ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝިދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއަށް ފަހު އެ ސަރަހައްދު: މި ހަމަލާ ދިނީ 6 މޭ 2021ގެ ރޭގަނޑު 8:27 ގައި.

މޭ 6ގެ ހަމަލާ

ކަނޑުގަދަވެ، ބޮމުގެ ހަމަލާގެ ދައުވާ ލިބޭ މީހުން ނުގެނެވިގެން އަޑުއެހުން ކެންސަލްކޮށްފި

މިއީ ހަމަލާގެ މައްސަލަ އޮބްޒާވް ކުރަން ނަޝީދުގެ ވަކީލުން ބައިތިއްބަން އެ މަނިކުފާނު އެދިވަޑައިގަތުމުން، އެ ކަމަށް ކޯޓުން ފުރުސަތު ދިން ފަހުން ބާއްވަން ހަމަޖެއްސި ފުރުތަމަ އަޑުއެހުން

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މިދިޔަ އަހަރުގެ މެއި 6ގައި ހަމަލާ ދިން މައްސަލައިގައި ދައުވާ ލިބޭ މީހުން، ކަނޑުގަދަވުމުގެ ސަބަބުން ކޯޓަށް ހާޒިރު ނުކުރެވުމާ ގުޅިގެން، މިއަދަށް ތާވަލު ކުރި އަޑުއެހުން ކެންސަލް ކޮށްފި އެވެ.

ވީ ކިހިނެއް؟ - ހަމަލާގެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް ބާއްވަން މިއަދު ހެނދުނު 9އަށް ތާވަލު ކުރި ނަަމަވެސް، އެ އަޑުއެހުން މިއަދު ހެނދުނު ވަނީ ކެންސަލް ކޮށްފަ އެވެ. އެކަން ކޯޓުން އެންގީ ވެސް އަޑުއެހުން ފަށާ ގަޑިއާ ކައިރިވެފައި ވަނިކޮށެވެ.

ބުނީ ކީކޭ؟ - ކްރިމިނަލް ކޯޓުން ބުނީ މިއަދުގެ އަޑުއެހުން ކެންސަލް ކުރަން ޖެހުނީ މޫސުން ގޯސްވެ ކަނޑުގަދަވުމުން، ކަރެކްޝަންސްއަށް ދައުވާ ލިބޭ މީހުން މިއަދު މާލެއަށް ނުގެނެވުމުން ކަމަށެވެ.

މައްސަލަ ބަލާ ކޯޓުގެ ސެކްޝަނުން މިހާރު މަސައްކަތް ކުރަނީ ވަކީލުންނާ މަޝްވަރާކޮށްގެން އަންނަ ހޮނިހިރު ދުވަހަށް އަޑުއެހުމެއް ތާވަލު ކުރުމަށް ކަމަށް ވެސް ކޯޓުން ބުންޏެވެ.

އަޑުއެހުން ކެންސަލްވުމާ ގުޅިގެން ނަޝީދުގެ ވަކީލު އަދި ކޮއްކޯފުޅު ނާޒިމް ސައްތާރު ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އޭނާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ވާރޭ ވެހެނީ އަލަށް ނޫން ކަމަށާއި ދައުވާ ލިބޭ މީހުން ތިބެން ޖެހޭނީ އިއްޔެ މާލެ ގެނެސްފައި ކަމަށެވެ.

އޭގެ އިތުރުން، ޝަރީއަތަށް ގައިދީން ނުގެނެވޭ ނަމަ، ކިތަންމެ ވަރަކަށް ކޯޓުން "ތެޔޮ ލައިގެން" ތިއްބަސް ޝަރީއަތް ނުހިންގޭނެ ކަމަށް އެހެން ޓްވީޓެއްގައި ނާޒިމް ވިދާޅުވި އެވެ.

އެނގުން މުހިންމު - މިއީ ހަމަލާގެ މައްސަލަ އޮބްޒާވް ކުރަން އެ މަނިކުފާނުގެ ވަކީލުން ބައިތިއްބަން ނަޝީދު އެދިވަޑައިގަތުމުން، އެ ކަމަށް ކޯޓުން ފުރުސަތު ދިން ފަހުން ބާއްވަން ހަމަޖެއްސި ފުރުތަމަ އަޑުއެހުމެވެ. މިއަދުގެ އަޑުއެހުން އޮބްޒާވް ކުރަން ނާޒިމްގެ އިތުރުން އެހެން ވަކީލަކު ކޯޓަށް ވަޑައިގަންނަވާ ގޮތަށް އޮތީ ހަމަޖެހިފަ އެވެ.

މީގެ ކުރިން ބޭއްވި އަޑުއެހުމެއްގައި ދައުވާ ލިބޭ އެންމެންގެ ދައުވާތައް ވެސް މަދަނީ މިންގަނޑުން ކުރިއަށްގެންދެވޭނެ ކަމަށް މައްސަލަ ބައްލާ ބެންޗުން ވަނީ ނިންމައިފަ އެވެ. ދެން އޮތީ ޝަރީއަތުގެ ކުރިން ހުށަހެޅުންތައް ހުށަހެޅުމުގެ މަރުހަލާ އެވެ.

މައްސަލައިގެ ހުލާސާ:

  • ހަމަލާ ދިނުމުގައި އަމަލީ ގޮތުން އުޅުނު އަދުހަމް އަހުމަދު ރަޝީދު އިއުތިރާފްވެ ދައުލަތާ އެކު އެއްބަސްވުމެއް ހެދުމުން ލުއި އަދަބެއް ދީ 23 އަހަރަށް ވަނީ ޖަލަށްލާފައި

  • އަދުހަމްގެ ހެކިބަސް މުހިންމު ހެއްކަކަށްވާ މި މައްސަލައިގައި ދެން ތިބިި މީހުންގެ ޝަރީއަތް ދަނީ ކުރިއަށް

  • ތަހުމީން އަހުމަދު (ފޮޅޭމާ/ގއ. ކޮނޑޭ): ޓެރަރިޒަމްގެ އަމަލެއް ކުރުމުގައި ބައިވެރިވުމުގެ ދައުވާ، ގޮވާތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވެދިނުމުގެ ދައުވާ އަދި ޓެރަރިސްޓް ޖަމާއަތަކަށް ތާއިދުކުރުމުގެ ދައުވާ

  • މުޖާޒު އަހުމަދު (މއ. ފޭރުގެ/ކ. މާލެ): ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ އަދި ކުށެއްކޮށްފައިވާ މީހަކު ފިލުވުމަށް އެހީތެރިވެދިނުމުގެ ދައުވާ

  • އަލީ ހައިޝަމް (ނޫރީގެ/ނ. މަނަދޫ): ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ، ގޮވާ ތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވެދިނުމުގެ ދައުވާ އަދި ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ

  • އިސްހާގު (މއ. ކުދެހިގެ/ކ.މާލެ): ގޮވާތަކެތި އެހެން ތަނަކަށް ގެންދިއުމުގެ ދައުވާ، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ އަދި ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ

  • ފަހުމީ އަލީ (ހުދުރުވާގެ/ގއ. ވިލިނގިލި): ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ

  • މުހައްމަދު ނާޒިމް (އަސަރީގެ/އއ. މާޅޮސް): ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ

  • މުހައްމަދު ތަސްލީމް (ހއ. ހޯރަފުށި/އަލަނާސިގެ): ޓެރަރިސްޓު ޖަމާއަތަކަށް ތާއީދު ކުރުމުގެ ދައުވާ

  • އަބްދުﷲ އަލިމަނިކު (ހއ. މޮޅަދޫ/ބަހާރުގެ): ޓެރަރިސްޓު ޖަމާއަތަކަށް ތާއީދު ކުރުމުގެ ދައުވާ

އިތުރަށް ކިޔާލަން -








އިތުރު އާޓިކަލް

އިތުރު އާޓިކަލް