މަޖިލީހުގައި އެމްޑީޕީގެ ބައެއް މެންބަރުން: އިދިކޮޅުން މިއަދު ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް އެޕާޓީގެ ޕީޖީން ނިންމީ ބަލައި ނުގަންނަ ވޯޓު ދިނުމަށް. (ފޮޓޯ/މަޖިލިސް)

އިދިކޮޅު ހުށަހެޅުމަކާ ދެކޮޅު ވިޕެއް ނެރުމުން އެމްޑީޕީ މެމްބަރުން އަރައިރުމަކަށް

ވިޕް ނެރުމުން ހިތްހަމަ ނުޖެހިފައި ތިބި އެމްޑީޕީގެ މެންބަރުން ވިދާޅުވަނީ ރައްޔިތުންނަށް ކުރިމަތިވެފައި ހުރި މައްސަލަތަކާ ގުޅިގެން ހުށަހަޅާ ކަންކަމަށް ބަހުސް ކުރަން ފުރުސަތު ދޭންވާނެ ކަމަށް

ލ.އަތޮޅު ހޮސްޕިޓަލްގެ ހިދުމަތުގެ ފެންވަރު ދަށްވުމާ ގުޅިގެން އެކަމުގެ ކަންބޮޑުވުން ފާޅުކޮށް އިދިކޮޅުން ހުށަހެޅި މައްސަލަ މަޖިލީހުގެ ސުޕާ މެޖޯރިޓީ އޮތް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕް (ޕީޖީ)އިން ބަލައި ނުގަތުމަށް ވިޕެއް ނެރުމުން އެ ޕާޓީީގެ ބައެއް މެންބަރުން ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ. މައްސަލަ ބަލައިނުގަތުމަށް ވިޕެއް ނެރުނު ނަމަވެސް އެމްޑީޕީގެ ބައެއް މެންބަރުންގެ ވޯޓާ އެކު އެ މައްސަލައަށް ބަހުސް ކުރުމަށް ފާސްވި އެވެ.

ވީ ކިހިނެއް؟ - ލ. އަތޮޅުގެ ގިނަ އަދަދެއްގެ ރައްޔިތުން ހިދުމަތް ހޯދަމުން ގެންދާ ލ. ގަމު ރީޖަނަލް ހޮސްޕިޓަލްއިން ދޭ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް ހިންގުން ހަރުދަނާކުރުމަށް ސަރުކާރަށް ގޮވާލައި މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެ މައްސަލަ ހުށަހެޅުއްވީ އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް، ލ. މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދެެވެ.

އެ މައްސަލަ ބަލައި ނުގަތުމަށް އެމްޑީޕީގެ ޕީޖީ ގްރޫޕުން މިއަދު މެންބަރުންނަށް ފޮނުވި މެސެޖުގައި އެދިފައި އޮތީ 'ރެޑް'އަށް ފިއްތުމަށް ވޯޓު ދިނުމަށެވެ. މާނައަކީ އެ ބިލަށް ހުރިހާ އެމްޑީޕީގެ މެންބަރުން ވެސް ވޯޓު ދޭން ޖެހޭނީ ބަލައިނުގަތުމަށެވެ.

އަޅުގަނޑަށް ނުވިސްނެނީ އިއްޒަތްތެރި މެންބަރަކު، އެއީ އަދި އަޅުގަނޑުމެންނާ އިދިކޮޅު ޕާޓީގެ އިއްޒަތްތެރި މެންބަރަކު ކަމުގައި ވިޔަސް އަމިއްލަ ދާއިރާގެ ތަރައްގީއާ ބެހޭ މައްސަލައެއް ކަންބޮޑުވެޔޭ ކިޔާފައި ހުށަހެޅުއްވީމާ އެމްޑީޕީން އަޅުގަނޑުމެން އަގުލަބިއްޔަތު ބޭނުންކޮށްގެން ބަހުސް ކުރިޔަ ނުދޭންވީ ސަބަބެއް އަޅުގަނޑަށް ނުވިސްނެނީ.

އިވާ އަބްދުﷲ/ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު

ވޯޓުގެ ތަފްސީލު - އެ މައްސަލައަށް ބަހުސް ކުރުމަށް ފާސްވީ 23 މެންބަރުންގެ ވޯޓުންނެވެ. އެއާ ދެކޮޅަށް ވޯޓު ދެއްވީ 11 މެންބަރެކެވެ. މަޖިލީހަށް ހާޒިރުވެ، ހަތަރު މެންބަރަކު މި ވޯޓުގައި ބައިވެރިވަޑައިނުގަންނަވަ އެވެ. މި މައްސަލަ އެންމެ ބޮޑަށް ރައްދުވާ ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމް އެ ވަގުތު މަޖިލީހުގެ ތަޅުމުގައި ނެތެވެ.

މައްސަލައާ ދެކޮޅަށް ވޯޓު ދެއްވީ:

  • 1-

    މާފަންނު ހުޅަނގު ދާއިރާ މުހައްމަދު ފަލާހު (އެމްޑީޕީ)

  • 2-

    ބާރަށު ދާއިރާގެ މެންބަރު އަހްމަދު އަބްދުﷲ (އެމްޑީޕީ)

  • 3-

    ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (އެމްޑީޕީ)

  • 4-

    ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ (އެމްޑީޕީ)

  • 5-

    ކުޅުދުއްފުށީ ދެކުނު ދާއިރާ މެންބަރު ޖަމްޝީދު މުހައްމަދު (އެމްޑީޕީ)

  • 6-

    ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝިދު (އެމްޑީޕީ)

  • 7-

    ފޮނަދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު (އެމްޑީޕީ)

  • 8-

    ހޮޅުދޫ ދާއިރާގެ މެންބަރު ޔޫނުސް އަލީ (އެމްޑީޕީ)

  • 9-

    ކުރެންދޫ ދާއިރާގެ އަބްދުލްގަނީ އަބްދުލްކަރީމް (އެމްޑީޕީ)

  • 10-

    ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު (ޑީއާރުޕީ)

  • 11-

    ދިއްގަރު ދާއިރާ މެންބަރު އިކްރާމް ހަސަން (އެމްޑީޕީ)

ވޯޓުގައި ބައިވެރި ނުވާ ހަތަރު މެންބަރުންނަކީ:

  • 1-

    ހުޅުމާލެ ދާއިރާ މެންބަރު އަލީ ނިޔާޒް (އެމްޑީޕީ)

  • 2-

    ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (އެމްޑީޕީ)

  • 3-

    ގުރައިދޫ ދާއިރާގެ މެންބަރު ގައްސާން މައުމޫން (ޕީޕިއެމް)

  • 4-

    މުލަކު ދާއިރާގެ މެންބަރު އިބްރާހިމް ނަސީމް (އެމްޑީޕީ)

ސައީދު ހުށަހެޅުއްވި މައްސަލައިގައި އޭނާ ވިދާޅުވީ ގަމު ރީޖަނަލް ހޮސްޕިޓަލްގެ ހިދުމަތުގެ ފެންވަރު ދުވަހުން ދުވަހަށް ދަށްވަމުން ދާކަމުގެ ޝަކުވާ ރައްޔިތުންގެ ފަރާތުން ލިބެމުން އަންނަ ކަމަށެވެ. އަދި އެ ހޮސްޕިޓަލް ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލުކުރުމަކީ މި ސަރުކާރުގެ ވައުދެއް ކަމަށާއި އެކަން ނުކުރެވި، ބަލިމީހުންގެ ފުރާނައަށް ނުރައްކާވާ ފަދަ ގިނަ ހާދިސާތަކެއް "ފަރުވާ ކުޑަވުމާއި ހިންގުމުގެ ދޯދިޔާކަމުން" ހިނގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

 މާވަށު ދާއިރާ މެންބަރު މުހައްމަދު ސައީދު މަޖިޅީހުގައި ވާހަކަ ދައްކަވަނީ: އޭނާ މިއަދު ގަމު ހޮސްޕިޓަލާ ގުޅޭ ގޮތުން ހުށަހެޅި މައްސަލައަށް ބަލައި ނުގަތުމަށް އެމްޑީޕީގެ ޕީޖީން ނެރުނީ ވިޕެއް. (ފޮޓޯ/ މަޖިލިސް)

ސައީދު ފާހަގަކުރެއްވި ބައެއް ކަންބޮޑުވުންތަަކަކީ:

  • ކޮންމެހެން ޑޮކްޓަރުން ތިބެން ތިބެންޖެހޭ މުހިންމު ބަލިތަކަށް ޑޮކްޓަރުން ނެތުން

  • ޓެސްޓުތައް ހެދެން ނެތުން

  • ވަސީލަތްތަކާއި އިމާރާތްވެސް މަރާމާތު ނުކުރެވި ދަނީ ހަލާކުވަމުން

  • ހޮސްޕިޓަލުގެ ބޯޑުގެ ދަށަށް ބަދަލުކުރެވިފައިވާ އަތޮޅުގެ އެހެން ސިއްހީ މަރުކަޒުތަކުގެ މުވައްޒަފުންގެ ކަންކަންވެސް ނުބެލެހެއްޓުން

 ހޮސްޕިޓަލަށް މި ސަރުކާރުން އައިސްގެން ކޮންމެވެސް ވަރަކަށް ބަދަލު ގެންނަ މަސައްކަތް ކުރި. މަގައިގަނޑު ބަދަލަކަށް ގެނައީ އެކީގައި އުޅޭ ރަށްޓެހިންނަށް ވަޒީފާތަކެއް ދިނުން. ބޯޑެއް އެކުލަވާލައި، އެތަނަށް ހޮސްޕިޓަލް ނުހުންގޭ ފަދަ ގާބިލު ނޫން ފަރާތްއް ލައިގެން މުޅި ހޮސްޕިޓަލް ހަލާކު ކުރުން.

މޫސާ ސިރާޖު/ ފޮނަދޫ ދާއިރާގެ އެމްޑީޕީ މެންބަރު 

އީވާގެ ރާގު ބަދަލުވެއްޖެ؛ 'އިދިކޮޅަށް މަޖިލީހުގައި ފުރުސަތު ލިބެން ޖެހޭ'

މި މައްސަލަ ބަލައި ނުގަތުމަށް ޕީޖީން ވިޕެއް ނެރުމުން އެކަމަށް ފާޑުވިދާޅުވެ ވާހަކަ ދެއްކެވި އެއް މެންބަރަކީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އެވެ. އޭނާ ވިދާޅުވީ، ސައީދު ހުށަހެޅުއްވި މައްސަލައަކީ ރައްޔިތުންނަށް ހިދުމަތްތަކެއް ނުލިބެގެން އެކަމުގެ ކަންބޮޑުވުން ކަމަށެވެ. އޭގައި "ސަރުކާރުގެ ނުލަފާކަމުން ގަސްތުގައި އެކަން ނުކުރަނީ އޭ ކިޔާ" އެފަދަ އިބާރާތެއްވެސް ނެތް ކަމަށާއި އެހެން ކަމުން އާންމު ރައްޔިތުންނާ ގުޅޭ އެފަދަ ކަމެއްގައި ބަހުސް ކުރަން އެމްޑީޕީގެ ޕީޖީން ފުރުސަތު ނުދޭން ޖެހޭ ސަބަބެއް ނެތް ކަމަށް އީވާ ވިދާޅުވި އެވެ.

"އަޅުގަނޑަށް ނުވިސްނެނީ އިއްޒަތްތެރި މެންބަރަކު، އެއީ އަދި އަޅުގަނޑުމެންނާ އިދިކޮޅު ޕާޓީގެ އިއްޒަތްތެރި މެންބަރަކުކަމުގައިވިޔަސް އަމިއްލަ ދާއިރާގެ ތަރައްގީއާ ބެހޭ މައްސަލައެއް ކަންބޮޑުވެޔޭ ކިޔާފައި ހުށަހެޅުއް ވީމާ އެމްޑީޕީން އަޅުގަނޑުމެން އަގުލަބިއްޔަތު ބޭނުންކޮށްގެން ބަހުސް ކުރިޔަ ނުދޭންވީ ސަބަބެއް އަޅުގަނޑަށް ނުވިސްނެނީ،" މަޖިލީހުގެ ނައިބު ރައީސްކަންވެސް ކުރައްވާ އިވާ ވިދާޅުވި އެވެ.

"އިއްޒަތްތެރި ރައީސް މި ތަނުން ރަތަށް ފިތީމަ ލ. އަތޮޅަށް ނޭނގެނީތޯ ހޮސްޕިޓަލުގެ ހާލަތު. ލ. އަތޮޅު މީހުންނަށް އެނގޭނެ އެއްޗަކީ މައްސަލަ އޮތީ މިހެންނޭ އެހެންނަމަވެސް އެމްޑީޕީން މަޖިލީހުގައި މި މައްސަލަ ބަލާކަށް ބޭނުމެއް ނޫނޭ."

މަޖިލީހުގެ ޖަލްސާއެއްގައި ގަލޮޅު އުތުރު ދާއިރާ މެންބަރު އީވާ އަބްދުﷲ ވާހަކަ ދައްކަވަނީ: ޕީޖީގެ ނިންމުމަށް އޭނާ ފާޑު ވިދާޅުވި. (ފޮޓޯ/ މަޖިލިސް)

އީވާ ދެން ހަނދާނަށް ގެންނެވީ މިިދޔަ 18 ވަނަ މަޖިލީހުގައި މެޖޯރިޓީ އޮތް ޕީޕީއެމްއިން ކަންތައް ކުރި ގޮތެވެެ؛ "މަޖިލީހުގައި އަޅުގަނޑުމެން މަދު މީހުންކޮޅެއް އެމްޑީޕީގައި ތިބީމާ، ހިލާ އެއްވެސް ކަމެއް ވަކާލާތު ކުރަން ޖެހުނީމަ ދެން ޖެހުނީ، މެގަފޯން ތަކެއް ހިފައިގެން ނުކުމެ މޭޒް މައްޗަށް އަރާވެސް އަޑު އުފުލަން،" އީވާ ވިދާޅުވި އެވެ.

"އެމްޑީޕީއަށް 65 ގޮނޑި ލިބުނީމާ، އިއްޒަތްތެރި ރައީސް މަނިކުފާނުވެސް [މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު] އަދި އަޅުގަނޑުވެސް، މަޖިލީހުގެ ރައީސް ކަމަށާއި ނައިބު ރައީސް ކަމަށް ކުރިމަތިލަމުން އަޅުގަނޑުމެން ދެންނެވިން މައިނޯރިޓީ ހިމާޔަތްކޮށްދޭނަމޭ. އަގުލަބިއްޔަތު ބޭނުން ކުރާނީ ނާޖާއިޒް ގޮތުގައި ނޫނޭ،" އެމްޑީޕީގެ ޕީޖީގެ ނިންމުމަށް ފާޑު ވިދާޅުވަމުން އީވާ ވިދާޅުވި އެވެ.

"ޖަމާއަތެއްގެ ގޮތުގައި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕް އަމިއްލަ ނަފްސަށް މިހާ އިތުބާރު ގެއްލުނީ ކޮން އިރަކުތޯ އަޅުގަނޑު ހިތުގައި ސުވާލު އުފެދޭ. މިއަށްވުރެ ތަސަައްވަރު ފުދެން ޖެހޭ އެބަ."

އީވާ ގަބޫލުކުރައްވާ ގޮތުގައި މަޖިލީހަކީ "ސިޔާސީ ބަހުސްގެ ނާރެސް" އެވެ. އެހެންވެ، މަޖިލީހުގައި އިދިކޮޅު މެންބަރަކަށް ވިޔަސް "ބަހުސް ކުރިއަށް ގެންދިޔުމަށް އެމްޑީޕީން ފުރަސަތު ދޭން ޖެހޭ" ކަމަށް އީވާ ވިދާޅުވި އެވެ.

"ދިވެހި ރައްޔިތުންނަށް ހިދުމަތް ކުރަން އަޅުގަނޑުމެން ބޭނުމިއްޔާ، [ދާއިރާތަކުގެ] މައްސަލަތައް ރަނގަޅަށް ބަލައި ދިނުން ނޫން ގޮތެއް އަޅުގަނޑުމެންނަށް ނޯންނާނެ. ކިރިޔާ މައްސަލައޭ ބުނާއިރަށް އެއީ ސަރުކާރާ ޖައްސާލަނީއޭ ބުނާ ކަމަށް ވަންޏާ، އިއްޒަތްތެރި ރައީސް، 2023 ވަރަށް އުދަނގޫވާނެ،" ވާހަކަ ނިންމާލަމުން އީވާ ވިދާޅުވި އެވެ.

އެނގުން މުހިންމު - އިދިކޮޅު މެންބަރެއް ވިޔަސް މަޖިލީހުގައި ބަހުސް ކުރެއްވުމަށް ފުރުސަތު ދޭން ޖެހޭ ކަަމަށް އީވާ މިއަދު ވިދާޅުވި ނަމަވެސް، މިދިޔަ ތިން އަހަރެއްހާ ދުވަހު 19 ވަނަ މަޖިލީހުގައި އިދިކޮޅު މެންބަރުން ބަހުސް ކުރައްވަމުން ގެންދެވި އިރު، އެ މެންބަރުންނަށް ވާހަކަދައްކަން ފުރުސަތު ނުދިނުމަށް އެމްޑީޕީގެ ބައެއް މެންބަރުން ނިޒާމީ ނުކުތާ ނަންގަވަ އެވެ. އަދި އީވާ މަޖިލީހުގެ ރިޔާސަތުގައި އިންނަވާ އެ ނިޒާމީ ނުކުތާތަކަށް ތަކުރާރުކޮށް ފުުރަސަތުު ދެއްވަ އެވެ. ނަތީޖާއެއްގެ ގޮތުގައި އިދިކޮޅު މެންބަރުންނަށް ރަނގަޅަށް ބަހުސް ނުކުރެވޭ ތަން ފެނެ އެވެެ.

ހޮސްޕިޓަލުގެ ހާލަތު ގޮސްވީ ގާބިލު ނޫން ބަޔަކު އައްޔަން ކުރުމުން: މޫސާ ސިރާޖު

މި މައްސަލައަށް ބަހުސް ކުރައްވަމުން ލ. ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވެސް ވިދާޅުވީ، މި މައްސަލަގައި ރަތަށް ފިތުމަކީ އެއްގޮަތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ހޮސްޕިޓަލުގައި ހުރި މައްސަލަތައްވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

"ވަރަށް ލަދުވެތި ދުވަހެއް. މިފަދަ މައްސަލައެއް ހުށަހެޅީމަ އަޅުގަނޑު ނިސްބަތްވާ ޕާޓީގައި ތިބި ފަރާތްތަކުން ރަތައް ފިތުމަކީ ހަގީގަތުގައިވެސް ލަދުވެރި ކަމެެއް،" އެމްޑީޕީގެ ޕީޖީގެ ނިންމުމަށް ކަންބޮޑުވުން ފާޅުކޮށް، ލ. ފޮނަދޫއަށް ނިސްބަތްވާ ސިރާޖު ވިދާޅުވި އެވެ.

"އެކްސްރޭއެއް ނުނެގޭތާ މިހާރު ތިން މަސް. ދަތުގެ ފަރުވާއެއް ނުލިބޭތާ މިހާރު އެއް އަހަރަށް ވުރެ ގިނަ ދުވަސްވީ. ސްކޭން ޑޮކްޓަރެއް އެއްގޮތަކަށް ނެތްތާ ހަ މަސްވީ. މިހެން ކިޔަން ބައިވަރު ކަންކަން [އެބަހުރި]."

 ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު މަޖިލީހުގައި ވާހަކަ ދައްކަވަނީ. (ފޮޓޯ/ މަޖިލިސް)

މޫސާ ސިރާޖު ވިދާޅުވި ގޮތުގައި، ހޮސްޕިޓަލުގެ ހާލަތު އެހާ ދަށަށް ދިޔައީ އެ ތަނުގެ ބޯޑަށް ހިންގުންތެރިކަމެއް ނެތް، ގާބިލު ނޫން ބަޔަކު އައްޔަންކުރުމުންނެވެ.

"އެއް ގޮަތަކަށް ވެސް ހޮސްޕިޓަލު ނުހިންގޭ. ހޮސްޕިޓަލަށް މި ސަރުކާރުން އައިސްގެން ކޮންމެވެސް ވަރަކަށް ބަދަލު ގެންނަން މަސައްކަތް ކުރި. މަގައިގަނޑު ބަދަލަކަށް ގެނައީ އެކީގައި އުޅޭ ރަށްޓެހިންނަށް ވަޒީފާތަކެއް ދިނުން. ބޯޑެއް އެކުލަވާލައި އެ ތަނަށް ހޮސްޕިޓަލް ނުހިންގޭ ފަދަ ގާބިލު ނޫން ފަރާތްތައް ލައިގެން މުޅި ހޮސްޕިޓަލް ހަލާކު ކުރުން،" ސިރާޖު ވިދާޅުވި އެވެ.

ކޮމެންޓް (1)

ޙަސަންތަކުރުބެ

30 މާރިޗު 2022
ކަލޭމެން ރައްޔިތުންގެ ބައިތުލްމާލުން ކަލޭމެންގެ ހައިބަތާ ޤާބިލްކަމާއި ފެންވަރާ އެކަށީގެންނުވާ ފައިސާ ރައްޔިޔުން އަނދިރީގައި ބާތިއްބައިގެން ޖީބާ ބެންކުތައް ލައިގެން ރައްޔިތުންނަށް ފަރުވާދޭން ހުރި ހޮސްޕިޓަލުން ފަރުވާނުލިބޭތީ ހުށައެޅުމާއެކު އެމައްސަލަ ބަލައިގަނެ އެކަންތައް ބަލަންޖެހޭނެ. ޢިއްޒަތްތެރި މެމްބަރޭކިޔައިގެން ވަކަރުގޭދަރިންގެ ކޮށްޓެކޭ ތިޔަމަޖްލިސް އެއްވަރުވެއްޖެ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް