އިއްޒުއްދީން ސްކޫލް ހުޅުވުމަށް 12 ޖެނުއަރީ 2020 ވަނަ ދުވަހު އެ ސްކޫލުގައި ބޭއްވި ހަފްލާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (ވ-2) އާއި ނައިބު ރައީސް ފައިސަލް ނަސީމް (ވ) އަދި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ (މ) ބައިވެރިވެވަޑައިގަންނަވަނީ. (ފޮޓޯ/ރައީސް އޮފީސް)

ޓީޗަރުން

އޯޓީއާ އެކު ލިބޭ ވަރަށް ވުރެ ބޮޑު މިންވަރެއް މުސާރައިން އެކަނި ލިބޭނެ ގޮތަށް ޓީޗަރުންގެ މުސާރަ ބޮޑުކޮށްފި

މި ބަދަލުތަކުގެ ހެޔޮ އަސަރު ޖުމްލަ 8،889 މުވައްޒަފުންނަށް ކުރާނެ

ޓީޗަރުންނަށް އިތުރު ގަޑީގެ ފައިސާއާ އެކީގައި މިހާރު ލިބޭ ވަރަށް ވުރެ ބޮޑު މިންވަރެއް މުސާރަ އާއި އިނާޔަތްތަކުން އެކަނި ލިބޭނެ ގޮތަށް، ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަތައް މިއަދު ބޮޑުކޮށްފި އެވެ.

އެނގުން މުހިންމު - ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވުމަށް މިދިޔަ ފެބްރުއަރީ މަހު ބޭއްވި ޖަލްސާގައި ދެއްވި ރިޔާސީ ބަޔާނުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައިވާ ގޮތުގައި، މި މަހުން ފެށިގެން ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަ %56 ބޮޑުކުރަން ވަނީ ނިންމާފަ އެވެ.  

ވީ ކިހިނެއް؟ - ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަތައް ބޮޑުކުރުމާ ގުޅޭ ގޮތުން ރައީސް ސޯލިހް މިއަދު މެންދުރުފަހު ޓީވީ މެދުވެރިކޮށް ދެއްވި ހިތޯބެއްގައި އެ މަނިކުފާނު ވިދާޅުވީ މި މަހުން ފެށިގެން ޓީޗަރުންގެ މުސާރައަށް ބަދަލު އަންނާނެ ކަމަށެވެ.

"ޓީޗަރުންގެ މުސާރައަށް މިއަދު މި ގެނައި ބަދަލުގެ އެންމެ މުހިންމު ބޭނުމަކީ އިތުރު ގަޑީގެ ފައިސާއާ ނުލާ ވެސް އެކަށީގެންވާ ރަނގަޅު އުޖޫރައެއް ގެއަށް ގެންދަން ލިބޭނެވަރު ކޮށްދިނުން،" އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ދެއްވި ހިތޯބު.

ރައީސް ވިދާޅުވީ މިހާތަނަށް އިތުރު ގަޑީގެ ފައިސާއާ އެކީގައި ލިބޭ ވަރަށް ވުރެ ބޮޑު މިންވަރެއް މިއަދު ގެނައި ބަދަލާ އެކު ހަމައެކަނި މުސާރަ އާއި އިނާޔަތްތަކުން ވެސް ލިބޭނެ ކަމަށެވެ.

"އަލަށް މި އެކުލަވާލި ޓީޗަރުންގެ މުސާރައިގެ އޮނިގަނޑުގެ ސަބަބުން ޓީޗަރުކަމުގެ ފަންނުން އިތުރަށް ކުރިއަށް ދެވޭނެ މަގު ދައްކައިދޭނެ،" ރައީސް ވިދާޅުވި އެވެ.

ތަފްސީލް - ރައީސްގެ ހިތޯބަށް ފަހު، އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އަދި ޕޭ ކޮމިޝަންގެ އޮފިޝަލަކު ބައިވެރިވެވަޑައިގަންނަވާ ނޫސްވެރިންގެ ބައްދަލުވުމެއް ރައީސް އޮފީހުގައި އެބަ ކުރިއަށްދެ އެވެ. ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލުތަކުގެ ތަފްސީލު މި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ހިއްސާކޮށްފަ އެވެ.

އަލަށް މި އެކުލަވާލި ޓީޗަރުންގެ މުސާރައިގެ އޮނިގަނޑުގެ ސަބަބުން ޓީޗަރުކަމުގެ ފަންނުން އިތުރަށް ކުރިއަށް ދެވޭނެ މަގު ދައްކައިދޭނެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

ޕްރިންސިޕަލުންގެ މުސާރައަށް ގެނައި ބަދަލު:

ރޭންކް ތިނެއް: 34,103ރ.

ރޭންކް ދޭއް:

  • ކުރިން ގެއަށް ގެންދަން ލިބެނީ: 20،049ރ.

  • ދެން ގެއަށް ގެންދަން ލިބޭނީ: 31،816ރ.

  • މި ރޭންކްގެ 48 މުވައްޒަފުން ތިބި އިރު، މިއީ %59ގެ ކުރިއެރުމެއް

ރޭންކް އެކެއް:

  • ކުރިން ގެއަށް ގެންދަން ލިބެނީ: 16،216ރ.

  • ދެން ގެއަށް ގެންދަން ލިބޭނީ: 29،445ރ.

  • މި ރޭންކްގެ 127 މުވައްޒަފުން ތިބި އިރު، މިއީ %82ގެ ކުރިއެރުމެއް

ޑެޕިއުޓީ ޕްރިންސިޕަލުންގެ މުސާރައަށް ގެނައި ބަދަލު:

ރޭންކް ތިނެއް: 27,590ރ.

ރޭންކް ދޭއް:

  • ކުރިން ގެއަށް ގެންދަން ލިބެނީ: 16,158ރ.

  • ދެން ގެއަށް ގެންދަން ލިބޭނީ: 24,941ރ.

  • މި ރޭންކްގެ 44 މުވައްޒަފުން ތިބި އިރު، މިއީ %54ގެ ކުރިއެރުމެއް

ރޭންކް އެކެއް:

  • ކުރިން ގެއަށް ގެންދަން ލިބެނީ: 12,547ރ.

  • ދެން ގެއަށް ގެންދަން ލިބޭނީ: 22,273ރ.

  • މި ރޭންކްގެ ފަސް މުވައްޒަފުން ތިބި އިރު، މިއީ %78ގެ ކުރިއެރުމެއް

ޓީޗަރުންގެ މުސާރައަށް ގެނައި ބަދަލު:

ރޭންކް ފަހެއް: 24,879ރ.

ރޭންކް ހަތަރެއް: 22,309ރ.

ރޭންކް ތިނެއް:

  • ކުރިން ގެއަށް ގެންދަން ލިބެނީ: 14,436ރ.

  • ދެން ގެއަށް ގެންދަން ލިބޭނީ: 20,026ރ.

  • މި ރޭންކުގެ 2،171 ޓީޗަރުން ތިބިއިރު، މިއީ %39ގެ ކުރިއެރުމެއް

ރޭންކް ދޭއް:

  • ކުރިން ގެއަށް ގެންދަން ލިބެނީ: 12,398ރ.

  • ދެން ގެއަށް ގެންދަން ލިބޭނީ: 18,658ރ.

  • މި ރޭންކުގެ 2845 ޓީޗަރުން ތިބިއިރު، މިއީ %50ގެ ކުރިއެރުމެއް

ރޭންކް އެކެއް:

  • ކުރިން ގެއަށް ގެންދަން ލިބެނީ: 10,375ރ.

  • ދެން ގެއަށް ގެންދަން ލިބޭނީ: 12,621ރ.

  • މި ރޭންކުގެ 1،799 ޓީޗަރުން ތިބިއިރު، މިއީ %22ގެ ކުރިއެރުމެއް

އެޑިއުކޭޝަން ޑިވެލޮޕްމަންޓް ޕްރޮފެޝަނަލުންގެ މުސާރައަށް ގެނައި ބަދަލު:

  • ކުރިން ގެއަށް ގެންދަން އެންމެ ބޮޑުކޮށް ލިބެމުން އައީ 13،335ރ. އާއި 15،552ރ.އާ ދެމެދުގެ މިންވަރެއް

  • ދެން ގެއަށް ގެންދަން ލިބޭނީ 20،575ރ. އާއި 32،218ރ.އާ ދެމެދުގެ މިންވަރެއް

  • އެޑިއުކޭޝަން ޑިވެލޮޕްމަންޓް ޕްރޮފެޝަނަލުންގެ ގޮތުގައި 101 މުވައްޒަފުން އެބަތިބި

މި ބަދަލާ އެކު، ތައުލީމީ ދާއިރާގެ އެހެނިހެން މުވައްޒަފުންގެ އަސާސީ މުސާރައިގެ %35އަށް ވާ އަދަދެއް ދެން އިތުރަށް ލިބޭނެ އެވެ. އެހެނިހެން މުވައްޒަފުންގެ ގޮތުގައި 1،749 މުވައްޒަފުން މަސައްކަތް ކުރަމުން ދެ އެވެ.

ސަރުކާރުން މިއަދު އާންމުކުރި ބަދަލުތަކުގެ ހެޔޮ އަސަރު ޖުމްލަ 8،889 މުވައްޒަފުންނަށް ކުރާނެ އެވެ. މުސާރައަށް މި ގެނައި ބަދަލުތަކާ އެކު، ބަޖެޓަށް ބޮޑު ބަދަލެއް އަންނާނެ އެވެ. އެގޮތުން:

  • މަހަކު 40.7 މިލިއަން ރުފިޔާ އިތުރަށް ހަރަދުވާނެ 

  • މި މަހުން ފެށިގެން އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށް މި އަހަރުގެ ބަޖެޓުން 325.8 މިލިއަން ރުފިޔާ އިތުރަށް ހަރަދުވާނެ 

  • އަހަރަކު 488.6 މިލިއަން ރުފިޔާ އިތުރަށް ހަރަދުވާނެ

'މިއީ ތައުލީމީ ދާއިރާއަށް ލިބުނު އީދު ހަދިޔާއެއް'

ބުނީ ކީކޭ؟ - މުސާރައަށް ގެނައި ބަދަލުތަކުގެ ތަފްސީލުތައް އިއުލާނުކުރުމަށް ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ އާ ޕޭ ފްރޭމްވޯކަށް ބަދަލުވާއިރު، މުސާރަ އާއި އިނާޔަތް ދޭ ގޮތަށް ބަދަލު އަންނާނެ ކަމަށެވެ. އެގޮތުން، މުސާރަ އާއި އިނާޔަތްތަކުގެ ތެރޭގައި ހިމެނެނީ:

  • އަސާސީ މުސާރަ 

  • މަގާމުގެ އެލަވަންސް 

  • ހާޒިރުވާ ދުވަހަށް ދޭ ހާޒިރީ އިނާޔަތް

އަމީރު ވިދާޅުވި ގޮތުގައި، މުސާރައިގެ އާ އޮނިގަނޑު އެކުލަވާފައި ވަނީ އެ އޮނިގަނޑަށް ބަދަލުވާ މުވައްޒަފުންނަށް ވެސް ކޮންމެ ދެ އަހަރަކުން މުސާރައިގެ ކުރިއެރުން ލިބޭ ގޮތަށެވެ.

"ޕާފޯމަންސް އެޕަރައިޒަލްއާ އެއްގޮތަށް މުސާރައިގެ ކުރިއެރުން ލިބޭނެ މަގާމުގެ ރޭންކް މަތި ނުވިޔަސް،" އޭނާ ވިދާޅުވި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އަމީރު ވާހަކަދައްކަވަނީ. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވާހަކަދައްކަވަނީ. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވީ މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލާ އެކު، ގުރުއާނާ ބެހޭ މަރުކަޒުގައި މަސައްކަތް ކުރާ ގުރުއާން ޓީޗަރުންނާއި ސަރުކާރުގެ ޕްރީސުކޫލްތަކުގައި މަސައްކަތް ކުރާ ޕްރީ ސްކޫލު ޓީޗަރުންގެ މުސާރަ ވެސް ބޮޑު ވެގެން ދާނެ ކަމަށެވެ.

ގުރުއާނާ ބެހޭ މަރުކަޒުގައި މިވަގުތު 13 ޓީޗަރުން އެބަތިއްބެވެ.

އޭގެ އިތުރުން، މިހާރު ލީޑިން ޓީޗަރުންނަށް އެލަވަންސްގެ ގޮތުގައި ދޭ 1،000ރ. މިއަދުން ފެށިގެން 2،000ރ.އަށް ބޮޑުވާނެ ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވި އެވެ.

"މުޅި ތައުލީމީ ދާއިރާއަށް މި ލިބުނީ ހަމަ ވަރަށް ރަނގަޅު އީދު ހަދިޔާއެއް. އަޅުގަނޑުމެން ވަރަށް އުފަލުން މި ތިބީ،" އޭނާ ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް