އިންޑިއާގެ އެހީގައި އައްޑޫގައި ގާއިމްކުރި ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް ހުޅުވުމަށް މިދިޔަ އާދިއްތަ ދުވަހު އެ ތަނުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބައިވެރިވެވަޑައިގަންނަވަނީ. (ފޮޓޯ/ރައީސް އޮފީސް)

ޓެރަރިޒަމް

އައްޑޫން ހައްޔަރުކުރި މީހުންނަށް ރައީސްގެ ދަތުރުފުޅާ ދިމާކޮށް ހަމަލާއެއް ދޭން އުޅުމުގެ ތުހުމަތު

އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ދީނީ ހަރުކަށި ފިކުރުގެ މާޒީއެއް އޮތް ބައެއް
29 މާރިޗު 2022

މިިދިޔަ އާދިއްތަ ދުވަހު ޓެރަރިޒަމްގެ ތުހުމަތުގައި އައްޑޫން ހައްޔަރުކުރި މީހުންނަށް ކުރަނީ، އެ ދުވަސްވަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޑުއަށް ކުރެއްވި ދަތުރުފުޅާ ދިމާކޮށް ހަމަލާއެއް ދޭން އުޅުނުކަމުގެ ތުހުމަތުކަން އެނގިއްޖެ އެވެ.

މައްސަލައިގެ ފެށުން - ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުނުކަމުގެ ތުހުމަތުގައި މިދިޔަ އާދިއްތަ ދުވަހު ނުވަ މީހަކު ހައްޔަރުކޮށްފައިވެ އެވެ. އޭރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ސަރުކާރުގެ އިސް ވެރިންތަކެއް ތިއްބެވީ އައްޑޫގަ އެވެ.

ވީ ކިހިނެއް؟ - 'ދައުރު'އަށް އެނގިފައިވާ ގޮތުގައި، އެ މީހުން ހައްޔަރުކުރީ ރައީސްގެ ދަތުރުފުޅާ ދިމާކޮށް އައްޑޫގައި ހަމަލާއެއް ދޭން އުޅުނުކަމުގެ ތުހުމަތުގަ އެވެ. އެ މީހުން ހައްޔަރުކުރީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތެއްގެ މައްޗަށް ބިނާކޮށް ހިންގި އޮޕަރޭޝަނެއްގަ އެވެ.

ތަފްސީލް - ހައްޔަރުކުރި މީހުން:

  • ޓެެރަރިޒަމްގެ މައްސަލަތަކުގެ މާޒީއެއް އޮވޭ

  • ފުލުހުންގެ ވޮޗުލިސްޓުގައި ހިމަނައިގެން ފާރަލަމުން ދިޔަ މީހުން ވެސް ހިމެނޭ

އެނގިފައިވާ ގޮތުގައި، މިކަމާ ގުޅިގެން ރައީސްގެ ދަތުރުފުޅުގެ ތެރެއިން ބައެއް ހަރަކާތްތައް ކެންސަލް ކުރަން ވެސް ރޭވި އެވެ. އެގޮތުން، އާދިއްތަ ދުވަހުގެ ރޭ ހިތަދޫގައި ބޭއްވި މާހެފުން ވެސް ކެންސަލް ކުރަން އުޅުނެވެ. އެކަމަކު، ފަހުން އެ މާހެފުން ވަނީ ބާއްވާފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އައްޑޫ އާއި ފުވައްމުލަކަށް ކުރެއްވި ހަތަރު ދުވަހުގެ ދަތުރުފުޅުގެ ތެރެއިން، އައްޑޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިދިޔަ އާދިއްތަ ދުވަހުގެ ރޭ ބޭއްވެވި މާހެފުމުގެ ތެރެއިން. (ފޮޓޯ/ރައީސް އޮފީސް)

އެ މީހުން ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުނު ކަމަށް ތުހުމަތުކުރި ނަމަވެސް، މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި ނުދެ އެވެ. އަދި އެއީ ރައީސް ސޯލިހުގެ ދަތުރުފުޅާ ދިމާކޮށް ހިންގަން އުޅުނު އަމަލެއް ކަމެއް ވެސް ފުލުހުން ނުބުނެ އެވެ.

އެނގުން މުހިންމު - އިއްޔެގެ ނިޔަލަށް، ހައްޔަރުކުރި މީހުންގެ ތެރެއިން ހަ މީހެއްގެ ބަންދަށް ހިތަދޫ މެޖިސްޓްރޭޓު ކޯޓުން ހަތް ދުވަސް ޖަހާފައިވެ އެވެ. އެކަމަކު، އޭގެ ފަހުން އިތުރު ބައެއްގެ ބަންދު ޖެހި ކަމެއް އަދި ސާފެއް ނުވެ އެވެ.

ރައީސްގެ ދެކަނބަލުން އައްޑު އާއި ފުވައްމުލަކަށް ކުރެއްވި ދަތުރުފުޅު ފެއްޓެވީ މިދިޔަ ހުކުރު ދުވަހުގެ ހަވީރު އެވެ. އެ ދަތުރުފުޅަށް ފަހު އިއްޔެ މެންދުރު ވަނީ އެނބުރި މާލެ ވަޑައިގެންފަ އެވެ.

ގުޅުންހުރި ކަމެއް - މިދިޔަ މޭ 6ގެ ރޭގަނޑު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގެއިން ނުކުމެވަޑައިގެން ކާރަށް އަރާވަޑާއިގަންނަވަނިކޮށް، ކައިރީގައި ޕާކުކޮށްފައި ހުރި ސައިކަލެއްގައި ހަރުކޮށްފައިވާ ބޮމެއް ގޮއްވާލައިގެން ދިން ހަމަލާއެއްގައި އެ މަނިކުފާނަށް ސީރިއަސް ޒަހަމްތަކެއް ލިބިވަޑައިގަތެވެ.

އެ ޓެރަރިސްޓް ހަމަލާގައި ޖުމްލަ ނުވަ މީހެއްގެ މައްޗަށް ދައުވާކުރިއިރު، މިހާރު ކުރިއަށް ދަނީ އޭގެ ތެރެއިން އަށް މީހުންގެ މައްސަަލަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް