މޫސުން ގޯސްވެ ކަނޑުގަދަ ދުވަހެއްގައި ދޯންޏެއް ދަތުރުކޮށްފައި ދަނީ. (ދައުރު ފޮޓޯ/އަނާމް އަޒްމީލް)

މޫސުން

ހުޅަނގު މޫސުން ލައިގެންފި؛ ކުރިއަށް އޮތީ ގަދަ ދުވަސްތަކެއް

ކަނޑުތައް މަޑުވާނެ ކަމަށް މެޓުން ލަފާ ކުރަނީ އަންނަ ހުކުރު ދުވަހަށް ފަހު

ހުޅަނގު މޫސުން މިހާރު ރާއްޖެއަށް ފެށިފައި ވާއިރު، ކުރިއަށް ތިން ދުވަހު ވެސް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓު)ން މިއަދު ބުނެފި އެވެ.

އެނގުން މުހިއްމު - ހުޅަނގު މޫސުން ރާއްޖެއަށް ފެށުނީ މިދިޔަ އާދިއްތަ ދުވަހު އެވެ. އޭރުން ފެށިގެން ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯހެވެ. އެގޮތުން:

  • އާއްމު ގޮތެއްގައި ހުޅަނގު މޫސުމަކީ މެއި މަހުން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށް

  • ހުޅަނގު މޫސުން އާއްމުކޮށް ފެށެނީ، މެއި މަހުގެ ފުރަތަމަ ނުވަތަ ދެ ވަނަ ހަފުތާގައި ދެކުނުގެ އަތޮޅުތަކުން

  • އެއަށް ފަހު، މެދުރާއްޖެތެރެއަށް އޭގެ އަސަރުކޮށް، މެއި މަސް ނިމުމުގެ ކުރިން މުޅި ރާއްޖެއަށް ހުޅަނގުގެ ވިއްސާރަ ފެތުރިގެންދޭ

މިއަދު ހެނދުނު މާލެ ސަރަހައްދުގެ ފިނިހޫނުމިން ހުރި ވަރު.

ވީ ކިހިނެއް؟ - މެޓު އޮފީހުން މިއަދު ބުނި ގޮތުގައި، އަންނަ ހޮނިހިރު ދުވަހާ ހަމައަށް ރާއްޖޭގެ މޫސުން ގޯސްވާނެ އެވެ. މާ ބޯކޮށް ވާރޭ ނުވެހުނު ނަމަވެސް، ވަޔާ އެކު ކަނޑުތައް ގަދަވާނެ ކަމަށް އެ ތަނުން ލަފާ ކުރެ އެވެ. އެގޮތުން:

  • މި މަހު އެންމެ ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރަނީ އުތުރުގެ އަތޮޅުތަކަށް

  • ކަނޑުތައް މަޑުވާނެ ކަމަށް ލަފާ ކުރަނީ އަންނަ ހުކުރު ދުވަހުގެ ފަހުން

  • ހުޅަނގު މޫސުން ނިމެންދެން، އެކި ދުވަސްވަރު މޫސުން ގޯސްވާނެ

މިއަދުގެ މޫސުން:

  • މިއަދު ރާއްޖޭގެ ހުރިހާ ހިސާބުތަކަށް ވެސް މޫސުން ގޯސް

  • ހެނދުނު އެންމެ ދެކުނުގެ އަތޮޅުތަކަށް ޔެލޯ އެލާޓް ނެރެފައި އޮތް ނަމަވެސް، މިހާރު މުޅި ރާއްޖެއަށް ވަނީ ވައިޓް އެލާޓް ނެރެފައި

  • ޖުމްލަކޮށް ބަލާއިރު، މިއަދު މުޅި ރާއްޖެއަށް ގަޑިއަކު 19 މޭލާއި 24 މޭލުގެ ބާރުމިނެއްގައި ވައި ޖެހި، ކަނޑުތައް ގަދަވާނެ

މިއަދު ހެނދުނު 10 ޖެހިއިރު ރާއްޖޭގެ މަތިން ނަގާފައިވާ ސެޓެލައިޓް ފޮޓޯއެއް.

ހުޅަނގު މޫސުން ފެށުނު ކަމަށް ބަލާ މިންގަނޑު:

  • 1 މެއިގެ ފަހުން ދެކުނުގެ އަތޮޅުތަކަށް 2.5 މިލިމީޓަރު ނުވަތަ އެއަށް ވުރެ އިތުރަށް ވާރޭ ވެހުން

  • އެ ގޮތުގައި ޖެހިޖެހިގެން ދެ ދުވަހަށް ވުރެ ގިނައިން ވިއްސާރަ ދިގުލައިގެން ދިއުން

  • ވައިގެ މިސްރާބު ހުޅަނގު ދެކުނާއި ހުޅަނގާ ދެމެދު ހުރެފައި ގަޑިއަކު 10 ނޯޓިކަލް މޭލަށް ވުރެ ބާރަށް ވައި ޖެހުން

  • އެ ގޮތުގައި ދެ ދުވަހަށް ވުރެ ދިގުލައިގެން ދިއުން

ރާއްޖެއަށް ހުޅަނގު މޫސުން މި ފެށުނީ، ހޫނު ގަދަ ދުވަސްތަކަކަށް ފަހު އެވެ. އެގޮތުން، މިދިޔަ މަހު، އިހުސާސް ކުރެވުނު ހޫނުމިން ގިނަ ދުވަސް ދުވަހު 40 ޑިގްރީ ސެލްސިއަސްއަށް ވުރެ މައްޗަށް އެރި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް