މޯލްޑިވިއަން އިން ވަނީ އޭޓީއާރު ތިން ބޯޓަށް އޯޑަރު ދީފައި (ގްރެފިކްސް/އޭޓީއާރު)

މޯލްޑިވިއަން

މޯލްޑިވިއަން އިން އޭޓީއާރު މަރުކާގެ ތިން ބޯޓު ގަންނަން އެއްބަސްވުމުގައި ސޮއިކޮށްފި

މޯލްޑިވިއަން އިން ގަންނަ ތިން ބޯޓު ވެސް މި އަހަރުގެ ތެރޭ އެ އެއާލައިނަށް ޑެލިވާ ކުރާނެ

ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލީޓަށް އޭޓީއާރު މަރުކާގެ ތިން ބޯޓު ގަތުމަށް، އެ މަރުކާގެ މަތިންދާބޯޓު އުފައްދާ ފްރާންސްގެ އޭޓީއާރު  ކުންފުންޏާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ވީ ކިހިނެއް؟ - މޯލްޑިވިއަންގެ ފްލީޓުގައި ހިމެނޭ ބައެއް ބޯޓުތައް މަރާމާތަށް ގްރައުންޑުކޮށްފައިވުމުގެ ސަބަބުން އެ އެއާލައިނުގެ ފަސިންޖަރުންނަށް ހިދުމަތް ދިނުމަށް، އަމިއްލަ ދެ އެއާލައިން ކަމަށްވާ މަންޓާ އެއާ އާއި ވިލާ އެއާގެ ބޯޓުތައް ޗާޓަރުކުރަން ވަނީ ފަށައިފަ އެވެ. މިހާރު މޯލްޑިވިއަންގައި ގެންގުޅޭ ބޯޓުތަކަކީ މިހާރު އުފެއްދުން ހުއްޓާލާފައިވާ ބޯޓުތަކެއް ކަމުން އެ ތަކެތި މަރާމާތު ކުރަން ސްޕެއާ ހޯދުމަކީ އުނދަގޫ އަދި އަގު ބޮޑުވެސް ކަމެކެވެ.

މީގެ އިތުރުން، އެތެރޭގެ އުދުހުންތަކަށް އޮންނަ ޑިމާންޑު އިތުރުވެފައި ވާތީ، ފްލީޓު ބޮޑުކުރަން އެ ކުންފުނިން ވަނީ ނިންމައިފަ އެވެ.

ތަފްސީލް - މޯލްޑިވިއަން އާއި އޭޓީއާރު ކުންފުންޏާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމާ ގުޅޭގޮތުން އޭޓީއާރު ކުންފުނިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، މޯލްޑިވިއަން އިން ގަންނަ ތިން ބޯޓު ވެސް މި އަހަރުގެ ތެރޭ އެ އެއާލައިނަށް ޑެލިވާ ކުރާނެ ކަމަށެވެ.

މޯލްޑިވިއަންގެ ފްލީޓަށް އިތުރު ކުރަނީ

  • އޭޓީއާރު 600-72 ގެ ދެބޯޓު

  • އޭޓީއާރު 42-600 ގެ އެއް ބޯޓު

މިހާރު މޯލްޑިވިއަންގެ ފްލީޓުގައި ހިމެނެނީ ޑޭޝް-8 މަރުކާގެ 10 ބޯޓާއި އެއާބަސް މަރުކާގެ ދެ ބޯޓެެވެ.

ބުނީ ކީކޭ؟ - އޭޓީއާރު ކުންފުނީގެ ބަޔާނުގައި ބުނީ، އާ ބޯޓުތަކާއެކު ބޯޓުތަކުގެ އިންޖީނު މެއިންޓެނެންސް އަށް މޯލްޑިވިއަން އިން ކުރާ ހަރަދު %20 ކުޑަވާނެ ކަމަށެވެ. އަދި ފިއުލް ކޮންޒަމްޕްޝަން ނުވަތަ ތެލަށް ކުރާ ހޭދަ ވެސް %3 ކުޑަވާނެ ކަމަށް ބަޔާނުގައިވެ އެވެ.

އެ ކުންފުނިން އިތުރަށް ބުނީ:

  • ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ ފެންވަރު ރަނގަޅުކޮށް ވައިގެ ދަތުރުފަތުރުން ރަށްތައް ގުޅާލުމަށްކުރާ މަސައްކަތަށް މިއާއެކު ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށް 

  • އެތެރޭގެ އުދުހުންތަކުގައި މޯލްޑިވިއަން އިން ދޭ ހިދުމަތްތައް ވެސް މިހާރަށްވުރެ އިތުރަށް ފުރިހަމަވާނެ ކަމަށް ބުނި

މޯލްޑިވިއަންގެ ބަސް - މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދުއާ ހަވާލާދީ އެ ބަޔާނުގައި ބުނީ މޯލްޑިވިއަންގެ ފްލީޓު ބޮޑުކުރުމަށް ކުރާ މަސައްކަތުގައި މިއީ މުހިއްމު ފިޔަވަޅެއް ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވެފައި ވަނީ:

  • އާ ބޯޓުތައް ބޭނުން ކުރަން ފެށުމާއެކު ފަސިންޖަރުންނަށް ދޭ ހިދުމަތް މިހާރަށްވުރެ ފުރިހަމަވާނެ ކަމަށް

  • ފަހުގެ ޓެކޮނޮލަޖީ ހިމެނޭ އާ ބޯޓުތަކާއެކު ތެލަށް ކުރާ ހޭދަ އާއި މެއިންޓެނަންސް ހޭދަ ކުޑަވެ، ކުންފުނީގެ ހިންގުމުގެ ހަރަދު ކުޑަކުރެވޭނެ

އޭޓީއާރުގެ ބަސް - އޭޓީއާރުގެ ޗީފް އެގްޒެކެޓިވް އޮފިސަރު ސްޓެފެނޯ ބޯޓޮލީ ވިދާޅުވީ، ކޮވިޑް-19ގެ ބަލިމަޑުކަމާއެކު އޭވިއޭޝަން ދާއިރާ ވެއްޓުނު އަޑިގަނޑު އަރައިގަނެ ދާއިރާ ކުރިއަރަމުންދާކަން މިހާރު ފެންނަން ފަށާފައިވާ ކަމަށެވެ. މޯލްޑިވިއަން އިން އޭޓީއާރާއެކު ވީ އެއްބަސްވުމުގެ ދަށުން ތިން އެއާކްރާފްޓު ގަންނަން ނިންމުމަކީ އޭގެ ހެއްކެއް ކަމަށާއި މޯލްޑިވިއަންގެ ފްލީޓު ބޮޑުކޮށް ޒަމާނީ ކުރުމަށް ކުރާ މަސައްކަތުގެ ބައިވެރިއަކަށް ވުމަކީ އުފަލެއް ކަމަށް ވެސް ބޯޓޮލީ ވަނީ ވިދާޅުވެފަ އެވެ.

އެނގުން މުހިއްމު - އޭޓީއާރު މަރުކާގެ ތިން ބޯޓު ގަންނަން މޯލްޑިވިއަން އިން އޭޓީއާރު ކުންފުންޏާއެކު އެއްބަސްވީއިރު އެކަމަށް ހޭދަވާނީ ކިހާ ފައިސާއެއް ކަމެއް ހާމަކޮށްފައެއް ނުވެ އެވެ. މޯލްޑިވިއަންގެ ކޭޝްފްލޯ މެނޭޖު ނުކުރެވޭ މައްސަލަ އާއި ކުންފުންޏަށް ބޮޑު ގެއްލުމެއް ކުރިމަތިވާ ކަމުގެ ކަންބޮޑުވުން އަބަދުވެސް އޮވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް