ޓީޗަރުންގެ މުސާރައިގެ އާ އޮނިގަނޑު އިއުލާނުކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ދެއްވި ހިތޯބުގެ ތެރެއިން. (ފޮޓޯ/ރައީސް އޮފީސް)

ހުރިހާ ދާއިރާތަކެއްގެ މުސާރަ ބޮޑުކޮށް، ދެން އޮތީ ގައުމު ބިނާކުރުމުގެ އާ ބާބެއް: ރައީސް

ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަތައް ވެސް ވަރަށް އަވަހަށް ބޮޑުކުރާނެ ކަމަށް ވިދާޅުވި

ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަތައް މިއަދުން ފެށިގެން ބޮޑުކުރިއިރު، ވަރަށް އަވަހަށް ސިއްހީ ދާއިރާގެ މުސާރަތައް ވެސް ބޮޑުކުރައްވާނެ ކަމަށާއި، ދެން ފެށިގެން ދާނީ ގައުމު ބިނާކުރުމުގެ މުޅިން އާ ބާބެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ޓީޗަރުންގެ މުސާރަ ބޮޑުކުރުން އިއުލާނުކުރުމަށް މިއަދު މެންދުރުފަހު ރައީސް ދެއްވި ޓީވީ ހިތޯބުގައި އެ މަނިކުފާނު ވިދާޅުވީ މި ސަރުކާރުން ތައުލީމަށް ބޮޑު ސަމާލުކަމެއް ދެނީ ވިސްނުން ތޫނު، އިލްމީ، އުފެއްދުންތެރި އަދި ހެޔޮލަފާ ޖީލެއް ބިނާކުރުމަށް ކަމަށެވެ. އެ ވިދާޅުވި ގޮތުގައި، އެ ކަމުގައި ޓީޗަރުންނާއި ޓީޗަރުންގެ މަސައްކަތުގައި އެހީތެރިވެދޭ ހުރިހާ މުވައްޒަފުން ކުރާ ބުރަ މަސައްކަތް ސަރުކާރުން ފާހަގަކުރެ އެވެ.

ބުނީ ކީކޭ؟ - ރައީސް ވިދާޅުވީ ދައުލަތުގެ ކެރިފޯރުންތެރިކަން ހުރި މިންވަރުން، މިއަދު ހަމަޖެއްސީ ރަނގަޅު މުސާރައެއް ކަމަށް ޓީޗަރުން ގަބޫލުކުރާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

ރައީސް ވިދާޅުވީ ޓީޗަރުންގެ މުސާރައަށް ގެނައި ބަދަލަކީ ގައުމު ބިނާކުރުމުގެ ގޮތުން ގެނައި ވަރަށް މުހިންމު ބަދަލެއް ކަމަށެވެ. އެއީ، އެ މަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ގައުމުގެ ތަރައްގީގައި ހިއްސާވާ ތަފާތު ދާއިރާތަކުގެ ފަންނުވެރިން ކުރާ މަސައްކަތާ އެކަށޭނަ މިންވަރެއްގެ އުޖޫރައެއް ހޯދައިދިނުމުގެ ފެށުމެވެ.

އެ މަނިކުފާނު ވަނީ، ގައުމު ބިނާކުރުމުގައި އަދި ގައުމަށް ބޭނުންވާ އިންސާނީ ވަސީލަތް ތަރައްގީ ކުރުމުގައި ތައުލީމީ ދާއިރާއިން ފެށިގެން ސިއްހީ ދާއިރާ އާއި އެ ނޫން ދާއިރާތަކުން ވެސް ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކުރައްވާފަ އެވެ.

"ސަރުކާރުން މިހާރު ފަށާފައިވާ ޕޭ ހާމަނައިޒޭޝަންގެ މަސައްކަތްތަކުގެ ތެރެއިން ސިއްހީ ދާއިރާގެ މުސާރައިގެ އޮނިގަނޑަށް ގެންނަން ޖެހޭ ބަދަލުތައް މިހާރު އަޅުގަނޑުމެން މި އަންނަނީ ދިރާސާކުރަމުން،" ރައީސް ވިދާޅުވި އެވެ.

ރައީސްގެ ހިތޯބު

ރައީސް ވިދާޅުވީ މުވައްޒަފުން ކުރާ މަސައްކަތާ އެކަށޭނަ މިންވަރެއްގެ އުޖޫރައެއް ކަނޑައެޅުމަށް އަދި އުޖޫރައިގެ ތަފާތުތައް ނައްތާލުމަށް ފަށާފައިވާ މަސައްކަތް ނިމޭއިރު، ހުރިހާ ދާއިރާއެއްގެ މުސާރަތަކަށް ވެސް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ.

އެ މަނިކުފާނު ފާހަގަކުރެއްވި ގޮތުގައި:

  • އިޖުތިމާއީ އަދާލަތު ހިފެހެއްޓުމަށް، ހުރިހާ ދާއިރާއަކަށް ވެސް އެ ބަދަލު ގެންނަވާނެ

  • ދައުލަތުގެ ޒިންމާތަކާ ހަވާލުވެ ތިބެ ކުރާ މަސައްކަތަށް، އެކަށީގެންވާ ވަރުގެ އާމްދަނީއެއް ހޯދައިދިނުމަކީ ވެރިކަމުގެ މައްޗަށް ލާޒިމުކުރާ ކަމެއް

  • މި ބަދަލުގެ ބޭނުމަކީ ދައުލަތުގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން ރައްޔިތުންގެ ފުދުންތެރިކަން އިތުރުކޮށްދިނުން

ސަރުކާރުން މިހާރު ފަށާފައިވާ ޕޭ ހާމަނައިޒޭޝަންގެ މަސައްކަތްތަކުގެ ތެރެއިން ސިއްހީ ދާއިރާގެ މުސާރައިގެ އޮނިގަނޑަށް ގެންނަން ޖެހޭ ބަދަލުތައް މިހާރު އަޅުގަނޑުމެން މި އަންނަނީ ދިރާސާކުރަމުން.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ވިދާޅުވީ މިފަދަ ބަދަލުތައް ގެންނަނީ ހަމައެކަނި ވަކި ދާއިރާތަކެއް ކުރިއެރުވުމަށް ނޫން ކަމަށާއި، އޭގެ ބަދަލުގައި އެއީ މުޅި ރާއްޖޭގެ ތަރައްގީއަށް އަދި ގައުމު ކުރިއެރުވުމުގައި ބައިވެރިވުމަށް ހިތްވަރުދިނުމުގެ ގޮތުން ފަށާފައިވާ މަސައްކަތެއް ކަމަށެވެ.  

"މިއީ ދިވެހިން އެދޭ ގޮތަށް، ދިވެހިންގެ އަތްމަތިން ދިވެހި ގައުމު ބިނާކޮށް އާރާސްތު ކުރުމަށް ވެސް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް،" ރައީސް ވިދާޅުވި އެވެ.

ކޮމެންޓް (1)

ހިތަދޫ 2

1 މޭ 2022
މިހާރު އެބަ ޖަހާ ރަނގަޅު ވެރިކަމެއްގެ ސިފަ، އުއްމީދަކީ ކޮރަޕްސަން އަދިވެސް ބޯޑައް ނައްތާ އާނމުންނަށް ށަކުވާނުކޮށް ދިރިއުޅެވޭނެ މަގު ފަހިކޮއްދިނުން.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް