ހުޅުމާލޭގައި ހުންނަ ހާންޖީ ރެސްޓޯރަންޓުގެ ތެރޭގައި ބަންގްލަދޭޝްގެ އެމްޑީ ޝަމީމް މަރާލުމުގެ ތުހުމަތުކުރެވޭ ޕާކިސްތާނުގެ ޝެފް މުހައްމަދު އާބިދު ހުޅުމާލޭ މެޖިސްޓްރޭޓު ކޯޓަށް މިރޭ ވައްދަނީ. (ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާއު)

އާބިދު ރޮމުން ތަކުރާރުކޮށް ބުނީ ހަމަލާ ދެވުނީ އަމިއްލަ ނަފްސުގެ ދިފާއުގައި ކަމަށް

ކިތައް ފަހަރު ވަޅިން ހަމަލާ ދިނިންތޯ މެޖިސްޓްރޭޓް ކުރި ސުވާލަށް އޭނާ ބުނީ ހަނދާނެއް ނެތް ކަމަށް

ހުޅުމާލޭގެ ރެސްޓޯރެންޓެއްގައި އިއްޔެ ހަވީރު ބަންގްލަދޭޝްގެ ވެއިޓަރަކަށް ބޮޑު ވަޅިއަކުން ހަމަލާދީ މަރާލި މައްސަލައިގައި ހައްޔަރުކުރި އެ ރެސްޓޯރަންޓުގެ ޕާކިސްތާނު ޝެފް، މުހައްމަދު އާބިދުގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިރޭ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ގެނައި އިރު އޭނާގެ މޫނުމަތިން ފެނުނީ ނުތަނަވަސްކަމެވެ. މިރޭ 10 ހާއިރު ޝަރީއަތް ފެށުމުގެ 25 މިނިޓް ކުރިން އަހަރެން އިނީ އޭނާއާ ދާދި ގާތުގައި އެ ކޯޓުގެ ރިސެޕްޝަންގަ އެވެ.

ކަޅާއި އަޅި ކުލައިގެ ހިމަ ރޮނގު ދެމި މުންޑަކާއި ގިރުވާން ނެތް ކަޅު ކުލައިގެ ޓީޝާޓެއް ލައިގެން ހުރި އާބިދު، 26، ކޯޓުގެ ރިސެޕްޝަންގައި މަޑުކޮށްލައިގެން އިން އިރު ދިޔައީ ފުންކޮށް ނޭވާލަމުންނެވެ. ސާފު ހުދު ކުލައިގެ ފައިވާނަކަށް އަރައިގެން އޭނާ އިން އިރު، ދެ ފައި ކުޑަކޮށް ވަށްކޮށްލައިގެން ގޮނޑީގައި އިނދެ، އިރުއިރުކޮޅާ ފައި ހަލުވަމުން ގެންދިޔަ އެވެ. ބައެއް ފަހަރު އޭނާ ތުރުތުރު އަޅާހެން ވެސް ހީވެ އެވެ.

"އަހަރެން ބޭނުން ލާ އެއްޗެހި. އަދިވެސް ލާ އެއްޗެއް ނުލިބޭ. މިރޭ ފަތިސް ނަމާދު ކުރަން މި އެއްޗެހި ނުލެވޭނެ. އަހަރެންގެ އަންނައުނުތައް ބޭނުން،" އެ ތަނުގައި އިން އިރު އޭނާ ބުނި ހަމައެކަނި އެއްޗަކީ އެއީ އެވެ.

ތުހުމަތުކުރެވޭ ޕާކިސްތާނުގެ ޝެފް ހުޅުމާލޭ ކޯޓަށް މިރޭ ވައްދަނީ. (ދައުރު ވީޑިއޯ/ މުހައްމަދު މުޒައްޔިން ނާޒިމް)

އެހެން އޭނާ ބުނުމާ އެކު، އެ ތަނުގައި ހުރި ފުލުހުންގެ އޮފިސަރު ބުނީ މިރޭ ފަތިސް ނަމާދު ކުރަން ވާއިރަށް އަންނައުނު ލިބޭނެ ކަމަށެވެ.

އޭގެ ފަހުން ކޯޓު ރޫމަށް ވެއްދުމާ ހަމައަށް އޭނާ އިނީ ދެ ލޯ މަރައިގެން، ގޮނޑީގައި ލެނގިލައިގެންނެވެ. ބައެއް ފަހަރު އިސްޖަހައިގެން ފުން ހިޔާލުތަކެއްގެ ތެރޭގަ އެވެ. ކުރިމައްޗަށްވާ ގޮތަށް ބާރުކޮށް ބިޑި އަޅުވާފާއި ހުރި އިރު، ދޭތެރެއަކުން އަތުތެރޭގައި ބިޑި ހަލުވާލަ އެވެ.

އޭނާ [ޝަމީމް] އެތައް ފަހަރަކު އަަހަރެން ގައިގައި ޖެހި. މޫނާ ދިމާލަށް ވެސް އައި. އެ ގަޑީގައި އަމިއްލަ ނަފްސުގެ ދިފާއުގައި އަހަރެން އަތުގައި އޮތް ވަޅި އޭނާގެ ގަޔަށް ހެރުނީ.

މުހައްމަދު އާބިދު / ވެއިޓަރު މަރާލިކަމުގެ ތުހުމަތުކުރެވޭ ޝެފް

ޝަރީއަތަށް ވެއްދުމާ އެކު، އާބިދުގެ މައްޗަށް ކުރާ ތުހުމަތުތައް ފުލުހުންގެ ސަބް އިސްޕެކްޓަރު މޫސާ އިރުފާނު އިއްވި އެވެ. އެއީ:

  • ރަހުމް ކުޑަ ގޮތަކަށް ނުރައްކާތެރި ތޫނު ހަތިޔާރު ބޭނުންކޮށްގެން މީހަކަށް ހަމަލާދީ އަދި އޭގެ ސަބަބުން އޭނާ މަރުވުން 

  • ހެކި ނައްތާލަން މަސައްކަތް ކުރުން

ފުލުހުންގެ ތެރޭގައި މަސައްކަތްކުރާ ތަރުޖަމާނަކު އެ ތުހުމަތުތައް އާބިދަށް ހިންދީ ބަހުން ތަރުޖަމާކޮށްދިނެވެ. އޭނާއަށް ކުރާ ތުހުމަތުތައް ސާފުވެއްޖެތޯ އެހުމުން އާބިދު ބުނީ ދެއްކި ވާހަކަތައް ސާފުވެއްޖެ ކަމަށެވެ.

'ގަސްތުގައި ހަމަލާއެއް ނުދެން، ޝަމީމް އެތައް ފަހަރަކު އަހަރެން ގައިގައި ޖެހި'

އާބިދަށް ވާހަކަދެއްކުމުގެ ފުރުސަތު ހުޅުމާލޭ ކޯޓުގެ އިސް މެޖިސްޓްރޭޓް ސިޔާމާ މުހައްމަދު ދެއްވުމުން، ހިންދީ ބަހުން އޭނާ ފުރަތަމަ ވެސް ބުނީ އެއީ ހެދުނު ވަރަށް ބޮޑު "ގޯހެއް" ކަމަށެވެ. އޭނާއާ އެކު ހާންޖީ ރެސްޓޯރެންޓްގައި މަސައްކަތް ކުރި ބަންގްލަދޭޝްގެ ވެއިޓަރު، އެމްޑީ ޝަމީމަށް ގަސްތުގައި ހަމަލާ ދިނުމުގެ ނިޔަތެއް ނެތް ކަމަށް ބުންޏެވެ.

"އޭނާ [ޝަމީމް] އެތައް ފަހަރަކު އަހަރެން ގައިގައި ޖެހި. މޫނާ ދިމާލަށް ވެސް އައި. އެ ގަޑީގައި އަމިއްލަ ނަފްސުގެ ދިފާއުގައި އަހަރެން އަތުގައި އޮތް ވަޅި އޭނާގެ ގަޔަށް ހެރުނީ،" އާބިދު ބުންޏެވެ.

ހުޅުމާލޭގައި ހުންނަ ހާންޖީ ރެސްޓޯރަންޓުގެ ތެރޭގައި ބަންގްލަދޭޝްގެ އެމްޑީ ޝަމީމް މަރާލި މައްސަލައިގައި ތުހުމަތުކުރެވޭ ޕާކިސްތާނުގެ ޝެފް މުހައްމަދު އާބިދު ހުޅުމާލޭ މެޖިސްޓްރޭޓު ކޯޓަށް މިރޭ ވައްދަނީ. (ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާއު)

ހިމަތޮޅި ހަށިގަނޑެއްގެ ވެރި އާބިދު ބުނި ގޮތުގައި، އޭނާގެ "ނިކަމެތި ހަށިގަނޑާ" އަޅާ ބަލާއިރު ޝަމީމަކީ ޖާނުން ވަރުގަދަ މީހެކެވެ. އެފަދަ މީހަކު އޭނާއަށް "އަނިޔާ ދިނުމުން އަމިއްލަ ނަފްސުގެ ދިފާއުގައި" ހަމަލާ ދެވުނީ ކަމަށް ބުންޏެވެ.

"އަހަރެންގެ އެއްވެސް ނިޔަތެއް ނެތް އޭނާ މަރާލާކަށް. ބޭއިހުތިޔާރުގައި ކައްސާލައިގެން ވަޅި ހެރުނީ،" ތަކުރާރުކޮށް އާބިދު ބުންޏެވެ.

ތުހުމަތުކުރެވޭ ޕާކިސްތާނުގެ ޝެފް މުހައްމަދު އާބިދު ހުޅުމާލޭ މެޖިސްޓްރޭޓު ކޯޓަށް މިރޭ ވައްދަނީ. (ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާއު)
ތުހުމަތުކުރެވޭ ޕާކިސްތާނުގެ ޝެފް މުހައްމަދު އާބިދު ހުޅުމާލޭ މެޖިސްޓްރޭޓު ކޯޓަށް މިރޭ ވައްދަނީ. (ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާއު)

އާބިދު ބުނީ އޭނާއަކީ މުސްލިމެއް ކަމަށާއި އިސްލާމް ދީނުގައި މީހުން މެރުން ނޯންނަ ކަމަށެވެ. ރޭ ދަންވަރު ހުޅުމާލޭ ފޭސް ދޭއްގެ ބީޗުގައި އޭނާ އެކަނި އިންދައި ފުލުހުން އޭނާ ހައްޔަރުކުރަން ދިޔައިރު ވެސް އޭނާ އިނީ، އާބިދު ބުނި ގޮތުގައި، ޝަހާދަތް ކިޔާލަ ކިޔާލަ އެވެ.

އާބިދު ވާހަކަދައްކައި ނިމުމުން މެޖިސްޓްރޭޓް ސިޔާމާ އެއްސެވީ ކިތައް ފަހަރު ޝަމީމްގެ ގަޔަށް ވަޅި ހެރިންތޯ އެވެ.

"މިހާރު ހަނދާނެއް ނެތް،" އޭނާ ބުންޏެވެ. 

ބަންދުކުރިކަން އެނގުމާ އެކު ލޮލުން ކަރުނަ

ދެ ފަރާތުގެ ވާހަކަތަކަށް ފަހު، މެޖިސްޓްރޭޓް ނިންމެވީ މުޖުތަމައުގެ ރައްކާތެރިކަމަށާއި ހެއްކަށް ނުފޫޒު ފޯރުވުމާއި މި މައްސަލައިގައި އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުުރުމުން އާބިދު 15 ދުވަހަށް ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރުމަށެވެ. މެޖިސްޓްރޭޓުގެ އެ ނިންމެވުން ފުލުހުންގެ ތަރުޖަމާނު އާބިދަށް ތަރުޖަމާކޮށްދިނެވެ.

އަހަރެންގެ އެއްވެސް ނިޔަތެއް ނެތް އޭނާ މަރާލާކަށް. ބޭއިހުތިޔާރުގައި ކައްސާލައިގެން ވަޅި ހެރުނީ.

މުހައްމަދު އާބިދު / ވެއިޓަރު މަރާލިކަމުގެ ތުހުމަތުކުރެވޭ ޝެފް

އިތުރަށް ވާހަކަދައްކަން ބޭނުންތޯ މެޖިސްޓްރޭޓް އެއްސެވުމާ އެކު އާބިދުގެ ލޮލުން ހޯސްލާފައި ކަރުނަ އަންނަން ފެށި އެވެ. އަދި ގިސްލަ ގިސްލާފައި ރޯން ފެށި އެވެ.

"މި ތަނުގައި ވެސް އަހަރެން މި މަރުވަނީ،" ފަހު ބަހަކަށް އޭނާ ބުނީ އެހެންނެވެ. އެއަށް ފަހު ޝަހާދަތް ކިޔަން ފެށި އެވެ.

ތުހުމަތުކުރެވޭ ޕާކިސްތާނުގެ ޝެފް މުހައްމަދު އާބިދު ހުޅުމާލޭ މެޖިސްޓްރޭޓު ކޯޓަށް މިރޭ ވައްދަނީ. (ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާއު)

އެ ހިސާބުން ޝަރީއަތުގެ މަޖިލިސް ނިންމާލި އެވެ. ދެ ލޯ ރަތްވެފައި ހުރި އާބިދު ޝަރީއަތުގެ މަޖިލިހުން ނެރެގެން ގެންދިޔަ އިރު ވެސް އޭނާ ގިސްލަ ގިސްލާފައި ބާރަށް ރޮނީ އެވެ.

އިތުރަށް ކިޔާލަން -

ކޮމެންޓް (1)

މުޙައްމަދު

18 އޭޕްރީލު 2022
ހިންދީ އާ ވައްތަރު ދޯ، އެކަމަކު އޭނާ ވާހަކަ ދެއްކީ އުރުދޫ ބަހުން. އިޓްސް އޮލްމޮސްޓް ސޭމް
4 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް