އައްޑޫ ހިތަދޫ: އިއްޔެ ޓެރަރިޒަމްގެ ތުހުމަތުގައި އައްޑޫން ހައްޔަރުކުރި ނުވަ މީހުންގެ ތެރެއިން ހަ މީހެއްގެ ބަންދު ވަނީ ޖަހާފައި. (ފޮޓޯ/ޕީއެސްއެމް)

ޓެރަރިޒަމް

ޓެރަރިޒަމްގެ ތުހުމަތުގައި އައްޑޫން ހައްޔަރުކުރި 6 މީހެއްގެ ބަންދަށް 7 ދުވަސް

ބާކީ ތިބި ތިން މީހުން އަދި ކޯޓަކަށް ނުގެންދޭ

ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުނުކަމުގެ ތުހުމަތުގައި އައްޑޫން އިއްޔެ ހައްޔަރުކުރި ނުވަ މީހުންގެ ތެރެއިން ހަ މީހެއްގެ ބަންދުގެ މުއްދަތު ޖަހައިފި އެވެ.

ވީ ކިހިނެއް؟ - ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުނުކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފައި ވަނީ ރަސްމީ ދަތުރުފުޅެއްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ސަރުކާރުގެ އިސް ވެރިންތަކެއް އައްޑޫއަށް ވަޑައިގެން އުޅުއްވަނިކޮށެވެ.

ބުނީ ކީކޭ؟ - ފުލުހުންގެ ތަރުޖަމާނަކު މިއަދު 'ދައުރު'އަށް ވިދާޅުވީ ހައްޔަރުކުރި މީހުންގެ ތެރެއިން މިހާތަނަށް ކޯޓަށް ގެންދިޔަ ހަ މީހެއްގެ ބަންދަށް ހިތަދޫ މެޖިސްޓްރޭޓު ކޯޓުން ހަތް ދުވަސް ޖަހާފައިވާ ކަމަށެވެެ.

"ބާކީ ތިބި މީހުން އަދި ކޯޓަކަށް ނުގެންދޭ،" އޭނާ ވިދާޅުވި އެވެ.

އެނގުން މުހިންމު - މި ނުވަ މީހުންގެ ތެރޭގައި ދެ ކުޑަކުދިން ހިމެނޭ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައި ވިޔަސް، އޭގެ ތެރޭގައި އެއްވެސް ކުޑަކުއްޖަކު ނުހިމެނޭކަން 'ދައުރު'އަށް ވަނީ ކަށަވަރު ވެފަ އެވެ.

އެ މީހުން ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުނު ކަމަށް ތުހުމަތުކުރި ނަމަވެސް، މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި ނުދެ އެވެ. އަދި އެއީ ރައީސް ސޯލިހުގެ ދަތުރުފުޅާ ދިމާކޮށް ހިންގަން އުޅުނު އަމަލެއް ކަމެއް ވެސް ސާފުކޮށްދީފައެއް ނުވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް