މޯލްޑިވިއަންގެ މަތިންދާބޯޓެއް ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި. (ދައުރު ފޮޓޯ)

މޯލްޑިވިއަން

މޯލްޑިވިއަން އިން އޭޓީއާރު މަރުކާގެ 2 ބޯޓު ގެންނަނީ

މޯލްޑިވިއަން އިން ބުނީ، އެއާލައިނުގެ ބައެއް ބޯޓުތައް ގްރައުންޑުކުރަން ޖެހުމާއި ޑިމާންޑާ އެއްވަރަށް ހިދުމަތް ނުދެވޭތީ، ފްލީޓަށް އިތުރު ބޯޓު ގެންނަން ނިންމާފައިވާ ކަމަށް

ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލީޓަށް އޭޓީއާރު މަރުކާގެ ދެ ބޯޓު ގެންނަން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - މޯލްޑިވިއަންގެ ފްލީޓުގައި ހިމެނޭ ބައެއް ބޯޓުތައް މަރާމާތަށް ގްރައުންޑުކޮށްފައިވުމުގެ ސަބަބުން އެ ކުންފުނީގެ ފަސިންޖަރުންނަށް ހިދުމަތް ދޭން، އަމިއްލަ ދެ އެއާލައިން ކަމަށްވާ މަންޓާ އެއާ އާއި ވިލާ އެއާގެ ބޯޓުތައް ޗާޓަރުކުރަން ވަނީ ފަށައިފަ އެވެ. މީގެ އިތުރުން، އެތެރޭގެ އުދުހުންތަކަށް އޮންނަ ޑިމާންޑު އިތުރުވެފައި ވާތީ، ފްލީޓު ބޮޑުކުރަން އެ ކުންފުނިން ވަނީ ނިންމައިފަ އެވެ.

ތަފްސީލް - މިހާރު މޯލްޑިވިއަންގެ ފްލީޓުގައި ހިމެނެނީ ޑޭޝް-8 މަރުކާގެ 10 ބޯޓާއި އެއާބަސް މަރުކާގެ ދެ ބޯޓެެވެ.

ބުނީ ކީކޭ؟ - މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދު މިއަދު 'ދައުރު'އަށް ވިދާޅުވީ، އޭޓީއާރު މަރުކާގެ 600-72ގެ ދެ ބޯޓު ގެންނަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް، އެކަމަށް ހޭދަކުރާނީ ކިހާ ފައިސާއެއް ކަމެއް އަދި ބޯޓުތައް ގެންނަނީ ލީޒްކޮށްގެން ކަމެއް ނުވަތަ ގަނެގެން ކަމެއް އޭނާ ވިދާޅެެއް ނުވެ އެވެ.

އޭނާ ވިދާޅުވީ އެ އެއާލައިނުގެ ބައެއް ބޯޓުތައް ގްރައުންޑުކުރަން ޖެހުމާއި ޑިމާންޑާ އެއްވަރަށް ހިދުމަތް ނުދެވޭތީ ފްލީޓަށް އިތުރު ބޯޓުތައް ގެންނަން ނިންމާފައިވާ ކަމަށެވެ.

"އިތުރު އެއާޕޯޓުތައް ތަރައްގީކުރަމުން އަންނައިރު އެ ތަންތަނަށް އޮޕަރޭޓުކުރުމަށް ކެޕޭސިޓީ އިތުރުކުރަން ވެސް ޖެހޭ،" މިހާދު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ޕްރައިވެޓް އެއާލައިންތަކުން ބޯޓުތައް ޗާޓަރުކޮށްގެން އޮޕަރޭޓުކުރަނީ، ޓޫރިޒަމްގެ ހައި ސީޒަން ތެރޭގައި ދަތުރުތަކަށް އޮންނަ ޑިމާންޑު އިތުރުވެފައި ވާތީ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް