އައްޑޫ އާއި ފުވައްމުލަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސްގެ ދެކަނބަލުން މާލެ ވަޑައިގަތުމަށް އެއާޕޯޓުގައި، 28 މާޗު 2022 (ފޮޓޯ/ރައީސް އޮފީސް)

ރައީސްގެ ދެކުނު ދަތުރު ނިންމަވާލައްވައި މާލެ ވަޑައިގެންފި

އައްޑޫއަށް ކުރެއްވި ދަތުރުފުޅުގައި ޕޮލިސް ކޮލެޖު ހުޅުވައިދެއްވައި، ބައެއް މަޝްރޫއުތައް ފައްޓަވައިދެއްވި
28 މާރިޗު 2022

ފުވައްމުލަކާއި އައްޑޫ އަށް ކުރެއްވި ހަތަރު ދުވަހުގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު މާލެ ވަޑައިގެންފި އެވެ.

ވީ ކިހިނެއް؟ - ރަސްމީ ދަތުރުފުޅެއްގައި ރައީސް މާލެއިން ފުރާވަޑައިގަތީ މިދިޔަ ހުކުރު ދުވަހު އެވެ. އެ ދަތުރުފުޅުގައި އަނބިކަނބަލުން ފަޒްނާ އަހްމަދާއި ވަޒީރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެ ވަޑައިގެންނެވި އެވެ.

ތަފްސީލް - ރައީސްގެ ދަތުރުފުޅުގައި ފުރަތަމަ ވަޑައިގަތީ ފުވައްމުލަކަށެވެ. އައްޑޫއަށް ވަޑައިގަތީ އިއްޔެ އެވެ. މި ދަތުރުގައި ރައީސްގެ ދެކނަބަލުންގެ ފަރާތުން އައްޑޫ އަދި ފުވައްމުލަކުގެ ރައްޔިތުންނަށް ވަނީ މާހެފުމެއް ދެއްވައިފަ އެވެ.

އެ މާހެފުމުގައި، އައްޑޫ އާއި ފުވައްމުލަކުގެ ތަރައްގީއަށް ރާވާފައި ހުރި ކަންކަމާއި މިހާރު ކުރިއަށްދާ މުހިންމު މަޝްރޫއުތަކެއްގެ މައުލޫމާތު ހިއްސާކުރެއްވި އެވެ. ރައީސް ވަނީ ސިޓީ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެމްބަރުންނާ ވެސް ބައްދަލުކުރައްވައިފަ އެވެ.

ރައީސްގެ ދަތުރުފުޅުގެ އުސްއަލިތައް:

  • އިންޑިއާގެ ހިލޭ އެހީގެ ދަށުން އައްޑޫގައި ތަރައްގީކުރި ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް ރަސްމީގޮތުން ހުޅުވައިދެއްވި 

  • މަރަދޫ ބަނދަރާއި މަރަދޫފޭދޫ ބަނދަރުގެ އިތުރުން މީދޫ ބަނދަރު ރަސްމީގޮތުން ހުޅުވައިދެއްވި 

  • އައްޑޫ މަގު ހެދުމާއި ފެންހިންދާ ނިޒާމު ގާއިމުކުރުމުގެ ބޮޑު މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވި  

  • އައްޑޫން 194 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވި

ހަމައެއާއެކު އައްޑޫ އަދި ފުވައްމުލަކުގައި ކުރިއަށްދާ ތަރައްގީގެ ބައެއް މަޝްރޫއުތައް ކުރިއަށްދާގޮތް ވެސް ރައީސް ބައްލަވައިލެއްވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް