ސްޓެލްކޯ ފްލެޓުތަކަށް އެ ކުންފުނީގެ އަމިއްލަ ހަރަދުގައި ކަރަންޓުލުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ރޭ ބޭއްވި ބައްދަލުވުމުގެ ތެރެއިން. (ފޮޓޯ/ސްޓެލްކޯ)

ސްޓެލްކޯ

ސްޓެލްކޯގެ ފްލެޓުތަކަށް މި މަހު ކަރަންޓު ދޭނެ؛ އަންނަ މަހު ދިރިއުޅެވޭ ވަރު ވާނެ

ކުންފުނީގެ އަމިއްލަ ހަރަދުގައި ފްލެޓުތަކަށް ކަރަންޓުލުމުގެ އިންތިޒާމު ހަމަޖައްސަން ޑިރެކްޓަރުންގެ ބޯޑުން ރޭ ވަނީ ނިންމާފައި

ސްޓެލްކޯ ސްޓާފް ހައުސިން ޕްރޮޖެކްޓްގެ ދަށުން ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ 'ސްޓެލްކޯ ހިޔާ'ގެ ދެ ޓަވަރަށް  ކަރަންޓު ލުމުގެ މަސައްކަތް މި މަހުގެ ނިޔަލަށް ނިމޭނެ ކަމަށާއި، އަންނަ މަހުގެ ތެރޭގައި އެ ފްލެޓުތަކުގައި މީހުންނަށް ދިރިއުޅެވޭ ވަރު ވާނެ ކަމަށް އެ ކުންފުނިން ރޭ ބުނެފި އެވެ.

ވީ ކިހިނެއް؟ - ފްލެޓުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް އެޗްޑީސީން ހަވާލުކޮށްފައި އޮތީ ޗައިނާ ކުންފުންޏަކާ އެވެ. ނަމަވެސް އެ މަސައްކަތް ލަސްވާތީ، ސްޓެލްކޯގެ ފްލެޓުތަކަށް އެ ކުންފުނީގެ އަމިއްލަ ހަރަދުގައި ކަރަންޓުލުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ރޭ ވަނީ ނިންމައިފަ އެވެ.

ތަފްސީލް - އެޗްޑީސީން ހަވާލުކުރި ކުންފުންޏަށް ކަރަންޓުގެ މަސައްކަތް ނިންމާލެވޭނެ ކަމަށް ބެލެވެނީ ސެޕްޓެމްބަރު މަހު އެވެ.

ސްޓެލްކޯގެ އޮފިޝަލަކު މިއަދު 'ދައުރު' އަށް ވިދާޅުވީ، ފްލެޓު ލިބުނު މުވައްޒަފުން ފްލެޓު ލިބުނު ދުވަހުން ފެށިގެން ކުލި ދައްކަމުން އަންނަ ކަމަށެވެ. އަދި އެ ތަނަށް ކުލި ދެއްކުމުގެ އިތުރުން، މިހާރު ދިރިއުޅޭ ތަނަށް ވެސް ގިނަ މުވައްޒަފުން ކުލި ދައްކަން ޖެހިފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

އެހެންކަމުން، ސްޓެލްކޯ އިން އަމިއްލައަށް ކަރަންޓުލުމުގެ މަސައްކަތް ކުރަން ނިންމީ، ވީހާ ވެސް އަވަހަކަށް މަސައްކަތް ނިންމައި މުވައްޒަފުންނަށް ލުޔެއް ހޯދައިދިނުމަށް ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ބުނީ ކީކޭ؟ - އޮފިޝަލް ވިދާޅުވީ، މި މަހުގެ ނިޔަލަށް ސްޓެލްކޯގެ ފްލެޓުތަކަށް ކަރަންޓު ލުމުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށެވެ.

ހަމަ އެއާ އެކު، ފެނާއި ނަރުދަމާގެ މަސައްކަތް ވެސް އެހާތަނަށް ނިމޭނެ ކަމަށް ބެލެވެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންކަމުން، އަންނަ މަހުގެ މެދެއްހާ ހިސާބުގައި ފްލެޓުތަކުގައި މީހުންނަށް ދިރިއުޅެވޭ ވަރު ވާނެ ކަމަށް މި ބަލަނީ،" އޭނާ ވިދާޅުވި އެވެ.

އެނގުން މުހިންމު - އޮފިޝަލް ވިދާޅުވީ، ކަރަންޓުލުމުގެ މަސައްކަތަށް ހިނގާނެ ހަރަދު އަދި ނޭނގޭ ކަމަށާއި، އެކަން އެނގޭނީ މަސައްކަތް ފެށުމުން ކަމަށެވެ. އަދި އެހެން ކުންފުނިތަކުން އަޅާ ފްލެޓުތަކަށް ކަރަންޓުލުމުގެ މަސައްކަތް އަވަސް ކުރަން ބޭނުން ވާނަމަ، ފައިސާ ދައްކާ ގޮތަށް ސްޓެލްކޯ މެދުވެރިކޮށް އެކަން ކުރެވޭނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ. ނަމަވެސް އަގުތަކުގެ ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް