ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (ކ) އާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، ރައީސް އޮފީހުގައި. (ފައިލް ފޮޓޯ/ރައީސް އޮފީސް)
އަގްސޯ މިސްކިތުގެ ހުރުމަތް ކަނޑާލުން، ރައީސް ސޯލިހާއި މައުމޫން ކުށްވެރިކުރައްވައިފި
އިޒްރޭލުގެ ދިދަ ހޫރުވަމުން ގިނަ އަދަދެއްގެ ބަޔަކު އަލް އަގްސޯ މިސްކިތަށް ވަދެ، މިސްކިތުގެ ހުރުމަތް ކަނޑާލުމުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އެކަން ކުށްވެރިކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - އިޒްރޭލުގެ ދިދަ ހިފައިގެން ބަޔަކު މިސްކިތަށް ވަދެފައި ވަނީ، 1967 ވަނަ އަހަރު ކުރި ހަ ދުވަހުގެ ހަނގުރާމައިގައި އިރުމަތީ ގުދުސް އިޒްރޭލު ސިފައިން ހިފުމުގެ ކާމިޔާބީ ފާހަގަކުރުމަށް އިއްޔެ ބޭއްވި "ފްލެގް މާޗް"ގެ ތެރެއިންނެވެ.
ތަފްސީލް - އެކަމާ ގުޅިގެން ރައީސް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިޒްރޭލުގެ ދިދަ ހިފައިގެން މިސްކިތަށް ވަދެގަތުން ކުށްވެރިކުރައްވާ ކަމަށެވެ. އަދި ދިވެހިން އަބަދު ވެސް ތިބޭނީ ފަލަސްތީނާ އެކު ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އެ މައްސަލައިގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ވަނީ ޓުވީޓެއް ކުރައްވައިފަ އެވެ. މައުމޫން ވިދާޅުވީ އިޒްރޭލްގެ ދިދަ ހިފައިގެން ބަޔަކު އަގްސޯ މިސްކިތަށް ވަދެ އެމާތް މިސްކިތުގެ ހުރްމަތް ކަނޑާލުމަކީ މުޅި އިސްލާމީ އުންމަތް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަން ޖެހޭ ކަމެއް ކަމަށެވެ.
އެ ހިނގާލުމުގެ ބައިވެރިން މިސްކިތުގެ ތެރެއަށް ވަދެ، އެ މީހުންގެ ދީނީ އަޅުކަންތައް ކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. އަދި ފަލަސްތީނު މުސްލިމުންނަށް އަގްސޯ މިސްކިތަށް ނުވަދެވޭ ގޮތަށް ދޮރުތައް ތަޅުލި ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.
އެ ހިނގާލުމާ ދެކޮޅަށް ފަލަސްތީނުގެ ގިނަ ބަޔަކު ނުކުތް އިރު، ގިނަ ބަޔަކު ވަނީ ޒަހަމްކޮށްލައިފަ އެވެ. އަދި ގިނަ ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ.