ހުޅުމާލޭގައި ހުންނަ ހާންޖީ ރެސްޓޯރަންޓުގައި ބިދޭސީއަކަށް ވަޅިން ހަމަލާދިން ޕާކިސްތާނުގެ މުހައްމަދު އާބިދު؛ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުން

'ރުޅި ގަދަ' ޝެފްގެ ހަމަލާ ސީދާ މެޔަށް؛ ސީން އޮތީ ސާފުކޮށްފައި

މީގެ ކުރިން ވެސް ކުދިކުދި ކަންތައްތަކާ އެ ތަނުގެ އެހެން މުވައްޒަފުންނާ އާބިދު ޒުވާބުކޮށްފައިވާ ކަމަށް ވޭ
16 އޭޕްރީލު 2022

މިއަދު އިރުއޮއްސެން ދިޔަ އިރު ހުޅުމާލޭ ނިރޮޅުމަގުގައި ހުންނަ 'ހާންޖީ' ރެސްޓޯރަންޓު ތެރެ އޮތީ ހަލަބޮލިކޮށެވެ. ރޯދަ ވީއްލާ ވަގުތަށް ކެއުން ތައްޔާރުކުރުމަށް މުވައްޒަފުން މަސައްކަތް ކުރަމުން ދިޔައީ އަދަވިނެތި އެވެ. އެ ހަލަބޮލިކަމުގެ ތެރެއިން މަސައްކަތާ ގުޅޭގޮތުން މުވައްޒަފުންގެ މެދުގައި ކޮންމެވެސް ކަހަލަ މައްސަލައެއް ޖެހުނީ އެވެ. ސީދާ ކޮން ކަމަކާ ގުޅިގެން ކަމެއް ނޭނގެ އެވެ. ނަމަވެސް ޖެހުނީ "ކޫސަނި" މައްސަލައެއް ކަމަށް، މައުލޫމާތު އެނގޭ މީހަކު ބުންޏެވެ.

އެ މައްސަލައިގެ ތެރެއިން ކޮންމެވެސް އެކަކު އެއްލީ ސަމުސަލެކެވެ. ކާކާ ދިމާލަށް، ކާކު އެއްލި އެއްޗެއް ކަމެއް ވެސް ނޭނގެ އެވެ. އެ ސަމުސާ އެއްލުމާ އެކު، ޕާކިސްތާނުގެ ކައްކާ، މުހައްމަދު އާބިދު ނެގީ ކަޅު ކުލައިގެ މުއްގަނޑުލީ ބޮޑު ވަޅިއެކެވެ. އޭނާ ހޫރާލި ވަޅި އަމާޒުކޮށްލީ، އެ ތަނުގެ ވެއިޓަރެއްގެ ވަޒީފާ އަދާކުރަމުން ދިޔަ ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ ޝަމީމްގެ މެޔަށެވެ.

ހަމަލާއާ އެކު ޝަމީމް އޮތީ ވެއްޓިފަ އެވެ. ނަމަވެސް އެތަނުގައި ތިބި މީހުންނަށް ދެން ހަދަންވީ ގޮތެއް މާ ބޮޑަކަށް ސާފެއް ނުވި އެވެ. ޝަމީމްގެ މޫނުގައި ޖަހައި އޭނާއާ ވާހަކަދައްކަން މަސައްކަތް ކުރި އެވެ. އޭނާއަށް ސީޕީއާރު ދީ ހޭއަރުވަން ވެސް މަސައްކަތް ކުރި އެވެ. ޓެކްސީއަކަށް އަރުވައިގެން އޭނާ ހޮސްޕިޓަލަށް ގެންދަން ވެސް އެތަނުގައި ތިބި މީހުން އުޅުނެވެ. އޭރު ކުޑަކޮށް ޝަމީމްގެ ހަރަކާތް ހުރި ކަމަށްވެ އެވެ.

ނަމަވެސް ހުޅުމާލޭ ހޮސްޕިޓަލަށް އޭނާ ގެންދިޔައިރު އެއްވެސް ހަރަކާތެއް ނެތެވެ. ވިންދެއް ވެސް ނެތެވެ. އެ ހަމަލާގައި ލިބުނު ޒަހަމްގެ ސަބަބުން، މިއަދު 6:15 ހާއިރު ޝަމީމް ވަނީ މަރުވެފަ އެވެ. ޝަމީމަށް ހަމަލާދިން އާބިދު އަދި ނުފެނެ އެވެ. މަންޒަރު ދުށް މީހުން ބުނާ ގޮތުން، ޝަމީމަށް ހަމަލާ ދިނުމަށް ފަހު އާބިދު ވަނީ ވަގުތުން ފިލައިފަ އެވެ.

ހާންޖީ ރެސްޓޯރަންޓު: އެތަނުގައި މާރާމާރީ ހިންގައި ބިދޭސީއަކު ވަނީ މަރާލާފައި (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

'އާބިދަކީ ކުދި ކުދި ކަންތައްތަކާ ރުޅި އަންނަ މީހެއް'

އެ ރެސްޓޯރަންޓުގައި މަސައްކަތް ކުރާ މީހުން ބުނާ ގޮތުން އާބިދަކީ ރުޅިގަދަ، ރުންކުރު މީހެކެވެ. އޭނާ ހިތްހަމަނުޖެހޭ ގޮތަށް ކުޑަ ކަމެއް ވިޔަސް ވަރަށް އަވަހަށް ރުޅި އާދެ އެވެ. އެހެން މީހުން ކަންތައްތައް ކުރާ ގޮތް ވެސް އޭނާއަށް ކަމުނުދާ ކަމަށް އެތަނުގައި މަސައްކަތް ކުރާ މީހުން ބުންޏެވެ.

މިއަދުގެ މަރުގެ އެތި ފަހަރެއް އަމާޒުވުމުގެ ކުރިން ވެސް އެ ރެސްޓޯރަންޓުގެ ތެރޭގައި ދެބަސްވުމާއި، ޒުވާބު ހިނގާފައި ހުރިކަން އިތުބާރު ކުރެވޭ މަސްދަރުތަކުން 'ދައުރު' އަށް ވަނީ ކަށަވަރުކުރެވިފަ އެވެ. އެގޮތުން، މީގެ ފަސް ވަރަކަށް މަސް ކުރިން ވެސް އެތަނުގައި ވަނީ ހޫނު ޒުވާބެއް ހިނގައިފަ އެވެ. އެ ދުވަހުގެ ޒުވާބު ވެސް ހޫނުވީ ވަރަށް ކޫސަނި ކަމަކާ ކަމަށް އެތަނުގައި މަސައްކަތް ކުރާ މީހަކު ބުންޏެވެ.

މިއަދު މަރާލި ޝަމީމް މަސައްކަތް ކުރާ ގޮތާ މެދު އާބިދު މާ ބޮޑަށް ހިތްހަމަނުޖެހޭ ކަމަށާއި، އެ ދެ މީހުންގެ ދެމެދު މީގެ ކުރިން ވެސް ދެބަސްވުންތައް ހިނގާފައިވާކަމަށް ވެ އެވެ. ޝަމީމްގެ އިތުރުން، އެ ތަނުގައި މަސައްކަތް ކުރާ އެހެން މީހުންނާ އާބިދުއާ ދެމެދު ވެސް ދެބަސްވުން ހިނގާފައި ހުރި ކަމަށް މައުލޫމާތު އެނގޭ މީހަކު ބުންޏެވެ.

ރާއްޖޭގައި ހުރި ޕާކިސްތާންގެ ހަމައެކަނި ރެސްޓޯރަންޓުގައި މަސައްކަތް ކުރަނީ ޕާކިސްތާނުގެ ހަ މީހުންނާއި، ބަންގްލަދޭޝްގެ ތިން މީހުންނެވެ. ދެ ގައުމުގެ މި މުވައްޒަފުންގެ މެދުގައި ވެސް ގުޅުން މާ ރަނގަޅު ނޫން ކަމަށްވެ އެވެ.

ހުޅުމާލޭގައި ހުންނަ ހާންޖީ ރެސްޓޯރަންޓުގައި ވަޅިން ހަމަލާދިން ޕާކިސްތާނުގެ މުހައްމަދު އަބިދު (ކ) އަދި އެ ހަމަލާގައި މަރުވި ބަންގްލަދޭޝްގެ ޝަމީމް.

ރެސްޓޯރަންޓު އޮތީ ސާފުކޮށްފައި

'ދައުރު' އަށް ކަށަވަރުވެފައިވާ ގޮތުގައި ރެސްޓޯރަންޓު ތެރޭގައި މާރާމާރީ ހިންގައި ވަޅީގެ ހަމަލާ އަމާޒުވީ ހަވީރު ފަހެއް ޖެހިތަނާ އެވެ. ހަމަލާއަށް ފަހު ޝަމީމް ހަބަރު ހުސްވެ ވެއްޓިފައި އޮއްވާ ނަގާފައިވާ ވީޑިއޯއެއް 'ދައުރު' އަށް ލިބިފައިވާއިރު، އެ ވީޑިއޯގައި ފެންނަ ގޮތުން، ޝަމީމްގެ ޓީޝާޓު ވެސް އޮތީ ލެއިން ފޯވެފަ އެވެ.

ނަމަވެސް، ކަމާ ބެހޭ ފަރާތްތަކުން އެތަނަށް ދިޔަ އިރު، ރެސްޓޯރަންޓު ތެރޭގައި ލޭގެ އަސަރެއް ފެންނާކަށް ނެތެވެ.

"ހަމަ އެއްކޮށް ދޮވެ ސާފުކޮށްފައި އޮތީ،" މަންޒަރު ދުށް މީހަކު ބުންޏެވެ.

ބެލެވޭ ގޮތުގައި ރެސްޓޯރެންޓް ތެރެ ސާފުކުރީ އެތަނުގައި މަސައްކަތްކުރާ ޕާކިސްތާނުގެ އެހެން މުވައްޒަފެކެވެ.

ރެސްޓޯރަންޓު ސަރަހައްދުގައި ތިބި ބަޔަކު، ޝަމީމް މަރާލާފައި އޮތް މަންޒަރު ފެންނަ ވީޑިއޯއެއް ބަލަނީ. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)
މަރުގެ މައްސަލައާ ގުޅިގެން ހާންޖީ ރެސްޓޯރަންޓް ހުންނަ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ފުލުހުން މިހާރު މި މައްސަލަ ތަހުގީގު ކުރަމުން އަންނަ އިރު، އާބިދު ފިޔަވައި އިތުރު މީހަކު މި މަރުގެ މައްސަލައިގައި ހިމެނޭ ކަމަކަށް ތުހުމަތެއް ނުކުރެ އެވެ. އާބިދު ހޯދުމުގެ މަސައްކަތް ކުރިއަށް އެބަ ގެންދެ އެވެ. އޭނާ ފެނިއްޖެ ނަމަ ލަސްނުކޮށް ފުލުހުންގެ ނަންބަރު 119 އަށް ގުޅައި ރިޕޯޓު ކުރުމަށް ވަނީ އެދިފަ އެވެ.

މީހަކަށް ވަޅިން ހަމަލާ ދިނުމަށް ފަހު ފިލިކަމަށް ބުނާ އާބިދަކީ ނުރައްކާތެރި މީހެއް ކަމަށް ބެލެވޭތީ، ފުލުހުން ވަނީ އޭނާއާ ގާތް ނުވުމަށް ވެސް އިލްތިމާސްކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް