މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

މޭ 6ގެ ހަމަލާ

ހަމަލާގެ ޝަރީއަތް އޮބްޒާވް ކުރަން ނަޝީދުގެ ވަކީލުންނަށް ފުރުސަތު ދޭން ނިންމައިފި

އޮބްޒާވަރުންގެ ގޮތުގައި ހަތަރު ވަކީލަކު ހަމަޖައްސައިދެއްވުމަށް ނަޝީދު ވަނީ މިދިޔަ ހަފްތާގައި އެދިވަޑައިގެންފައި
29 މޭ 2022

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މިދިޔަ އަހަރުގެ މެއި 6ގައި ހަމަލާ ދިން މައްސަލައިގެ ޝަރީއަތް އޮބްޒާވް ކުރަން އެ މަނިކުފާނުގެ ވަކީލުންނަށް ފުރުސަތު ދޭން ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.

ވީ ކިހިނެއް؟ - ނަޝީދުގެ ވަކީލު އަދި ކޮއްކޯފުޅު ނާޒިމް ސައްތާރު ކްރިމިނަލް ކޯޓުގެ ގާޒީ އަހުމަދު ޝަކީލަށް މިދިޔަ ބުރާސްފަތި ދުވަހު ފޮނުއްވި ސިޓީއެއްގައި ވަނީ، ހަމަލާގެ އެންމެ ބޮޑު ޝިކާރައަކަށްވީ ނަޝީދުކަން ފާހަަގަކުރައްވައި އެ ޝަރީއަތް އޮބްޒާވް ކުރަން ވަކީލުން ހަމަޖައްސައިދިނުމަށް އެދިވަޑައިގެންފަ އެވެ. 

އޮބްޒާވަރުންގެ ގޮތުގައި ހަތަރު ވަކީލަކު ހަމަޖައްސައިދެއްވުމަށް އެދިވަޑައިގެން އެ ސިޓީގައި ނަޝީދުގެ ފަރާތުން ކޯޓަށް ނަންތަކެއް ހުށަހެޅުއްވި އެވެ. އަދި ކޮންމެ އަޑުއެހުމަކަށް އޭގެ ތެރެއިން މަދުވެގެން ދެ ވަކީލުން އޮބްޒާވަރުންގެ ގޮތުގައި ހަމަޖައްސައިދިނުމަށް ނަޝީދުގެ ފަރާތުން އެދިވަޑައިގެންފައިވެ އެވެ.

ތަފްސީލް - ނާޒިމް މިއަދު ސޯޝަލް މީޑިއާގައި ވިދާޅުވީ ނަޝީދުގެ ވަކީލުންނަށް ޝަރީއަތް އޮބްޒާވް ކުރުމުގެ ފުރުސަތު ދޭން ކްރިމިނަލް ކޯޓުން ނިންމާފައި ވާކަން އޭނާއަށް އެ ކޯޓުން މިއަދު މެންދުރުފަހު އަންގާފައިވާ ކަމަށެވެ. ނަމަވެސް، މިކަމާ ގުޅޭ ގޮތުން ކޯޓުގެ ބަހެއް އަދި ނުލިބެ އެވެ.

އޮބްޒާވަރުންގެ ގޮތުގައި ހަމަޖައްސަން އެދިވަޑައިގެންނެވި ވަކީލުން:

  • 1-

    ނާޒިމް ސައްތާރު (ދަ ލިޓިޖަންޓްސް އެލްއެލްޕީ ލޯ ފާމް)

  • 2-

    ކާސްޓީ ބްރިމްލޯ (ޑޯޓީ ސްޓްރީޓް ޗެމްބާސް)

  • 3-

    ފަތުހުﷲ އަލީ (ދަ ލިޓިޖަންޓްސް އެލްއެލްޕީ ލޯ ފާމް)

  • 4-

    އަހުމަދު ނިޔާޒު (ދަ ލިޓިޖަންޓްސް އެލްއެލްޕީ ލޯ ފާމް)

މައްސަލައިގެ ހުލާސާ:

  • ހަމަލާ ދިނުމުގައި އަމަލީ ގޮތުން އުޅުނު އަދުހަމް އަހުމަދު ރަޝީދު އިއުތިރާފްވެ ދައުލަތާ އެކު އެއްބަސްވުމެއް ހެދުމުން ލުއި އަދަބެއް ދީ 23 އަހަރަށް ވަނީ ޖަލަށްލާފައި

  • އަދުހަމްގެ ހެކިބަސް މުހިންމު ހެއްކަކަށްވާ މި މައްސަލައިގައި ދެން ތިބިި މީހުންގެ ޝަރީއަތް ދަނީ ކުރިއަށް

  • ތަހުމީން އަހުމަދު (ފޮޅޭމާ/ގއ. ކޮނޑޭ): ޓެރަރިޒަމްގެ އަމަލެއް ކުރުމުގައި ބައިވެރިވުމުގެ ދައުވާ، ގޮވާތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވެދިނުމުގެ ދައުވާ އަދި ޓެރަރިސްޓް ޖަމާއަތަކަށް ތާއިދުކުރުމުގެ ދައުވާ

  • މުޖާޒު އަހުމަދު (މއ. ފޭރުގެ/ކ. މާލެ): ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ އަދި ކުށެއްކޮށްފައިވާ މީހަކު ފިލުވުމަށް އެހީތެރިވެދިނުމުގެ ދައުވާ

  • އަލީ ހައިޝަމް (ނޫރީގެ/ނ. މަނަދޫ): ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ، ގޮވާ ތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވެދިނުމުގެ ދައުވާ އަދި ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ

  • އިސްހާގު (މއ. ކުދެހިގެ/ކ.މާލެ): ގޮވާތަކެތި އެހެން ތަނަކަށް ގެންދިއުމުގެ ދައުވާ، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ އަދި ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ

  • ފަހުމީ އަލީ (ހުދުރުވާގެ/ގއ. ވިލިނގިލި): ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ

  • މުހައްމަދު ނާޒިމް (އަސަރީގެ/އއ. މާޅޮސް): ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ

  • މުހައްމަދު ތަސްލީމް (ހއ. ހޯރަފުށި/އަލަނާސިގެ): ޓެރަރިސްޓު ޖަމާއަތަކަށް ތާއީދު ކުރުމުގެ ދައުވާ

  • އަބްދުﷲ އަލިމަނިކު (ހއ. މޮޅަދޫ/ބަހާރުގެ): ޓެރަރިސްޓު ޖަމާއަތަކަށް ތާއީދު ކުރުމުގެ ދައުވާ

އެނގުން މުހިންމު - އެ މީހުންގެ އިތުރުން، ހަސަން ޔާސީން އާއި މުހައްމަދު ޒޫމަލް ޒަމީރު ކިޔާ ދެ މީހެއްގެ މައްޗަށް ކުރާ ޝަރީއަތްތައް ވެސް އޮބްޒާވް ކުރަން ނަޝީދު އެދިވަޑައިގަތެވެ. އެ މީހުންނަކީ ސީދާ ހަމަލާއާ ގުޅުމެއް އޮތް ބައެއް ކަމުގެ ހެއްކެއް ނެތަސް، އެއީ ދެން ދައުވާ ލިބޭ މީހުންނާ ގުޅުން އޮންނަ ބައެއް ކަމަށް ވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް