މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ދެ ވޯޓުގެ ތަފާތަކުން ގަމު ހޮސްޕިޓަލް މައްސަލަ ކޮމިޓީއަށް ވަނީ ފޮނުުވާފައި. (ފޮޓޯ/މަޖިލިސް)

ގަމު ހޮސްޕިޓަލް ނުހިންގޭ މައްސަލަ 2 ވޯޓުގެ ތަފާތުން ކޮމިޓީއަށް ފޮނުވައިފި

އެމްޑީޕީގެ ޕީޖީން ވަނީ އެ މައްސަލަ ބަލައިނުގަތުމަށް ތްރީ ލައިން ވިޕެއް ނެރެފައި، އެކަމަކު ކޮމިޓީއަށް ފޮނުވީ އެމްޑީޕީގެ މެންބަރުންގެ ވޯޓާ އެކު

ލ. ގަމު ހޮސްޕިޓަލުގެ ހިދުމަތުގެ ފެންވަރު ދަށަށް ދާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަތުމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ވިޕެއް ނެރެފައި ވަނިކޮށް، ދެ ވޯޓުގެ ތަފާތުން އެ މައްސަލަ ދިރާސާ ކުރުމަށް މަޖިލީހުގެ އިޖްތިމާއީ ކޮމިޓީއަށް ފޮނުވަން ފާސްކޮށްފި އެވެ.

ވީ ކިހިނެއް؟ - ލ. އަތޮޅުގެ ގިނަ އަދަދެއްގެ ރައްޔިތުން ހިދުމަތް ހޯދަމުން ގެންދާ ގަމު ރީޖަނަލް ހޮސްޕިޓަލުން ދޭ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ހިންގުން ހަރުދަނާކުރުމަށް ސަރުކާރަށް ގޮވާލައި މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެ މައްސަލަ ހުށަހެޅުއްވީ އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް، ލ. މާވަށު ދާއިރާގެ މުހައްމަދު ސައީދެެވެ.

އެ މައްސަލަ ބަލައިނުގަތުމަށް، ސުޕަ މެޖޯރިޓީ އޮތް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ވިޕެއް ނެރުނެވެ. ނަމަވެސް އެމްޑީޕީގެ މެންބަރުންގެ ވޯޓާ އެކު ޖުމްލަ 11 މެންބަރުންގެ ވޯޓުން އެ މައްސަލައަށް ބަހުސް ކުރުމަށް މަޖިލީހުގެ ހެނދުނުގެ ދަންފަޅީގައި ފާސްކުރި އެވެ. 

ތަފްސީލު - އިދިކޮޅުން ހުށަހެޅި އެ މައްސަލައަށް ބަހުސް ކުރުމަށް ފަހު:

  • އެކަން ދިރާސާ ކުރުމަށް މަޖިލީހުގެ ކޮމިޓީއަށް ފޮނުވުމަށް ފާސްވީ 18 މެންބަރުންގެ ވޯޓުންނެވެ؛ އޭގެ ތެރޭގައި އެމްޑީޕީގެ އަށް މެންބަރުން ވެސް ހިމެނިވަޑައިގަންނަވާ

  • ކޮމިޓީއަށް ފޮނުވުމާ ދެކޮޅަށް ވޯޓު ދެއްވީ 16 މެންބަރުން؛ އޭގެ ތެރޭގައި ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ލ. އިސްދޫ ދާއިރާ މެންބަރު އަލީ ހަމީދު ފިޔަަވައި ހުރިހާ މެންބަރުންނަކީ އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން

މައްސަލަ ދިރާސާ ކުރުމާ ދެކޮޅަށް ވޯޓު ދެއްވީ:

  • 1-

    ހުޅުމާލެ ދާއިރާ މެންބަރު އަލީ ނިޔާޒް 

  • 2-

    މައްޗަންގޮޅި ދެކުނު ދާއިރާ މެންބަރު އަހްމަދު ހައިތަމް 

  • 3-

    ހޯރަފުށީ ދާއިރާ މެންބަރު އަހްމަދު ސަލީމް 

  • 4-

    އިހަވަންދޫ ދާއިރާ މެންބަރު މުހައްމަދު ޝިފާއު 

  • 5-

    ބާރަށު ދާއިރާ މެންބަރު އަހްމަދު އަބްދުﷲ 

  • 6-

    ވައިކަރަދޫ ދާއިރާ މެންބަރު ހުސައިން ޒިޔާދު 

  • 7-

    ކުޅުދުއްފުށީ އުތުރު ދާއިރާ މެންބަރު ޔާސިރު އަބްދްލަތީފް 

  • 8-

    މިލަންދޫ ދާއިރާ މެންބަރު އަލީ ރިޒާ 

  • 9-

    ކޮމަންޑޫ ދާއިރާ މެންބަރު މުހައްމަދު ރާޝީދު 

  • 10-

    ފުނަދޫ ދާއިރާ މެންބަރު އަހްމަދު ޝާހިދު 

  • 11-

    ދުވާފަރު ދާއިރާ މެންބަރު އިސްމާއީލް އަހްމަދު 

  • 12-

    ހިންނަވަރު ދާއިރާ މެންބަރު ޖީހާން މަހްމޫދު 

  • 13-

    ދިއްގަރު ދާއިރާ މެންބަރު އިކްރާމް ހަސަން 

  • 14-

    އިސްދޫ ދާއިރާ މެންބަރު އަލީ ހަމީދު (ޖޭޕީ)

  • 15-

    މަރަދޫ ދާއިރާ މެންބަރު އިބްރާހިމް ޝަރީފް 

  • 16-

    ހިތަދޫ ދެކުނު ދާއިރާ މެންބަރު އިބްރާހިމް ނާޒިލް 

ޖަލްސާއަށް ހާޒިރުވެ، މި ވޯޓުގައި 21 މެންބަރަކު ބައިވެރިވަޑައިނުގަންނަވަ އެވެ. މި މައްސަލަ އެންމެ ބޮޑަށް ރައްދުވާ ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިޝާމް އެ ވަގުތު މަޖިލީހުގެ ތަޅުމުގައި ނެތެވެ.

ސައީދު ހުށެހެޅުއްވި މައްސަލައިގައި އޭނާ ވިދާޅުވީ ގަމު ރީޖަނަލް ހޮސްޕިޓަލްގެ ހިދުމަތުގެ ފެންވަރު ދުވަހުން ދުވަހަށް ދަށްވަމުންދާ ކަމުގެ ޝަކުވާ ރައްޔިތުންގެ ފަރާތުން ލިބެމުން އަންނަ ކަމަށެވެ. އަދި އެ ހޮސްޕިޓަލް ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލު ކުރުމަކީ މި ސަރުކާރުގެ ވައުދެއް ކަމަށާއި އެކަން ނުކުރެވި، ބަލިމީހުންގެ ފުރާނައަށް ނުރައްކާވާ ފަދަ ގިނަ ހާދިސާތަކެއް "ފަރުވާ ކުޑަވުމާއި ހިންގުމުގެ ދޯދިޔާކަމުން" ހިނގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު: އޭނާ މިއަދު ހުށަހެޅުއްވި މައްސަލަ ދިރާސާ ކުރުމަށް ވަނީ ކޮމިޓީއަށް ފޮނުވާފައި. (ފޮޓޯ/މަޖިލިސް)

ސައީދު ފާހަގަކުރެއްވި ބައެއް ކަންބޮޑުވުންތަަކަކީ:

  • ކޮންމެހެން ޑޮކްޓަރުން ތިބެން ތިބެންޖެހޭ މުހިންމު ބަލިތަކަށް ޑޮކްޓަރުން ނެތުން

  • ޓެސްޓުތައް ހެދެން ނެތުން

  • ވަސީލަތްތަކާއި އިމާރާތް ވެސް މަރާމާތު ނުކުރެވި ދަނީ ހަލާކުވަމުން

  • ހޮސްޕިޓަލުގެ ބޯޑުގެ ދަށަށް ބަދަލުކުރެވިފައިވާ އަތޮޅުގެ އެހެން ސިއްހީ މަރުކަޒުތަކުގެ މުވައްޒަފުންގެ ކަންކަންވެސް ނުބެލެހެއްޓުން

އެނގުން މުހިންމު - ބައެއް މެންބަރުން ވަނީ މި މައްސަލަ ބަލައި ނުގަތުމަށް އެމްޑީޕީން ތްރީލައިން ވިޕެއް ނެރުމުން އެކަމަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ. އަދި ގަން ގޮސްޕިޓަލުގެ ބޯޑަށް އައްޔަންކޮށްފައި ވަނީ އެ ކަމަށް ގާބިލު ނޫން މީހުން ކަމަށާއި އެއީ ވެރިންގެ ރަށްޓެހިންނަށް ވާޒީފާ ދޭން ހެދި ބޯޑުތަކެއްގެ ގޮތުގައި ބައެއް މެންބަރުން ސިފަކުރެއްވި އެވެ.

އިތުރަށް ކިޔާލަން -  

އިތުރު އާޓިކަލް

އިތުރު އާޓިކަލް