އއ. އުކުޅަހުގައި މިދިޔަ ހަފްތާ ބަންދުގައި ބޭއްވި 'ވިއަވެތި ރާއްޖެ' މަހާސިންތާގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ބައިވެރިވެވަޑައިގަންނަވަނީ. (ފޮޓޯ/ރައީސް އޮފީސް)
ސްކޫލުތައް ދަރިވަރުންނަށް ރައްކާތެރިވާނެކަމުގެ ޔަގީންކަން ދެން: މިނިސްޓަރު
މިދިޔަ އަންގާރަ ދުވަހު ޖަމާލުއްދީން ސްކޫލަށް ގަދަކަމުން މީހަކު ވަދެ، ހަޅޭއްލަވައި އިންޒާރު ދިން ނަމަވެސް، ސްކޫލުތައް ދަރިވަރުންނަށް ރައްކާތެރި އަދި އަމާންތަނަކަށް ވާނެކަމުގެ ޔަގީންކަން ދެއްވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.
މައްސަލައިގެ ފެށުން - ޖަމާލުއްދީން ސްކޫލުގެ ހެނދުނު ސެޝަންގެ ކިޔެވުން ކުރިއަށް ދަނިކޮށް މީހަކު ވަނީ، އެ ސްކޫލުގެ ދަގަނޑު ދޮރުގައި ޖެހިގަނެ، ކުއްލިއަކަށް އެތެރެއަށް ވަދެގެންފަ އެވެ. ވަން ގޮތަށް އެ މީހާ "ﷲ އަކްބަރު"އޭ ގޮވައި ހަޅޭއްލަވަން ފެށި އެވެ. އަދި އޭނާއާ ކައިރިވެއްޖެ ނަމަ، މަރާލާނެ ކަމަށް ބުނެ ސްކޫލުގެ ފުރަތަމަ ބުރިއަށް އަރަން އުޅުނެވެ.
ނަމަވެސް ފުރަތަމަ ބުރިއަށް އަރައި، 37 އަހަރުގެ އެ މީހާއަށް ކްލާސްތަކާ ހަމައަށް ނުދެވެނީސް، ސްކޫލުގެ ޕްރިންސިޕަލް ހަސަން މުހައްމަދު ވަނީ އޭނާއާ ކުރިމަތިލައްވައި ހިފަހައްޓާފަ އެވެ.
ވީ ކިހިނެއް؟ - މި ހާދިސާއާ ގުޅޭ ގޮތުން އެޑިއުކޭޝަން މިނިސްޓްރީން ފުރަތަމަ ފަހަރަށް ވާހަކަ ދައްކަވަމުން، މިނިސްޓަރު އައިޝަތު އަލީ މިއަދު 'ދައުރު'އަށް ވިދާޅުވީ އެފަދަ ކަމެއް ހިނގީ ވެސް، ސްކޫލުތަކުގެ ސެކިއުރިޓީ ވަރުގަދަކޮށްފައި ވަނިކޮށެވެ.
ބުނީ ކީކޭ؟ - އައިޝަތު އަލީ ވިދާޅުވީ، އެ ސްކޫލުގެ ގްރޭޑް އެކެއްގައި ކިޔަވާ ދެ ދަރިވަރެއްގެ ބައްޕަ ސްކޫލު ތެރެއަށް ވަނީ، ސްކޫލުގެ ގޭޓް ހުޅުވާލާފައި ޓީޗަރަކު ނުކުތް ވަގުތު، ދޮރު ނުލެއްޕެނީސް ހަމަ ކުއްލިއަކަށް ކަމަށެވެ.
"ސަޕްރައިޒެއްގެ ގޮތަށް މި މީހާ ވަދެގަނެގެން ހިނގި ކަމެއް މިއީ،" މިނިސްޓަރު ވިދަޅުވި އެވެ.
"އަނެއްހެން ސްކޫލަކަށް ކޮންމެ ކޮންމެ މީހަކަށް ވެސް ނުވެސް ވަދެވޭނެ. ކީ ސިސްޓަމަކުން ދޮރު ފަސޭހައިން ނުހުޅުވޭ ގޮތަށް ހުންނާނީ ވެސް."
އޭނާ ވިދާޅުވީ ސެކިއުރިޓީގެ ވަރުގަދަކަމާ އެކު ވެސް މީހަކު އެ ގޮތަށް ސްކޫލުގެ ތެރެއަށް ވަދެގަނެ، ކުދިންގެ މެދުގައި ބިރުވެރިކަން ފެތުރުމުން އެކަން އެޑިއުކޭޝަނުން ބަލާނެ ކަމަށެވެ. އަދި ދެން ރަނގަޅު ކުރަން ހުރި ކަންކަން ދެނެގަނެ، ސެކިއުރިޓީ އިތުރަށް ވަރުގަދަ ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އައިޝަތު އަލީ ވިދާޅުވި ގޮތުގައި، ދަރިވަރުންގެ ރައްކާތެރިކަމަށް އިސްކަން ދީގެން މީގެ ކުރިން ވެސް ސްކޫލުތަކުގައި ކަންކަން ރާވާފައިވާނެ އެވެ. އެގޮތުން:
-
މިފަދަ ކަމެއް ހިނގައިފި ނަމަ އަމަލު ކުރާނެ ގޮތުގެ އެސްއޯޕީއެއް ހުރިހާ ސްކޫލެއްގައި ވެސް އޮންނާނެ
-
ކަމެއް ހިނގައިފި ނަމަ އަމަލު ކުރާނެ ގޮތުގެ ޑްރިލް ވެސް ދޭތެރެ ދޭތެރެއިން ހިންގާ
-
އާއްމު ގޮތެއްގައި ސްކޫލުތަކުގެ ދޮރުތައް ހުންނާނީ ބަންދުކޮށް، ބޭރުން ފަސޭހައިން މީހުންނަށް ނުވަދެވޭ ގޮތަށް
-
ކޮންމެ ގޭޓެއްގެ ކައިރީގައި ވެސް ސެކިއުރިޓީ ބަލަހައްޓާނެ
-
މިފަދަ ކަމެއް ހިނގައިފި ނަމަ ވަގުތުން ރިޕޯޓު ކުރާނެ ފުލުހުންގެ އޮފިސަރެއް ހުންނާނެ
"އެ ދުވަހު ވެސް ވަރަށް އަވަހަށް ފުލުހުންނާ ގުޅި. އެ ތަނަށް ފުލުހުން ގޮސް ރައްކާތެރިކަން ލިބިއްޖެ ދެއްތޯ،" މިނިސްޓަރު ވިދާޅުވި އެވެ.
ޖަމާލުއްދީން ސްކޫލުގެ ތެރެއަށް ވަދެގަތީ، ސްކޫލުގެ ބެލެނިވެރިއެއް ނަމަވެސް އޭނާގެ ދަރިން ކިޔަވަނީ މެންދުރު ދަންފަޅީގަ އެވެ. 'ދައުރު'އަށް އެނގިފައިވާ ގޮތުގައި، ސްކޫލުތެރެއަށް ވަދެ އެ މީހާ ގޮވީ ދީނީ ވާހަކަތަކެކެވެ. އެކަމަކު އޭނާގެ އެ އަމަލުގެ މަގްސަދެއް އައިޝަތު އަލީ ވިދާޅެއް ނުވެ އެވެ.
އަޅުގަނޑު ބެލެނިވެރިންނަށް ދޭން އޮތް މެސެޖަކީ ދަރިވަރުންނަށް ބޭނުންވާ ރައްކާތެރިކަން ސްކޫލުތަކުން ލިބޭނެއޭ. އެ ޔަގީންކަން އަޅުގަނޑު އެބަ ދެން.
މިނިސްޓަރު ވިދާޅުވީ އެކަން ފުލުހުން މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށާއި އެކަން ސާފުވާނީ ތަހުގީގަށް ފަހުގައި ކަމަށެވެ.
އޭނާ ވިދާޅުވީ މި ހާދިސާ ހިނގުމާ އެކު، ސްކޫލުތަކުގެ ސެކިއުރިޓީ އިތުރަށް ވަރުގަދަ ކުރާނެ ކަމަށެވެ. އެގޮތުން ފަސް ޑައިމެންޝަނަކުން ރިވިއުތައް ހަދާއިރު، ފުރަތަމަ އިސްކަން ދޭނީ ދަރިވަރުންގެ ރައްކާތެރިކަމަށް ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު ބެލެނިވެރިންނަށް ދޭން އޮތް މެސެޖަކީ ދަރިވަރުންނަށް ބޭނުންވާ ރައްކާތެރިކަން ސްކޫލުތަކުން ލިބޭނެއޭ. އެ ޔަގީންކަން އަޅުގަނޑު އެބަ ދެން،" މިނިސްޓަރު ވިދާޅުވި އެވެ.
-
އިތުރަށް ކިޔާލަން - ޖަމާލުއްދީނަށް ބިރުވެރިކަން ގެނައި ވަގުތުކޮޅު؛ އެއީ އިންޒާރެއް