މާލޭގެ އެކި ތަންތަނަށް 'އިންޑިއާ އައުޓް' ކަރަުދާސްތަކެއް އެޅި ކަމުގެ ތުހުމަތު ކުރެވޭ އަބްދުލްޣަފޫރު: އޭނާ މިހާރު ވަނީ ހައްޔަރުކޮށްފައި
'އިންޑިއާ އައުޓް' ކަރުދާސްތައް އެޅި ކަމަށް ތުހުމަތުކުރެވޭ މީހާ ފާހާނާ ތެރޭ ފިލާ އޮއްވާ ހައްޔަރުކޮށްފި
އިދިކޮޅު ޕީޕީއެމުން ހިންގާ 'އިންޑިއާ އައުޓް' ހަރަކާތުގެ ޝިއާރު ލިޔެފައިވާ ކަރުދާސްތަކެއް މާލޭގެ އެކި ތަންތަނަށް އަޅައި، އެ ޝިއާރު ފާރުތަކަކަށް ސްޕްރޭ ކުރި ކަމަށް ބުނާ މީހަކު ފުލުހުން މިއަދު ހަވީރު ހައްޔަރުކޮށްފި އެވެ.
ވީ ކިހިނެއް؟ - "އާންމު މަސްލަހަތަށް ގެއްލުން ހުރި އަމަލެއް ހިންގުމުގެ މައްސަލައެއްގައި" މއ. ލެއްގި އަބްދުލްޣައްފާރު އަބްދުލްޣަފޫރު، 34، ހޯދަން ފުލުހުން ރޭ ވަނީ އިއުލާނެއް ކޮށްފަ އެވެ.
ތަފްސީލު - ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖްގައި ބުނީ، ކޯޓު އަމުރެއްގެ ދަށުން އަބްދުލްޣަފޫރު މިހާރު ހައްޔަރުކޮށްފައިވާ ކަމަށެވެ.
"ޢަބްދުލްޣައްފާރު ޢަބްދުލްޣަފޫރު ހައްޔަރުކޮށްފައިވަނީ އޭނާ ދިރިއުޅެމުންދާ ގޭގެ ފާހާނާ ތެރޭގައި ފިލާ އޮއްވައި މިއަދުގެ 17:12 އެހާކަންހާއިރު،" މެސެޖުގައި ފުލުހުން ބުންޏެވެ.
އެނގުން މުހިއްމު - 'ދައުރު'އަށް އެނގިފައިވާ ގޮތުގައި އޭނާ "އާންމު މަސްލަހަތަށް ގެއްލުން ހުރި އަމަލެއް" ކުރި ކަމަށް ފުލުހުން ބުނަނީ މާލޭގެ އެކި ތަންތަނަށް 'އިންޑިއާ އައުޓް' ކަރުދާސްތަކެއް އަޅައި މާލޭގެ ބައެއް ފާރުތަކުގައި 'އިންޑިއާ އައުޓް' ޝިއާރު ސްޕްރޭ ކުރި ކަމުގެ ތުހުމަތުގަ އެވެ. އޭނާއަކީ ކުށުގެ ރިކޯޑު އޮންނަ މީހެކެވެ.
ގުޅުންހުރި ކަމެއް - އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރަން ގޮވާލައި، އެ މަނިކުފާނުގެ ގެ އާއި ނިސްބަތްވެވަޑައިގަންނަވާ ޕާޓީ، ޕީޕީއެމްގެ އޮފީހުގެ ދޮރަށް ސްޕްރޭ ޖެހި މައްސަލައިގައި ވެސް ފުލުހުން މިއަދު ވަނީ މީހަކު ހައްޔަރުކޮށްފަ އެވެ.