލުން ތާވަލުކުރަން ގިނަ ދުވަހެއް ނުނަގާނެ ކަމަށާއި، ނަމަވެސް ދެން އަޑުއެހުން އޮންނާނެ ތާރީހެއް ބުނަން އަދި ނޭނގޭ ކަމަށެވެ.
މައްސަލަ - ދައުލަތުން ބުނާ ގޮތުގައި، އެމްއެމްޕީއާރްސީ މެދުވެރިކޮށް ވ. އާރަށް ކުރީގެ ފެލިދޫ ދާއިރާގެ މެމްބަރު ޔޫސުފް ނައީމްގެ ހިއްސާ އޮންނަ ޓޫ ޖީ ޕްރައިވެޓް ލިމިޓެޑަށް ދިނީ އޭނާ ޔާމީނަށް 1 މިލިއަން ޑޮލަރުގެ ރިޝްވަތު ދެއްވުމުންނެވެ. އެ ރިޝްވަތު ފައިސާ ނަންގަވައި އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ދައުލަތުން ބުނެ އެވެ.
އެ މައްސަލައިގައި:
-
ޔޫސުފް ނައީމްގެ މައްޗަށް ރިޝްވަތު ދިނުމުގެ ދައުވާ ވަނީ ކޮށްފައި
-
ޔާމީނަށް ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ދައުވާ ވަނީ ކޮށްފައި
-
އެ ދެ ބޭފުޅުންގެ މައްސަލަ ކޯޓުން ކުރިއަށްގެންދަނީ އެކުއެކީގައި