އެމްއޭސީއެލްގެ އެމްޑީ އެންޑްރޫ (ކ) ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވާހަކަ ދައްކަވަނީ. (ފައިލް ފޮޓޯ/ ރައީސް އޮފީސް)

އެމްއޭސީއެލްގެ ވެރިންގެ މުސާރަ ހާމަކުރަން ދެކޮޅުހަދައިފި

އެމްއޭސީއެލް އިން ބުނީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން މައުލޫމާތު ހިއްސާކުރަން އެ ކުންފުންޏަށް ނުޖެހޭ ކަމަށް

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ސީއީއޯގެ މުސާރަ ހިމެނޭ ގޮތަށް އެ ކުންފުނީގެ ޑިރެކްޓަރުންނާއި މުވައްޒަފުންގެ މުސާރަ ހަތް ދުވަހުގެ ތެރޭގައި ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އިން އެ ކުންފުންޏަށް އެންގި ނަމަވެސް އެ މައުލޫމާތު ހާމަކުރެވެން ނެތް ކަމަށް އެ ކުންފުނިން އަންގައިފި އެވެ.

ވީ ކިހިނެއް؟ - މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ދައުލަތުގެ ގިނަ މުއައްސަސާތަކަކާއި ކުންފުނިތަކެއްގެ މައުލޫމާތާއި މުސާރައިގެ މައުލޫމާތު ހޯދާ އައިމަން ލަތީފް، އެމްއޭސީއެލްގެ ވެރިންނާއި މުވައްޒަފުންގެ މުސާރައިގެ ތަފްސީލު ހޯދަން އެންމެ ފުރަތަމަ އެދިފައިވަނީ 2020ގަ އެވެ.

މައްސަލައިގައި ކަން ހިނގާފައިވާ ގޮތް:

 • 15 އޮކްޓޯބަރު 2020: އައިމަން މައުލޫމާތު ހޯދާ ހައިިސިއްޔަތު ސާފުކޮށްދޭން އެމްއޭސީއެލް އިން އެދުނު

 • 22 އޮކްޓޯބަރު 2020: ފޯމު ލިބުނު ކަމުގެ ރަސީދެއް ފޮނުވި

 • 21 ނޮވެމްބަރު 2020: މައުލޫމާތު ލިބުން ލަސްވާތީ ހަނދާންކޮށްދިން

 • ޑިސެމްބަރުގައި ވެސް މައުލޫމާތު ނުދިނުމުން ފޯނުން ގުޅައިގެން ހަނދާންކޮށްދިނުމުން އެދުނީ އަލުން ފޯމު ފޮނުވުމަށް

 • 13 ޑިސެމްބަރު 2020: އަލުން ފޯމު ފޮނުވި

 • 21 ޑިސެމްބަރު 2020: މައުލޫމާތު ނުދޭތީ އަލުން ހަނދާންކޮށްދިން

 • 27 ޑިސެމްބަރު 2020: މައުލޫމާތު ދޭން އުޒުރުވެރިވާ ކަމަށް ބުނެ އެމްއޭސީއެލް އިން ސިޓީއެއް ފޮނުވި

 • 28 ޑިސެމްބަރު 2020: އެމްއޭސީއެލްގެ ނިންމުން މުރާޖައާކޮށްދިނުމަށް، އެ ކުންފުނީގެ މުރާޖައާ ކޮމެޓީގައި އެދުނު

 • 31 ޑިސެމްބަރު 2020: މުރާޖައާ ކޮމިޓީން ބުނީ އެ ކުންފުންޏަކީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ތަރަހައަށް ފެތޭ ކުންފުންޏެއް ނޫން ކަމަށް

 • 14 ސެޕްޓެމްބަރު 2021: މުސާރައިގެ މައުލޫމާތު ދޭން އައިކޮމް އިން އެމްއޭސީއެލްއަށް އެންގި

 • 21 ސެޕްޓެމްބަރު 2021: އައިކޮމް އިން ދިން ހަތް ދުވަހުގެ މުއްދަތު ހަމަވި

އައިކޮމްގެ ނިންމުން - އެ މައްސަލައިގައި އައިކޮމް އިން މި މަހުގެ 14 ގައި ނިންމާފައިވަނީ އެމްއޭސީއެލް އަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގައި ބަޔާންކުރާ ދައުލަތުގެ އިދާރާއެއްގެ ގޮތުގައި ނުހިމެނުނު ނަމަވެސް، ދައުލަތުގެ ކުންފުނިތަކަކީ ދައުލަތުގެ އިދާރާއެއް ކަމަށް ބަލާނެ ކަމަށް ހައި ކޯޓުން ނިންމާފައި ވާތީ އެދިފައިވާ މައުލޫމާތު ހިއްސާކުރަން ޖެހޭނެ ކަމަށެވެ.

އެމްއޭސީއެލްގެ ޖަވާބު - އައިކޮމް އިން އެމްއޭސީއެލް އަށް ދިން ހަތް ދުވަސް ހަމަވެ، 13 ވަނައަށް ވީ ދުވަހު (އިއްޔެ) އެ ކުންފުނިން އައިމަން އަށް ފޮނުވި ސިޓީގައި ބުނީ، އެމްއޭސީއެލް އަކީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން މައުލޫމާތު ހިއްސާކުރަން ޖެހޭ ކުންފުންޏަކަށް ނުވާތީ އައިމަން އެދިފައިވާ މައުލޫމާތު ހިއްސާކުރެވެން ނެތް ކަމަށެވެ.

"14 ސެޕްޓެމްބަރު 2021ގެ ނިންމެވުމުގައި ހަވާލާދެވިފައިވާ ހައިކޯޓުގެ ހުކުމްގައި މައުލޫމާތި ހޯދާ ލިބިގަތުމުގެ ގާނޫނުގެ 72 ވަނަ މާއްދާގެ (ޅ) ގައި މައުލޫމާތު ފޯރުކޮށްދޭން ޖެހޭ ދައުލަތުގެ އިދާރާތައް ބަޔާންކޮށްފައި ވާއިރު، ސަރުކާރުގެ ކުންފުނިތައް ހިމެނޭކަމަށް ހުކުމް ކުރައްވާފައި ނުވާ،" ކަމަށް އެމްއޭސީއެލް އިން އައިމަން އަށް ފޮނުވި ސިޓީގައިވެ އެވެ.

އެނގުން މުހިންމު - ސަރުކާރުގެ ބޮޑެތި ކުންފުނިތަކުގެ ވެރިން ހިމެނޭހެން މުވައްޒަފުންގެ މުސާރައިގެ ތަފްސީލު ހޯދަން މީގެ ކުރިން ވެސް އައިމަން ވަނީ އެދިފަ އެވެ. ނަމަވެސް ކުންފުނިތަކުން މައުލޫމާތު ދޭން ދެކޮޅުހަދަ އެވެ. 

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނު ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ހިނގާނެތޯ އުފެދިފައިވާ ސުވާލުގެ މައްސަލަ މިހާރު އޮތީ ސުޕްރީމް ކޯޓުގަ އެވެ. 

އިތުރަށް ކިޔާލަން -

ކޮމެންޓް (1)

ބުޅާ

27 ސެޕްޓެމްބަރު 2021
އައިމަން: ޑީޓެއިލްސް ޕްލީޒް އެމްއޭސީއެލް: ނުދޭނަން! ދެން ލަލަލާ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް