ހުޅުމާލޭގައި ހުންނަ ހާންޖީ ރެސްޓޯރަންޓުގެ ތެރޭގައި ބަންގްލަދޭޝްގެ އެމްޑީ ޝަމީމް މަރާލި މައްސަލައިގައި ތުހުމަތުކުރެވޭ ޕާކިސްތާނުގެ ޝެފް މުހައްމަދު އާބިދު ހުޅުމާލޭ މެޖިސްޓްރޭޓު ކޯޓަށް މިރޭ ވައްދަނީ. (ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާއު)
ޕާކިސްތާނުގެ ޝެފްގެ ބަންދަށް 15 ދުވަސް ދީފި
ހުޅުމާލޭގައި ހުންނަ ރެސްޓޯރެންޓެއްގެ ތެރޭގައި ބިދޭސީ ވެއިޓަރަކަށް އިއްޔެ ހަވީރު ވަޅިން ހަމަލާދީ މަރާލި މައްސަލައިގައި ހިމެނޭ އެ ރެސްޓޯރަންޓުގެ ޕާކިސްތާނުގެ ޝެފްގެ ބަންދަށް ކޯޓުން މިރޭ 15 ދުވަސް ދީފި އެވެ.
މައްސަލައިގެ ފެށުން -
-
ޕާކިސްތާނުގެ ކެއުންތަކަށް ހާއްސަ 'ހާންޖީ' ރެސްޓޯރަންޓުގެ ތެރޭގައި އިއްޔެ ހަވީރު 5 ހާއިރު، އެ ތަނުގެ ބަންގްލަދޭޝް ވެއިޓަރެއް ކަމަށްވާ އެމްޑީ ޝަމީމަށް ހަމަލާދީ މަރާލި
-
އެ މަރުގެ ތުހުމަތުކުރެވެނީ އެ ރެސްޓޯރެންޓުގެ ޝެފް، މުހައްމަދު އާބިދުގެ މައްޗަށް
-
ހާދިސާއަށް ފަހު އޭނާ ރެސްޓޯރަންޓުން ފިލި
-
ފިލައިގެން އުޅެނިކޮށް ރޭ ދަންވަރު އޭނާ ހައްޔަރުކުރީ ހުޅުމާލޭ ދެ ވަނަ ފިޔަވަހީގެ ބީޗު ސަރަހައްދުގައި އެކަނި ހުއްޓާ
ވީ ކިހިނެއް؟ - އާބިދު، 26، ހައްޔަރުކޮށްގެން އޭނާގެ ބަންދުގެ މުއްދަތު ޖަހަން ފުލުހުން މިރޭ 9:30 ހާއިރު އޭނާ ގެންދިޔައީ ހުޅުމާލޭ މެޖިސްޓްްރޭޓު ކޯޓަށެވެ. ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ދީފަ އެވެ.
ތަފްސީލް - ފުލުުހުން އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް:
-
ނުރައްކާތެރި ތޫނު ހަތިޔާރެއް ބޭނުންކޮށްގެން ރަހުމެއް ނެތި މީހަކަށް ހަމަލާ ދިނުން އަދި އޭގެ ސަބަބުން އެ މީހާ މަރުވުން
-
ހެކި ފޮރުވަން މަސައްކަތް ކުރުން
ފުލުހުން ހުށަހެޅި ހެކި:
-
އިންޓެލިޖެންސް ރިޕޯޓު
-
މެޑިކަލް ރިޕޯޓު
-
މަރު ފޯމު
-
މަންޒަރު ދުށް މީހުން
ޝަމީމް މަރުވި ކަމަށް ބެލެވެނީ އޭނާގެ މެޔަށް ދިން ހަމަލާއެއްގެ ސަބަބުންނެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޮތީ މަރުވެފަ އެވެ. ހަމަލާއަށް ޒަހަމްވެގެން ވެއްޓިފައި އޮއްވައި ސީޕީއާރް ދީގެން އޭނާގެ ފުރާނަ ސަލާމަތް ކުރަން އެތަނުގެ ބައެއް މުވައްޒަފުން މަސައްކަތް ކުރި މަންޒަރު އެ ވީޑީއޯއިން ފެނެ އެވެ.
އެނގުން މުހިންމު - އާބިދު ދަންނަ ބައެއް މީހުން ބުނާ ގޮތުން އޭނާ އަކީ އާންމުކޮށް ރުޅިގަދަ، "ކޫސަނި" ކަންތަކާ ރުންކުރުވެ، ޒުވާބުކުރާ މީހެކެވެ. އެގޮތުން، މީގެ ފަސް ވަރަކަށް މަސް ކުރިން ވެސް އެ ރެސްޓޯރެންޓުގެ ތެރޭގައި އޭނާ ކަމަކާ ހިތްހަމަނުޖެހިގެން އެ ތަނުގެ މުވައްޒަފުންނާ ޒުވާބު ކުރި ކަމަށް ވެ އެވެ.