ޖަމާލުއްދީން ސްކޫލު ކުރިމަތި. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)
ޖަމާލުއްދީން ސްކޫލަށް ވަދެ މާރަމާރީ ހިންގި މީހާ ހުރީ ހަނު
ޖަމާލުއްދީން ސްކޫލަށް ވަދެ، މާރާމާރީ ހިންގި މައްސަލައިގައި ހައްޔަރު ކުރި މީހާ ހުރީ ހަނުގައި ކަމަށް ފުލުހުންގެ މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟- ދީނީ ގޮތުން ހަރުކަށި ފިކުރުގެ ވިސްނުމުގެ މީހެއް ކަމަށް ތުހުމަތުކުރެވޭ އެ މީހާ މިދިޔަ އަންގާރަ ދުވަހު އެ ސްކޫލަށް ވަދެ "ﷲ އަކްބަރު" ކިޔައި" އަޑުގަދަ ކުރި އެވެ. އެގޮތުން:
-
ދީނީ ވާހަކަތަކެއް އެ ވަގުތު އޭނާ ދެއްކި އިރު، ސްކޫލްގެ ޕްރިންސިޕަލަށް ވެސް ހަމަލާ ދީ، އިންޒާރު ދިން
-
ހަމަ އެ ވަގުތު ފުލުހުން އެ ތަނަށް ގޮސް އޭނާ ހައްޔަރު ކުރި
-
ބަންދަށް 15 ދުވަސް ޖަހާފައި ވާއިރު، މި މައްސަލަ ތަހުގީގުކުރަމުން ދާކަން ބުނުން ފިޔަވައި މާ ބޮޑު ތަފްސީލެއް ފުލުހުން ނުދޭ
ތަފްސީލު - މިކަމާ ގުޅިގެން 'ދައުރު'ން މިއަދު ސުވާލު ކުރުމުން ފުލުހުންގެ ޔޫނުސް ސޮބާހު ވިދާޅުވީ، އަދިވެސް މި މައްސަލައާ ގުޅުންހުރި އެކި މީހުންގެ ބަޔާން ނަގަމުން އަންނަ ކަމަށެވެ.
"ތުހުމަތުގައި ހައްޔަރު ކުރި މީހާއާ ފުލުހުން ސުވާލު ކުުރުމުން އޭނާ ހުރީ ހަނު،" އޭނާ ވިދާވި އެވެ.
ނަމަވެސް، އިތުރު ތަފްސީލެއް ޔޫނުސް ނުދެއްވަ އެވެ.
އެނގުން މުހިންމު - މިއީ، ރާއްޖޭގެ ސްކޫލަކަށް ވަދެ މި ގޮތަށް މީހަކު އަމަލު ކުރި ފުރަތަމަ ފަހަރެވެެ. އެޑިއުކޭޝަން ދާއިރާގެ ބޭފުޅުން ވިދާޅުވަނީ، މިއީ ވަރަށް ބޮޑު އިންޒާރެއް ކަމަށާއި މިކަަމާ ގުޅިގެން ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށެވެ.
މި ހާދިސާއާ ގުޅިގެން އިއްޔެ 'ދައުރު'އާ ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވީ އެފަދަ ކަމެއް ހިނގީ ވެސް ސްކޫލުތަކުގެ ސެކިއުރިޓީ ވަރުގަދަކޮށްފައި ވަނިކޮށް ކަމަށެވެ.
އެ ސްކޫލުގެ ގްރޭޑް އެކެއްގައި ކިޔަވާ ދެ ދަރިވަރެއްގެ ބައްޕަ ސްކޫލު ތެރެއަށް ވަނީ، ސްކޫލުގެ ގޭޓް ހުޅުވާލާފައި ޓީޗަރަކު ނުކުތް ވަގުތު، ދޮރު ނުލެއްޕެނީސް ހަމަ ކުއްލިއަކަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ސަޕްރައިޒެއްގެ ގޮތަށް މި މީހާ ވަދެގަނެގެން ހިނގި ކަމެއް މިއީ،" މިނިސްޓަރު ވިދަޅުވި އެވެ.
"އަނެއްހެން ސްކޫލަކަށް ކޮންމެ ކޮންމެ މީހަކަށް ވެސް ނުވެސް ވަދެވޭނެ. ކީ ސިސްޓަމަކުން ދޮރު ފަސޭހައިން ނުހުޅުވޭ ގޮތަށް ހުންނާނީ ވެސް."
-
އިތުރަށް ކިޔާލަން - ޖަމާލުއްދީނަށް ބިރުވެރިކަން ގެނައި ވަގުތުކޮޅު؛ އެއީ އިންޒާރެއް