މިއަދުގެ ޕެޓިޝަން ކޮމިޓީގައި ހޯރަފުށި ދާއިރާގެ މެމްބަރު އަހްމަދު ސަލީމް ވާހަކަދައްކަވަނީ، 22 ސެޕްޓެމްބަރު 2021 (ފޮޓޯ/ މަޖިލިސް)

ހިޔާ ފްލެޓްތައް

ހިޔާގެ ކުލި 5،000ރ.އަށް ކުޑަނުވާންވީ ކީއްވެހޭ، މެމްބަރު ސަލީމް އައްސަވައިފި

ސަލީމް ވިދާޅުވީ ހިޔާގެ ކުލި 5000 ރުފިޔާއަށް ވުރެ ވެސް ކުޑަވާން ޖެހޭނެ ކަމަށް. ގްރޭސް ޕީރިއަޑު އިތުރުކޮށް، ފިނިޝިން ހަރަދު ވެސް ކަނޑައިދޭން އެދިވަޑައިގެން
22 ސެޕްޓެމްބަރު 2021

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ހިޔާ ފްލެޓުތަކުގެ މަހު ކުލި 5،000ރ.އަށް ކުޑަނުވާންވީ ސަބަބަކީ ކޮބައިތޯ ހޯރަފުށި ދާއިރާގެ މެމްބަރު އަހްމަދު ސަލީމް މިއަދު މަޖިލިހުގެ ކޮމިޓީއެއްގައި އައްސަވައިފި އެވެ.

ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް އަމާޒުކުރައްވާ އެގޮތަށް، އެމްޑީޕީގެ މެމްބަރު ސުވާލުކުރެއްވީ، ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކުރާށާއި އެތަނާ ގުޅޭ އެހެނިހެން މައްސަލަތަކަށް ހައްލެއް ހޯދައިދޭން އެދި ރައްޔިތުންގެ މަޖިލިހަށް ހުށައެޅި ޕެޓިޝަނަކާ ގުޅިގެން، ޕެޓިޝަން ކޮމިޓީގައި ވާހަކަ ދައްކަވަމުންނެވެ.

"ސަރުކާރުން ދެން އިތުރު ފައިސާ ލައްވައިގެން ވިޔަސް 5،000ރ. އަށް ވުރެ ބޮޑު ނުވާނެ ގޮތަކަށް މިކަން ކުޑަކޮށްދެއްވަން އޮތީ ކޮން ހުރަހެއްތޯ؟" މިއީ ކަމާ ގުޅޭ އިދާރާތައް ހާޒިރުކޮށްގެން ބޭއްވި ބައްދަލުވުމުގައި، ސަލީމް ދެއްކެވި ވާހަކައިގެ އެއް ސުވާލެވެ.

"ކީއްވެގެންތޯއޭ 5،000 ވަރަކަށް ރުފިޔާއަށް މިކަން ނުކުރެވެންވީ؟" ހަމަ އެ ނޭވައިގައި އޭނާ އަނެއްކާ އެއްސެވި އެވެ.

ތަފްސީލް - އެ ބައްދަލުވުމުގައި ސަލީމް ވަނީ ކުރީ ސަރުކާރަށާއި ކަމާ ގުޅޭ އެހެން އިދާރާތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ ކުރީ ސަރުކާރުން ކަން ކުރި ގޮތުގެ ވާހަކަ މިހާރު ދެއްކުން ހުއްޓާލަން ވެއްޖެ ކަމަށާއި، ދެން ވެސް ސަރުކާރުން ބަލަން ޖެހޭނީ ރައްޔިތުންނަށް ލުއި ގޮތްތަކެއް ހޯދައިދޭން ކަމަށެވެ.

މިތަނަށް ވަންނަ އާދައިގެ ރައްޔިތުންނަށް ތިބޭފުޅުން ތި އުޅުއްވަނީ 5500 ރުފިޔާ އަކީ ކުޑަ އަގެކޭ ކިޔައިގެން އެކަން ހަމަޖައްސަވަންތޯ؟ އެހެނެއް ނުވާނެ އެކަމެއް. އަގު ހެޔޮ ކޮށްދެއްވަން ޖެހޭނީ

އަހްމަދު ސަލީމް، ހޯރަފުށި ދާއިރާގެ މެމްބަރު

ސަލީމް ވިދާޅުވީ ހިޔާ މަޝްރޫއުގައި ހިޔާނާތް ނުވާނެ ގޮތަކީ ނެތް ގޮތެއް ކަމަށެވެ. މުއައްސަސާތައް ފެއިލްވުމުގެ ސަބަބުން އެކަންކަން ނުބެލި ހުރިހާ ގެއްލުމެއް ވަނީ ރައްޔިތުންނަށް ކަމަށް ވިދާޅުވި އެވެ.

"މިކަހަލަ ކުޑަކުޑަ ކޮށްޓަކަށް ވަންނަ އިރު 5،000ރ. މި ދައްކަން ޖެހެނީ އަދި އަތުން އެތައް ލައްކަ ރުފިޔާއެއް ހޭދަކޮށްފައި. އެމީހުން އަތަކު ނެތް ތަށިމުށި ޖަހާނެ ފައިސާއެއް. އެމީހުން އަތަކު ނެތް ފަރުނީޗަރު ހޯދާނެ ފައިސާއެއް. އެތާ ހުރީ ހުސް ފާރުތަކެއް. އަގުބޮޑު ރޭޓުގަ ހަދާފައި ހުރި ހުސް ފާރުތަކެއް،" ސަލީމް ވިދާޅުވި އެވެ.

އެހެންކަމުން އޭނާ ވިދާޅުވީ ހިޔާ މަޝްރޫއުއާ ގުޅިގެން ސަރުކާރުން ގޮތެއް ނިންމަން ޖެހިފައިވާ ކަމަށެވެ.

ކުރީ ސަރުކާރުން ކަން ކޮށްފައި އޮތް ގޮތް ބަލަން ތަހުގީގީ އިދާރާތަކަށް ދޫކޮށްލުމަށް ފަހު، ފްލެޓް ކުލި ކުޑަކޮށްދޭން އޭނާ ގޮވާލެއްވި އެވެ.

ކުރީގެ ހައުސިން މިނިސްޓަރު އަދި މިހާރުގެ މާލެ ސިޓީ މޭޔަރު މުހައްމަދު މުއިއްޒު މިއަދުގެ ޕެޓިޝަން ކޮމިޓީގައި، 22 ސެޕްޓެމްބަރު 2021 (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

އެނގުން މުހިންމު - ސަލީމް ވިދާޅުވީ ރައްޔިތުން ހިޔާ ފްލެޓަށް ވަންނަން ޖެހުނީ ވެސް ކޮވިޑުގެ ހާލަތުގައި ވަރަށް ދަތިވެފައިވާ ދުވަސްވަރަކަށް ވުމުން އެކަމަށް ވެސް ސަރުކާރުން ރިއާޔަތްކުރަން ޖެހޭނެ ކަމަށެވެ. އެހެންކަމުން ގްރޭސް ޕީރިއަޑުގެ ގޮތުގައި ސަރުކާރުން އެއް އަހަރު ދޭން ޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

ފްލެޓްތައް ނިންމަން އެޗުޑީސީން ދިން ހަތަރު މަސް ދުވަހު ކުއްޔެއް ނުހިނގަ އެވެ. އެ ހަތަރު މަސް ޑިސެމްބަރަށް ހަމަވެ، ޖެނުއަރީގައި ކުލި ދައްކަން ފަށަން ޖެހެ އެވެ. ހިިޔާ ފްލެޓުތަކުގެ ކުލީގެ ގޮތުގައި 7،500ރ. އަދި މެއިންޓެނެންސަށް އިތުރު 1،000ރ.އާ އެކު މަހަކަށް 8،500ރ ޖެހެ އެވެ.

"މިހާރު ވިދާޅުވެގެން ނުވާނެ ކަލޭމެންނޭ ތިތަން ހަދަން ވެސް ޖެހޭނީ. ކަލޭމެންނޭ ނިންމަން ވެސް ޖެހޭނީ. ކަލޭމެން ޖެހޭނޭ އޮންނަ މުއްދަތުގައި ފައިސާ ދައްކަން. އެހެން ވެސް ވިދާޅުވެގެން ނުވާނެ،" ސަލީމް ވިދާޅުވި އެވެ.

ސަރުކާރުން އެހެން ކަންކަމުގައި ބޮޑެތި ސަބްސިޑީ ދޭކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ ޕެޓިޝަނުގައި އެދިފައިވާ ގޮތަށް ޖުމްލަ ކުލިން އެއް ލައްކަ ރުފިޔާ ކަނޑާލެވޭނެ އިންތިޒާމެއް އޮތްތޯ ވެސް ބަލަން ޖެހޭނެ ކަމަށެވެ.

"އެހަންވީމަ މިކަމުގައި ރައްޔިތުންނަށް ލުއި ގޮތްތަކެއް ހޯއްދަވައިދެއްވަން ޖެހޭނެ. ކުރީ ސަރުކާރުން ކޮށްފައި އޮތް ކަންތައް ބާއްވަވާ. ތަހުގީގު އިދާރާތައް އެ ތިބީ ނުކުޅެދިފައި. ފެއިލްވެފައި،" އޭނާ ވިދާޅުވި އެވެ.

އޭރުގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވެސް ބައިވެރިވަޑައިގެންނެވި އެ ބައްދަލުވުމުގައި ކުރީ ސަރުކާރަށް ފާޑުވިދާޅުވަމުން ސަލީމް ވިދާޅުވީ އެންމެ ބޮޑު އަގު ހުށަހެޅި ކުންފުންޏަށް މަޝްރޫއު ދިނުމުން ހުރިހާ ތަކުލީފެއް އުފުލަން ޖެހިފައި ވަނީ ރައްޔިތުންނަށް ކަމަށެވެ.

"މިތަނަށް ވަންނަ އާދައިގެ ރައްޔިތުންނަށް ތިބޭފުޅުން ތި އުޅުއްވަނީ 5،500 ރުފިޔާ އަކީ ކުޑަ އަގެކޭ ކިޔައިގެން އެކަން ހަމަޖައްސަވަންތޯ؟ އެހެނެއް ނުވާނެ އެކަމެއް. އަގު ހެޔޮ ކޮށްދެއްވަން ޖެހޭނީ،" ސަލީމް ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް