ޖަމާލުއްދީން ސްކޫލުގެ މައި ގޭޓް: ގަދަކަމުން މީހަކު ވަދެ ބިރުވެރިކަން އުފެއްދީ މިދިއަ އަންގާރަދުވަހު (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ޖަމާލުއްދީނަށް ބިރުވެރިކަން ގެނައި ވަގުތުކޮޅު؛ އެއީ އިންޒާރެއް

ގަދަކަމުން އެ ސްކޫލަށް ވަދެގަތް މީހާއަށް ހުރަސްއެޅުއްވީ ޕްރިންސިޕަލް ހަސަން މުހައްމަދު

މުހިންމު ނުކުތާތައް

ކައިރިވެއްޖެ ނަމަ މަރާލާނެކަމުގެ އިންޒާރު ވެސް އޭނާ ދިން ކަމަށްވޭ

އަތުގައި އޮތީ ތަންކޮޅެއް ދިގު ތަޅުދަނޑިއެއް

މި ހާދިސާއިން އެނގެނީ ސްކޫލްތަކުގެ ސަލާމަތީ ކަންކަން ވަރުގަދަކުރަން ޖެހޭކަން

އޭގެ ކުރިން ދުވަހަކު ވެސް ހެނދުނުގެ އެވަގުތުކޮޅު، ގާތްގަނޑަކަށް 8:45 ހާއިރު، ޖަމާލުއްދީން ސްކޫލް، ނުވަތަ ރާއްޖޭގެ އެހެން ސްކޫލެއްގައި ނަމަވެސް، ގަދަކަމުން ވަދެ، މީހަކު ހަޅޭއްފަޅޭއްލަވާ އަޑުން ބިރުވެރިކަން އުފެދިފައި ނުވުން އެކަށީގެންވެ އެވެ.

އެކަމަކު މިިދިއަ އަންގާރަދުވަހު، ކުއްލިއަކަށް "ﷲއަކުބަރު" އޭ ވެސް ގޮވަމުން މީހަކު އެ ސްކޫލުގެ ދަގަނޑު ދޮރުގައި ޖެހިގަނެ، ވަދެ، ހަޅޭއްލަވައި، އިންޒާރު ދޭން ފެށުމުން، މުޅި ސްކޫލަށް ބިރުވެރިކަން ވެރިވެގަތެވެ. ކްލާސްތަކުގެ ދޮރުތައް ބަންދުކުރި އެވެ. މުވައްޒަފުން ވެސް ހާސްވި އެވެ.

'ދައުރު'އަށް އެނގިފައިވާ ގޮތުގައި އެމީހާ ގޮވީ ދީނީ ވާހަކަތަކެކެވެ. ދެން އިންޒާރުދިނީ އޭނާއާ ކައިރިވެއްޖެ ނަމަ، މަރާލާނެ ކަމަށް ބުނެ އެވެ. އޭނާގެ އަތުގައި އޮތީ ތަންކޮޅެއް ދިގު ތަޅުދަނޑިއެކެވެ. އޭނާއާ ކައިރިނުވަން އިންޒާރު ދެމުން، ސްކޫލްގެ ފުރަތަމަ ބުރިއަށް އަރަން އުޅުނެވެ.

ހުރަސްއެޅުއްވީ ޖަމާލުއްދީންގެ ޕްރިންސިޕަލް ހަސަން މުހައްމަދެވެ. އެމީހާގެ ކުރިމަތީގައި ހުއްޓިވަޑައިގެން، އޭނާ ހަމަޖެއްސޭތޯ މަސައްކަތްކުރެއްވި އެވެ. އެކަމަކު އިސްކޮޅުން ބޮޑު ހަސަންގެ ގައިގައި ޖަހައި، ދުރުކުރުމަށް ފަހު ފުރަތަމަ ބުރިއަށް އެރި އެވެ.

ސްކޫލަކަށް އެގޮތަށް ވަދެ މުވައްޒަފުންނަށް އިންޒާރުދީ، ހަމަލާދީ އެ ހިންގި ޖަރީމާއަކީ ހަގީގަތުގައި ވަރަށް ބޮޑު ނުރައްކަލެކެވެ.

އެ ހާދިސާއާ ބެހޭ ގޮތުން ޖަމާލުއްދީނާއި އެޑިޔުކޭޝަން މިނިސްޓްރީން ވެސް އެއްވެސް ވާހަކައެއް ނުދައްކަ އެވެ. ނަމަވެސް 'ދައުރު'އަށް ވަނީ އެކަން ހިނގި ގޮތުގެ ބައެއް މައުލޫމާތު، ބައެއް މީހުން، ކިޔައިދީފަ އެވެ.

އެކަކު ބުނި ގޮތުގައި އެ ދުވަހު އެމީހާ މައިތިރިކުރަން، ދަރިވަރުންނާއި މުވައްޒަފުންގެ ހިމާޔަތުގައި ހަސަން ކުޅުއްވި ބައި ވަރަށް ބޮޑެވެ. އުމުރުން 37 އަހަރުގެ ދިވެހި ފިރިހެންމީހާ ފުރަތަމަ ބުރިއަށް އެރުން ފިޔަވައި އިތުރު ކަމެއް ކުރުމުގެ ކުރިން އޭނާ ހިފެހެއްޓި އެވެ. އަދި ފުލުހުން ވެސް ވަގުތުން ހާޒިރުވެ، އޭނާ ހައްޔަރުކުރި އެވެ.

ޖަމާލުއްދީން ސްކޫލް: މީހަކު ވަދެ އިންޒާރު ދިނުމުން އެއީ އެހެން ސްކޫލްތަކަށް ވެސް އޮތް ކަންބޮޑުވުމެއް (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ހަސަން ފިޔަވައި އިތުރު މީހަކަށް ހަމަލާއެއް ދިންކަން އެނގިފައެއް ނުވެ އެވެ.

އެކަމަކު މިއީ ރާއްޖޭގެ ސްކޫލްތަކަށް ލިބުނު އިންޒާރެކެވެ. ގަދަކަމުން ސްކޫލަށް ވަދެގަނެ، މަރުގެ އިންޒާރުދީ، އަދި ކިޔަވައިދޭ އެއްޗިއްސާ މެދު ދީނީ ނަޒަރުން ސުވާލު އުފެއްދުން ފަދަ ކަންކަން މިގޮތަށް ކުރެވޭނެ ފުރުސަތު އޮވެގެން ނުވާނެ އެވެ.

"މިއީ ހަމަ އަސްލުގައި ވެސް އިންޒާރެއް،" ތައުލީމީ ދާއިރާގެ ބޭފުޅަކު، ނަން ނުޖަހަށް ޝަރުތުކުރައްވައި، ވިދާޅުވި އެވެ.

"އެގޮތަށް މީހުން ނުވަދެވޭނެ ގޮތަކަށް ސްކޫލްތަކުގައި އެބަ ސަލާމަތީ ކަންކަން ރަނގަޅުކުރަން ޖެހޭ."

ސްކޫލްތަކަށް ފަސޭހައިން ވަދެނުކުމެ އުޅެވެ އެވެ. ސެކިއުރިޓީންނަށް ތިބެނީ އެކަންކަމަށް އެންމެ އެކަށީގެންވާ ކަހަލަ މީހުންނެއް ނޫނެވެ. ދޮރުތައް ވެސް 'ނިކަމެއްޗެ'ވެ. މީހަކު ޖެހިގަންނަ އިރަށް ނެއްޓިގެން ދާހާ ދެރަ އެވެ.

އެކަމަކު ޖަމާލުއްދީން ސްކޫލަށް ވަން މީހާގެ ސަބަބުން މި ހުރިހާ ކަމަކަށް މި އޮތީ ވިސްނަން ޖެހިފަ އެވެ. 

'ދައުރު'އަށް އެނގިފައިވާ ގޮތުގައި ކިޔަވައިދޭ ގަޑިތަކުގައި ޖަމާލުއްދީން ސްކޫލަށް ވަނުމަކީ ފަސޭހަ ކަމެއް ނޫނެވެ. މަގުމަތީ ދޮރުތައް ބަންދުކޮށް، ބަލަހައްޓަ އެވެ. 

މިދިއަ އަހަރުގެ އޮގަސްޓްމަހު ފެށި އާ ދިރާސީ އަހަރުގެ ފުރަތަމަ ދުވަހު ޖަމާލުއްދީން ސްކޫލްގެ ކުއްޖަކު ސްކޫލަށް ވަނުމުގެ ކުރިން ޓެމްޕަރޭޗާ ބަލަނީ

އެކަމަކު އެމީހާގެ ކުއްލި ހަރަކާތްތަކަކީ ސެކިއުރިޓީންނަށް ވެސް ޝޮކެކެވެ. ކަން ހިނގި ގޮތަށް ބަލާއިރު މީހަކު ޖެހިގަތަސް ނުހުޅުވޭ ކަހަލަ ވަރުގަދަ ދޮރެއް ނަމަ، އަދި ސެކިއުރިޓީންނަކީ އެކަމަށް ގާބިލް ބައެއް ނަމަ، އޭނާއަށް ސްކޫލަށް ވަދެ، ހިތަށްއެރި އެއްޗެއް ގޮވައި، އިންޒާރުދީ، ބިރުވެރި މިނިޓްކޮޅެއް ނުގެނެވުނީހެވެ.

މި މައްސަލައާ އެކު ބެލެނިވެރިންގެ މެދުގައި ކަންބޮޑުވުން ވަނީ އުފެދިފަ އެވެ. އެހެންކަމުން ސްކޫލްތަކުގެ މެނޭޖްމަންޓުން ވެސް ކުރިއަށް ވުރެ ބޮޑަށް ރައްކާތެރިކަމުގެ ފިޔަވަޅުތަކާ މެދު މި އޮތީ ވިސްނަން ޖެހިފަ އެވެ.

"އެޑިޔުކޭޝަން މިނިސްޓްރީން ވެސް މިކަން އެހާ އާދައިގެ ކަމަކަށް ބަލައިގެން ނުވާނެ،" ނަން ނުޖަހާ ގޮތަށް ވާހަކަދެއްކެވި، ތައުލީމީ ދާއިރާގެ ބޭފުޅަކު ވިދާޅުވި އެވެ.

"ސްކޫލްތައް، މިނިސްޓްރީ، ފުލުހުން، މި އެންމެން ގުޅިގެން އެބަ ޖެހޭ މަޝްވަރާކުރަން."

ފަހުން އެނގުނު ގޮތުގައި ޖަމާލުއްދީން ސްކޫލަށް ވަދެގަތް މީހާގެ ކުށުގެ އެތައް ރެކޯޑެއް އޮވެ އެވެ. އޭނާ ސްކޫލަށް ވަނީ ޖަމާލުއްދީންގައި ކިޔަވައި އޭނާގެ ދަރިން ބަލާކަމަށް އަޑުއެރިޔަސް އެ ކުދިން ސްކޫލަށް ދަނީ ހެނދުނު ދަންފަޅީގައެއް ނޫނެވެ. އަދި ދަރިން ބަލާ ދިޔަ މީހަކު ގަދަކަމުން ދޮރުން ވަދެ، އެގޮތަށް އިންޒާރުދީ، ހަޅޭއްފަޅޭއްލަވާކަށް ވެސް ނުޖެހެ އެވެ. އެހެންކަމުން މިއީ ފުލުހުން ވެސް އާދައިގެ މައްސަލައެއްގެ ގޮތުގައި ނަގައިގެން ވާނެ ކުށެއް ނޫންކަން، އެ ދުވަހު ކަން ހިނގި ގޮތަށް ބަލާއިރު އެނގެ އެވެ.

އެއް ބައެއްގެ ނަޒަރުގައި އެއީ ޓެރަރިޒަމްގެ އަމަލެކެވެ.

އެމީހާގެ ބަންދުގެ މުއްދަތަށް 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހާފައިވާކަން ކަަށަވަރުކޮށްދިނުން ފިޔަވައި މި މައްސަލާގައި ފުލުހުން އަދި މާ ބޮޑު މައުލޫމާތެއް ނުދެ އެވެ.

ކޮމެންޓް (2)

ފިނރުޓޭ

29 މޭ 2022
ކޮބާތަ އެ ބިރުދެއްކި މީހާގެ ފޮޓޮލެއް ނުޖާހަތަ؟ ނޭމިންގ އެންޑް ޝޭމިންގ ހަދަނީ ވަކި ކަމެއްގަ ތަ؟ މީގެ ހަގީގީ މައްސަލައަށް ވާސިލު ވާން އެބަޖެހޭ! ދީނީ ޓޮލަރަންސް ދަސްކޮށްދޭން އެބަޖެހޭ! މުގައްރަރުގަ އެބައި އެބަ ހިމަނަން ޖެހޭ!
0 0

އިންމަ

29 މޭ 2022
ވަރަށް ރަނގަޅު ވާހަކަ ތަކެއް. އިދާރާތަކުން މިކަމާ ވިސްނުން މިހިއްމު.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް