މޯލްޑިވިއަންގެ މަތިންދާބޯޓެއް ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި (ދައުރު ފޮޓޯ)
ބާރުބޮޑު މަންޒިލްތަކަށް މޯލްޑިވިއަންގެ ފްލައިޓްތައް އިތުރު ކުރަނީ
ގައުމީ އެއާލައިން މޯލްޑިވިއަންގެ ބޯޓުތައް އިތުރުކޮށް އެތެރޭގެ އުދުހުންތައް އެންމެ ބާރުބޮޑުވާ މަންޒިލްތަކަށް މިއަހަރުގެ މެދެއްހާ ހިސާބުގައި ކުރާ ދަތުރުތައް އިތުރު ކުރަން ނިންމައިފި އެވެ.
ބުނީ ކީކޭ؟ - މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދު 'ދައުރު'އަށް މިއަދު ވިދާޅުވީ މިހާރު އެ އެއާލައިނުން ދަތުރު ކުރާ މަންޒިލްތަކުގެ ތެރެއިން ބައެއް މަންޒިލްތަކަށް އަހަރުގެ ހުރިހާ ދުވަސްވަރެއްގައި ވެސް ވަރަށް ބާރުބޮޑުވާ ކަމަށެވެ.
"ކުޅުދުއްފުށި، ފުވައްމުލައް ވަރަށް ފުލްކޮށް އުޅެނީ އަބަދުވެސް. އެތަންތަނަށް ފްލައިޓް އިތުރުކުރަން ބޭނުންވޭ،" އޭނާ ވިދާޅުވި އެވެ.
ތަފްސީލް - އެކަން ނުވެގެން އުޅެނީ، މިހާދު ވިދާޅުވި ގޮތުގައި މޯލްޑިވިއަން މިހާރު އޮތް ފްލީޓު ކުޑަވުމުންނެވެ. މިފަހުން އަލަށް ހުޅުވި އެއާޕޯޓަކަށް ދަތުރު ކުރުމަކީ ވެސް އޭނާ ވިދާޅުވި ގޮތުގައި މިހާރު އޮތް ފްލީޓަށް ބާރުބޮޑުވި ސަބަބެކެވެ. މިހާދު ވިދާޅުވީ މިއަހަރުގެ މެދެއްހާ ހިސާބުގައި އެކަމަށް ލުޔެއް ލިބޭނެ ކަމަށެވެ.
"އަންނަ ޖޫން މަހުގެ ފަހުކޮޅު އާ ދެ އެއާކްރާފްޓް ގެންނަން މަސައްކަތް ކުރަމުން މިދަނީ،" އޭނާ ވިދާޅުވި އެވެ.
"އޭރުން ބާރުބޮޑުވާ ސެކްޓާތަކަށް ފްލައިޓްތައް އިތުރު ކުރާ ގޮތަށް ރާވާފައި އޮތީ."
މިހާރު މޯލްޑިވިއަންގެ ފްލީޓުގައި ހިމެނެނީ ޑޭޝް-8 މަރުކާގެ 10 ބޯޓާއި އެއާބަސް މަރުކާގެ ދެ ބޯޓެެވެ.
އާ މަންޒިލްތަކަށް ޝެޑިއުލް ދަތުރުތައް ފެށުމުގެ ވިސްނުން
މޯލްޑިވިއަންއިން އެތެރޭގެ އުދުހުންތަކުގައި ޝެޑިއުލް ދަތުރު ނުކުރާ މަންޒިލްތަކުގެ ތެރޭގައި ބ. ދަރަވަންދޫ އެއާޕޯޓާއި އދ. މާމިގިލީގައި ހިންގާ ވިލާ އިންޓަނޭޝަނަލް އެއާޕޯޓް ހިމެނެ އެވެ.
އޭގެ ތެރެއިން މާމިގިލި އެއާޕޯޓަށް މޯލްޑިވިއަނުން އެއްވެސް އިރެއްގައި ޝެޑިއުލް ދަތުރުތަކެއް ނުކުރެ އެވެ. ދަރަވަންދޫ އެއާޕޯޓަށް ކުރިން ޝެޑިއުލް ދަތުރުތައް ކުރި ނަމަވެސް، އެ ދަތުރުތައް ހުއްޓާލާފައި އޮންނަތާ އަހަރުތަކެއް ވެދާނެ އެވެ.
އެ ދެ ތަނަށް ޝެޑިއުލް ދަތުރު ފެށުމާ ގުޅޭގޮތުން ސުވާލު ކުރުމުން މިހާދު ވިދާޅުވީ "މިހާރު ހުރި [ދަތުރު ކުރާ] ތަންތަނަށް ވެސް، މިއުޅެނީ ޑިމާންޑަށް ކޭޓާ ނުކުރެވިގެން" ކަމަށެވެ.
މާމިގިލި އެއާޕޯޓަށް ޝެޑިއުލް ދަތުރު ފެށުމުގެ ވިސްނުމެއް އަދި ނެތް ނަމަވެސް، މިހާދު ވިދާޅުވީ ދަރަވަންދޫ ދަތުރުތައް ފަށަން އުންމީދު ކުރައްވާ ކަމަށެވެ.
"އޮކްޓޫބަރު، ނޮވެމްބަރު ހިސާބުގައި އިތުރު ތިން އެއާކްރާފްޓް ގެނެވޭތޯ މި މަސައްކަތް ކުރަނީ. ގެނެވުނީމަ މިހާރު ޝެޑިއުލް ނުކުރާ ތަންތަނަށް ވެސް ދަތުރު ކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.
މާމިގިއްޔަށް ދަތުރު ކުރުމުގެ ވިސްނުމެއް ނެތް ނަމަވެސް މިހާދު ވިދާޅުވީ އެކަން ކުރަން ވަކި ހުރަހެއް ނެތް ކަމަށެވެ.
"ވިސްނާލަން ޖެހޭ ކަންކަން މިއީ. ލޯކަލްސް ޕްލަސް ޓޫރިސްޓުން ވެސް އެބަދޭ އެތަނަށް،" އޭނާ ވިދާޅުވި އެވެ.
މިވަގުތު މޯލްޑިވިއަނުން އެންމެ ބޮޑު އިސްކަމެއް ދެނީ، މިހާދު ވިދާޅުވި ގޮތުން ނަމަ ފްލީޓު ބޮޑުކޮށް، ކެޕޭސިޓީ އިތުރު ކުރުމަށެވެ.
އިތުރަށް ކިޔާލަން: