ބ. ގޮއިދޫ: ގޮއިފުޅަފެހެންދޫގެ ކަރަންޓު އެއް ވިއުގައަކުން ގުޅާލާއިރު ސެންޓްރަލް ޕަވާ ހައުސް އަޅަން ނިންމާފައި ވަނީ ގޮއިދޫގައި.

ކަރަންޓު

ގޮއިފުޅަފެހެންދޫގެ ކަރަންޓު އެއް ވިއުގައަކުން ގުޅާލަނީ

މަޝްރޫއުގެ މަގުސަދަކީ ތިން ރަށުގައި ބޭނުންކުރާ ކަރަންޓުގެ %70 އަކީ ސޯލާ އަށް ބަދަލުކުރުން
25 ސެޕްޓެމްބަރު 2021

އެއް ފަޅެއްގައި އޮންނަ ބ. ގޮއިދޫ، ފުޅަދޫ އަދި ފެހެންދޫގެ ކަރަންޓު އެއް ވިއުގައަކުން ގުޅާލުމުގެ މަސައްކަތް ކުރާނެ ބަޔަކު ހޯދަން އަނެއްކާ ވެސް އިއުލާނުކޮށްފި އެވެ.

ވީ ކިހިނެއް؟ - އެ ތިން ރަށުގެ ކަރަންޓު އެއް ވިއުގައަކުން ގުޅާލަދޭނެ ބަޔަކު ހޯދަން އެންމެ ފުރަތަމަ އިއުލާނުކުރީ މީގެ 6 މަސް ކުރިންނެވެ. ނަމަވެސް، އެ އިއުލާނަށް ފުރިހަމަ ތަރުހީބެއް ލިބިފައި ނުވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން މިއަދު ކުރި އިއުލާނެއްގައި ބުންޏެވެ. އެހެންކަމުން، އެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން އަލުން ވަނީ އިއުލާނުކޮށްފަ އެވެ.

ތަފްސީލް - ތިން ރަށުގެ ކަރަންޓު އެއް ވިއުގައަކުން ގުޅާލާއިރު މައި އިންޖީނުގެ އަޅަން ނިންމާފައި ވަނީ، އެ ތިން ރަށުގެ ތެރެއިން އެންމެ ބޮޑު ރަށް ކަމަށްވާ ގޮއިދޫގަ އެވެ.

މަސައްކަތަށް އަގު ހުށަހެޅުމުގެ ފުރުސަތު ރާއްޖެ އާއި ބޭރުގެ ފަރާތްތަކަށް ވެސް ވަނީ ހުޅުވާލައިފަ އެވެ. އަގު ހުށަހަޅާއިރު ބިޑު ސެކިއުރިޓީގެ ގޮތުގައި 10،000 ޑޮލަރު ނުވަތަ އެ އަދަދަށްވާ ދިވެހި ފައިސާ ހުށަހަޅަންޖެހޭނެ އެވެ.

ބުނީ ކީކޭ؟ - މަޝްރޫއާ ގުޅޭ ގޮތުން ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މިއަދު 'ދައުރު' ނޫހަށް ވިދާޅުވީ، އެ މަޝްރޫއުގެ މަގުސަދަކީ ތިން ރަށުގައި ބޭނުންކުރާ ކަރަންޓުގެ %70 އަކީ ސޯލާ އަށް ބަދަލުކުރުން ކަމަށެވެ. އަދި ފެނަކައިގެ އަމާޒަކީ ތިން ރަށުގެ ކަރަންޓުގެ އިތުރުން ފެން ވެސް ގުޅާލުން ކަމަށާއި އޭރުން ހިންގުމާއި އެހެނިހެން ހަރަދުތައް ބޮޑުތަނުން ކުޑަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއީ ތިން ރަށުގަ ވެސް މިހާރު ދެ ޖަނަރޭޓަރު ޖައްސަން އެބަ ބޭނުންވާ ހަ ޖެންސެޓް. އެއް ވިއުގައަކުން ގުޅާލެވުނީ އެންމެ ޖެންސެޓަރުން ތިން ރަށަށް ވެސް ކަރަންޓު ދެވޭނެ،" ސައީދު ވިދާޅުވި އެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު. (ފޮޓޯ/ ފެނަކަ)

އޭގެ އިތުރުން، ޖައްވަށް ދޫކުރާ ވިހަ ގޭހުމުގެ މިންވަރު ވެސް ދަށްކުރެވޭނެކަން އޭނާ ފާހަގަކުރެއްވި އެވެ.

ތިން ރަށުގެ ކަރަންޓު ގުޅާލާނީ ކޭބަލް އަޅައިގެންނެވެ. ނަމަވެސް އެއީ ކޮން ކަހަލަ ކޭބަލެއްކަން އެނގޭނީ ކޮންޓްރެކްޓަރު ފައިނަލްވުމުން ކަމަށް ސައީދު ވިދާޅުވި އެވެ.

އެނގުން މުހިންމު - ސައީދު ވިދާޅުވީ މިހާރު ގދ. މަޑަވެއްޔާއި ހޯޑެއްދޫގެ ކަރަންޓު އެއް ވިއުގައަކުން ގުޅާލުމުގެ އަމަލީ މަސައްކަތް ފަށަން ވެސް ތައްޔާރުވެފައިވާ ކަމަށެވެ. އަދި ލ. އިސްދޫ-ކަލައިދޫ-ދަނބިދޫގެ ކަރަންޓު ގުޅާލައިދޭނެ ބަޔަކު ވެސް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް