ފާތިމަތު ނާޒިމާގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް ވިލިމާލޭގައި މިއަދު ހަވީރު ބޭއްވި ޖަލްސާގައި ޔާމީން ވާހަކަދައްކަވަނީ. (ފޮޓޯ/ޕީޕީއެމް)

ހާލަތު ބަދަލުވާނެ ކަމަށް ވިދާޅުވެ، ޔާމީންގެ އިންޒާރު ޝަމާލާއި ހަމީދާއި ފަނޑިޔާރު އަލީ ރަޝީދަށް

ޔާމީން ވިދާޅުވީ ފަނޑިޔާރުންނަށް ފާޑުނުކިޔޭ ގޮތަށް ގާނޫނުއަސާސީގައި އޮންނަ މާއްދާ މިހާރުން މިހާރަށް އިސްލާހުކުރަން ޖެހޭ ކަމަށް

މަގާމުގައި އަބަދު ނުތިބެވޭނެ ކަމަށާއި ހާލަތު ބަދަލުވާ ދުވަހު ޖަލަށް ދާން ޖެހިދާނެ ކަމަށް ވިދާޅުވެ، ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދަށާއި ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލަށާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދަށް، ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު އިންޒާރު ދެއްވައިފި އެވެ.

ވީ ކިހިނެއް؟ - މާލޭގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުކަމަށް ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ ފާތިމަތު ނާޒިމާގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް ވިލިމާލޭގައި މިއަދު ހަވީރު ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ޔާމީން ވަނީ ފުލުހުންނާއި ސިފައިންނާއި ކޯޓުތަކަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

ޔާމީން އިސްކޮށް ހުންނަވައި އިދިކޮޅުން ހިންގާ 'އިންޑިއާ އައުޓް' ހަރަކާތް ހުއްޓުވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރަކީ ގާނޫނާ ހިލާފު އެއްޗެއް ކަމަށް ވިދާޅުވެ، ޔާމީން ވަނީ އެ ގަރާރު ތަންފީޒުކުރުމުގައި ފުލުހުން އުޅޭތީ އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އެމަނިކުފާނު ވިދާޅުވީ ފުލުހުން ކުރަމުންދަނީ ގާނޫނާ ހިލާފު ކަންތައްތަކެއް ކަމަށެވެ.

ބުނީ ކީކޭ؟ - "އެމީހުންނަށް ހީވަނީ ކަންނޭނގެ ހާލަތު ބަދަލެއް ނުވާނެއޭ. ނޫން. ހާލަތު ބަދަލުވާނެ އިރާދަކުރެއްވިއްޔާ. ހާލަތު ބަދަލުވާނެ،" ޔާމީން ވިދާޅުވި އެވެ.

"ތި ސީޕީ ހަމީދު ވެސް ޖެހޭނީ ގެއަށް ދާން. ނޫނިއްޔާ ދިގު މުއްދަތުގައި ޖެހޭނީ ޖަލުގައި ހޭދަކުރަން."

ޔާމީން ވިދާޅުވީ ސަރުކާރަށް އަޑު އިއްވަން ރައްޔިތުން މަގުމައްޗަށް ނުކުތުމުން، އެމީހުން ހައްޔަރުކޮށް މުޒާހަރާ ހުއްޓުވުމަކީ ކުރެވޭނެ ކަމެއް ނޫންކަން ފުލުހުންނަށް ރަނގަޅަށް އެނގެން ޖެހޭނެ ކަމަށެވެ. ނަމަވެސް ވެރިކަމުގެ "އުރަތްޕެއް އަދި ބާރެއް ނެތް ސަރުކާރެއް" ހިފެހެއްޓެން އޮތް ހަމައެކަނި ގޮތަކީ އެއީ ކަމަށް ޔާމީން ވިދާޅުވި އެވެ.

ތި ސީޕީ ހަމީދު ވެސް ޖެހޭނީ ގެއަށް ދާން. ނޫނިއްޔާ ދިގު މުއްދަތުގައި ޖެހޭނީ ޖަލުގައި ހޭދަކުރަން.

އަބްދުﷲ ޔާމީން، ކުރީގެ ރައީސް

ތަފްސީލް - ޔާމީން ވިދާޅުވީ ޣައިރު ގާނޫނީ އަމުރުތައް ތަންފީޒުކުރުމުގައި މުޅިން ވެސް ބޭނުންކުރަނީ އަލަށް ރެކްރޫޓް ކުރާ ފުލުހުން ކަމަށެވެ. އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތަހުގީގު ވެސް ނުކުރެވޭކަން ޔާމީން ފާހަގަކުރެއްވި އެވެ. ޔާމީން ވިދާޅުވީ ބޮޑު ހިޔާނާތް ތަހުގީގު ނުކުރެވެނީ، ހިޔާނާތުގެ ފައިސާ ލިބުނު "ބޮޑެތި ވަގުން" ސަރުކާރާއި އެމްޑީޕީގެ ތެރޭގައި ތިބުމުން ކަމަށެވެ.

ޑްރަގު ނައްތާލުމަށް ކ. ދޫނިދޫގައި 28 ޑިސެމްބަރު 2021ގައި ބޭއްވި ހަރަކާތެއްގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު (ދައުރު ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް)

ހަމީދަށް ފަހު، ޔާމީންގެ ބަހުގެ ހަމަލާތައް ދެން އަމާޒުކުރެއްވީ ޝަމާލް އަށެވެ. ޔާމީން ވިދާޅުވީ ސަލާމަތީ ބާރުތަކުގެ އެންމެ ވަރުގަދަ ހުވަޔަކީ ދީނާއި ގައުމު ދިފާއުކުރުންކަން ހަނދާން ނައްތާލައިގެން ނުވާނެ ކަމަށެވެ.

"ޖެނެރަލް ޝަމާލް އާއި ޖެނެރަލް ޝަމާލް އާއެކު މަސައްކަތް ކުރައްވާ އެހެން ޖެނެރަލުންނަށް އެބަ ދަންނަވާލަން ބޭނުންވޭ، ހަމަ ވަޒީފާގެ ދަހިވެތިކަމުގައިތޯ ތި ތިއްބަވަނީ؟ އެބޭފުޅުން ކުރައްވާ ކަންތައް ދިވެހި ރައްޔިތުން ނުބަލާ ކަމަށްތޯ ހީފުޅު ކުރައްވަނީ؟،" ޔާމީން އެއްސެވި އެވެ.

"އެކަމަކު އަބަދަކު މަގާމަކު ނުތިބެވޭނެ." 

ޝަމާލް އަކީ ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ ބޭފުޅެއްކަން ފާހަގަކުރައްވައި ޔާމީން ވިދާޅުވީ، ގާތް މީހަކު ވެސް ގޯސްކޮށް ކަމެއް ކުރަަންޏާ ފިޔަވަޅު އަޅަން ޖެހޭނެ ކަމަށެވެ.

"ހާލަތު ބަދަލުވެއްޖެއްޔާ ކީއްވެގެންތޯ ޝަމާލް އާދޭތެރޭ ފިޔަވަޅު ނޭޅެންވީ؟ އެޅެން ޖެހޭނެ ފިޔަވަޅު،" ޔާމީން ވިދާޅުވި އެވެ.

 ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލް، 16 ޑިސެމްބަރު 2019ގައި މަހާސިންތާއެއްގައި ބައިވެރިވެވަޑައިގަންނަވަނީ (ފޮޓޯ/ ރައީސް އޮފީސް)

ޔާމީން ވިދާޅުވީ އިންޑިއާ އައުޓް ހަރަކާތް ހުއްޓުވަން ރައީސް ނެރުއްވި ގަރާރުގައި ގާނޫނީ ބާރެއް ނެތް ކަމަށެވެ. އެހެންކަމުން އެފަދަ ގަރާރުތަކާއި އަމުރުތައް ތަންފީޒުކުރަން ފުލުހުންނާ ސިފައިން މަސައްކަތް ނުކުރުމަށް ގޮވާލެއްވި އެވެ.

"އެއަށް އަމަލުކުރާ ސިފައިންނާއި ފުލުހުން ގަބޫލުކުރަންވާނެ އެމީހުންނާ ދެތެރޭ ތަހުގީގު ހިންގޭނެ ދުވަހެއް އަންނާނެ،" ޔާމީން ވިދާޅުވި އެވެ.

ހާލަތު ބަދަލުވެއްޖެއްޔާ ކީއްވެގެންތޯ ޝަމާލް އާދޭތެރޭ ފިޔަވަޅު ނޭޅެންވީ؟ އެޅެންޖެހޭނެ ފިޔަވަޅު.

އަބްދުﷲ ޔާމީން، ކުރީގެ ރައީސް

'ހުރިހާ ތަނެއް ސާފުކޮށް ތާހިރުކުރަން އެބަ ޖެހޭ'

އެއަށް ފަހު ޔާމީން ފާޑުވިދާޅުވީ ފަނޑިޔާރުންނަށެވެ. ޔާމީން ވިދާޅުވީ ފަނޑިޔާރުންނަށް ފާޑުނުކިޔޭ ގޮތަށް ގާނޫނުއަސާސީގައި އޮންނަ މާއްދާ މިހާރުން މިހާރަށް ވެސް އިސްލާހުކުރަންޖެހޭ ކަމަށެވެ. ފަނޑިޔާރުންނަކީ ވެސް އިންސާނުން ކަމަށާއި އެހެން މީހުންނެކޭ އެއްފަދައިން، ފަނޑިޔާރުން ކުރާ މަސައްކަތްތަކަށް ވެސް ފާޑުކިޔެން ޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ފަނޑިޔާރުންނަކަށް ނޯންނާނެ ގާނޫނާއި އަދުލާ ދޫކޮށްލާފައި ސަރުކާރުން ބުނާ ގޮތަކަށް އިންސާފު ގާއިމުކުރާކަށް. އެއީ އިންސާފެއް ނޫން،" ޔާމީން ވިދާޅުވި އެވެ.

އެހެންކަމުން، ޕީޕީއެމްގެ ވެރިކަމެއްގައި ގާނޫނުއަސާސީއަށް އެ އިސްލާހު ގެންނަވާނެ ކަމަށް ވިދާޅުވި އެވެ. ފަނޑިޔާރުންގެ ތެރެއިން ޔާމީން ނަން ވިދާޅުވެ، ފާޑުވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިން އަށެވެ. ޔާމީން ވިދާޅުވީ "ތިން ހަތަރު ޖަމްޕް ޖަހާފައި" އަލީ ރަޝީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ވަޑައިގެންނެވީ އެމަނިކުފާނަށް ހުކުމް އިއްވަން ކެރިވަޑައިގަތުމުން ކަމަށެވެ.

"އަލީ ރަޝީދަށް ވެސް ވިސްނެން ވާނެ އަލީ ރަޝީދަށް ސުޕްރީމް ކޯޓުގެ ބެންޗުގައި ނީނދެވޭނެކަން. ވަކި ކަމެއް، ވަކި ބަޔަކު އެދުނު ގޮތަށް ކޮށްދިނީމަ ހެދުނު ޖަމްޕެއް ތިއީ،" ޔާމީން ވިދާޅުވި އެވެ.

"އަލީ ރަޝީދުގެ ގާބިލުކަން އޮވެގެނެއް ނޫން. ނޫނީ އޭނާ ކޮށްފައި އޮތް މަސައްކަތުގެ ތަޖުރިބާ ބޮޑުވެގެނެއް ނޫން ގޮސް އެ ހުރީ. ހަމަ ރައީސް ޔާމީނަށް ހުކުމް ކުރަން ކެރުނީމާ އެ ހުރީ."

ޔާމީން ވިދާޅުވީ ރާއްޖޭގެ ޖަލުތައް ބޮޑުކުރަން ޖެހެނީ މިފަދަ ހުރިހާ މުއައްސަސާތައް "ތާހިރުކުރަން" ކަމަށެވެ.

"ހަމަ ބޮޑުތަނުން ޕާޖް ކޮށްލަން އެބަޖެހޭ،" ޔާމީން ވިދާޅުވި އެވެ.

ކޮމެންޓް (1)

ސިކުނޑި

10 މޭ 2022
އަދުލަކީ ޔާމީނު ހިތްހަމަ ޖެހޭގޮތް އެކަނިހެން ހީވަނީ! ސުޕްރީމް ކޯޓުން އަމުރެއް ނެރުނީމާ އެއަށް ތަބާނުވެ އެ ކޯޓުގެ ފުރާޅު ދުއްވާލި މީހަކު އިންސާފުގެ ވާހަކަ ދައްކަން ލަދުގަންނަން ޖެހޭނެ!
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް