އެމްޑީޕީގެ ގައުމީ މަޖިލިސް ޖަލްސާއެއްގެ ތެރެއިން: ވިލިމާލެ ދާއިރާގެ ބައި-އިލެކްޝަންގައި އެޕާޓީއަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ގެއްލިފައި (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

އެމްޑީޕީ

ފޯމު ހުށަނޭޅިގެން ބައި-އިލެކްޝަނުން ޖާގަ ގެއްލުނީ ކަރަންޓް ކެނޑުމުން: އެމްޑީޕީ

ލަހުން ފޯމު ހުށަހެޅުމުން ވިލިމާލޭ ދާއިރާގެ އަންހެނުންގެ ކޮމިޓީ ބައި-އިލެކްޝަނުގައި ވާދަ ކުރުމުގެ ފުރުސަތު އެމްޑީޕީއަށް ވަނީ ގެއްލިފައި

ވިލިމާލޭ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި-އިލެކްޝަނަށް ކެންޑިޑޭޓުގެ ފޯމު އިލެކްޝަންސް ކޮލމިޝަނަށް މުއްދަތު ހަމަވުމުގެ ކުރިން ހުށަނޭޅުނީ އިއްޔެ އެ ވަގުތުގައި ކަރަންޓް ދިޔުމުގެ ސަބަބުން ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - އެ ކޮމިޓީގެ މެންބަރެއްގެ ގޮތުގައި ހުންނެވި އާމިނަތު އީމާން، 29، އެކްސިޑެންޓެއްގައި މިދިޔަ މަހު މަރުވުމާ ގުޅިގެން ބާއްވާ މި ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ މުއްދަތު ހަމަވީ، އިއްޔެ މެންދުރު 12 އަށެވެ. އޭގެ ކުރިން ފޯމު ހުށަނޭޅުމުން ސަރުކާރުން ހިންގާ މައި ޕާޓީ، އެމްޑީޕީއަށް އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ވަނީ ގެއްލިފަ އެވެ.

ތަފްސީލު - އެމްޑީޕީ ހިންގެވުމާ ހަވާލުވެ ހުންނެވި އެޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން (އިދާރީ) އަދި ހުޅުމާލޭ ދާއިރާގެ މަޖިލިސް މެންބަރު އަލީ ނިޔާޒު 'ދައުރު'އަށް މިއަދު ވިދާޅުވީ، ގަޑި ޖެހުމުގެ ކުރިން ހަމައަށް ހުރިހާ ތަކެއްޗާއެކު ފޯމު ހުށަހެނޭޅުނީ  ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ހޯދަން ޖެހޭ ފޯމެއް އެވަގުތު މާލެއިން ކަރަންޓް ދިޔުމުގެ ސަބަބުން ގަޑިއަށް ނުލިބުމުން ކަމަށެވެ.

"އަޅުގަނޑުމެން ގަބޫލުކުރަން ކެންޑިޑޭޓް ކަނޑައެޅުމުގައި ލަސްތަކެއް ދިމާވި. އެހެން ނަމަވެސް ވަގުތަށް ހުށަހަނޭޅުނީ އެ ވަގުތު ކަރަންޓް ކެނޑިގެން ގޮސްފައި ހުރުމުން. މިކަމުގައި އެއްވެސް މީހެއް ކުށްވެރިކުރާކަށް ނެތިން،" އަލީ ނިޔާޒު ވިދާޅުވި އެވެ.

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ ނިޔާޒު (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

އޭނާ ވިދާޅުވީ، ވާދަ ކުރާނެ ކެންޑިޓޭޓް ފައިނަލް ކުރުން ލަސްވީ، އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގެ ފޯރި ގަދަވެ، ހުރިހާ އެންމެންގެ ވެސް ފޯކަސް އެ އިންތިހާބަށް ދިޔުމުން ކަމަށެވެ. އަދި ފަހު ވަގުތު އިތުރު ކެންޑިޑޭޓެއް ކުރިމަތިލުމަށް ފަހު، ޕްރައިމަރީއަކަށް ދާން ޖެހި، ފަހުން އެ ކެންޑިޑޭޓް ނަން އަނބުރާ ގެންދިޔުމުން ވާދަ ކުރާނެ މީހަކު ފައިނަލް ކުރެވުނީ ބުދަ ދުވަހު ރޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކަރަންޓް ކެނޑުމުން ފޯމު ހުށަހެޅުން ލަސްވާނެ ކަމަށް ޑީޖޭއޭއިން ވެސް އިލެކްޝަންސްއަށް އެންގި. އެކަމަކު އީސީއިން އެ ސަބަބު ގަބޫލުކުރާކަށް ބޭނުމެއް ނުވި،" އަލީ ނިޔާޒު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ، ފުރަތަމަ ބައި-އިލެކްޝަން ބާއްވަން ނިންމި މެއި 14 އަކީ، އެޕާޓީގެ އެތެރޭގެ އިންތިހާބު ވެސް ބާއްވާ ދުވަސް ކަމަށާއި ފަހުން މެއި 16އަށް އީސީން އިން އިންތިހާބު ލަސްކުރި ކަމަށެވެ. 

"ތާރީހަށް ބަދަލު ގެނައުމުން ވެސް އިތުރު ވަގުތު ދޭން ޖެހޭ ކަމަށް އަޅުގަނޑުމެން ގަބޫލު ކުރަނީ،" އޭނާ ވިދާޅުވި އެވެ.

އެނގުން މުހިންމު - އެޗްޑީސީން ކުރިއަށް ގެންދާ ހުޅުމާލޭ މަގު ހެދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ސްޓެލްކޯގެ މައި ޑިސްޓްރިބިއުޝަން ކޭބަލަކަށް ގެއްލުންވުމުގެ ސަބަބުން އިއްޔެ ހެނދުނު 9:30އިން ފެށިގެން މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑުނެވެ. އެ މައްސަލަ ހައްލުވެ އަލުން ކަރަންޓް ދެވުނީ މެންދުރު 1 ޖެހި އިރު އެވެ.

ފަސްމަންޒަރު - އީމާން އަންހެނުންގެ ކޮމިޓީއަށް އިންތިހާބުވެފައި ވަނީ އެމްޑީޕީގެ ޓިކެޓްގަ އެވެ. މި އިންތިހާބުގައި އެމްޑީޕީއަށް ވާދަ ކުރުމުގެ ފުރުސަތު ގެއްލުމުން އެ ޕާޓީގެ ބައެއް މެންބަރުން ވަނީ އެކަމަށް ފާޑުވިދާޅުވެފަ އެވެެ.

 މި ބައި-އިލެކްޝަންގައި ވާދަ ކުރާނީ އިދިކޮޅު ޕީޕީއެމް އާއި އެމްއެންޕީއިންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް