މަޖިލިސް ޖަލްސާއެއްގެ ތެރެއިން: ހަކަތައިގެ ބިލު މިއަދު މަޖިލީހުން ވަނީ ފާސްކޮށްފައި(ފައިލް ފޮޓޯ/ މަޖިލިސް)

ނިކަމެތިންނަށް ކަރަންޓު ބިލުން ލުއި ދޭން ލާޒިމްކުރާ ހަކަތައިގެ ބިލު ފާސްކޮށްފި

ނިކަމެތިންނަށް ކަރަންޓު ބިލުން ލުއި ދޭން ޖެހޭ ގޮތަށް ލާޒިމްކޮށް، ހަކަތައިގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ބިލުގެ ފެށުން - ހަކަތަ އުފައްދައި ފޯރުކޮށްދިނުމާ ގުޅޭ އުސޫލުތައް އެކަށަ އަޅައި ހިދުމަތް ހޯދާ ފަރާތްތަކުގެ ހައްގުތައް ހިމާޔަތް ކުރުމުގެ މަގުސަދުގައި ސަރުކާރުގެ ފަރާތުން އެ ބިލު މަޖިލީހަށް ހުށަޅީ 6 ޑިސެމްބަރު 2019ގަ އެވެ. އެ ބިލް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ:

  • އިނގުރައިދޫ ދާއިރާ މެންބަރު ހަސަން އަހުމަދު

ވީ ކިހިނެއް - މިއަދު އޮތް މަޖިލިސް ޖަލްސާގައި މަޖިލީހުގެ އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމެޓީން ބިލް އިސްލާހުރި ގޮތަށް ފާސްވީ، 43 މެމްބަރުންގެ ވޯޓާ އެކު އެވެ.

ތަފްސީލު - މިއަދު ފާސްކުރި ބިލުގައިވާ ގޮތުގައި ހިދުމަތް ހޯދުމަށް ފައިސާ ދެއްކުމުގެ ތަނަވަސްކަން ނެތް ފަރާތްތަކަށް ހިދުމަތް ގުޅާއިދިނުމުގަ އާއި ހިދުމަތް ކަނޑާލުމުގައި އަދި ބިލް ދެއްކުމުގައި ލުއި ގޮތްތަކެއް އިންތިޒާމް ކުރަން ޖެހެ އެވެ.

އެ ބިލުގައި ނިކަމެތިން ކަނޑައަޅާނެ އުސޫލުތަކުގެ ގޮތުގައި ބުނެފައި ވަނީ:

  • ނިކަމެތިންގެ ދަފްތަރެއް އެކުލަވާލުން

  • އެ ދަފްތަރު ބަލަހައްޓާނީ ކޮންމެ ރަށެއްގެ ކައުންސިލް މެދުވެރިކޮަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީއިން

ނިކަމެތިންނަށް ދޭނީ ކިހާ ވަރެއްގެ ލުއިތަކެއް ކަމެއް ބިލުގައި ބަޔާންކޮށްފައި ނުވާއިރު އެ ލުއިތައް ކަނޑައަޅަން ޖެހެނީ ހަދާ ގަވާއިދުތަކުންނެވެ.

ކަރަންޓު ހިދުމަތުން އަގު ކަނޑައެޅުން

މީހުން ދިރިއުޅޭ ރަށްރަށުގައި ދޭ ކަރަންޓުގެ ހިދުމަތުން ނެގޭނެ އެންމެ މަތީ މަގު ކަނޑައަޅާނީ އެ ގާނޫނުގެ ދަށުން ހަދާ ގަވައިދުގައިވާ ގޮތުގައި މަތިން ޔުޓީލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ކަމަށް ބިލުގައި ބުނެފައިވެ އެވެ. އެގޮތުން ބުނެފައި ވަނީ:

  • އެ އޮތޯރިޓީން ކަނޑައަޅާ އަގަށް ވުރެ ކުޑަ އަގެއްގައި ކަރަންޓު ވިއްކުމަށް ކައުންްސިލުން ކަނޑައެޅިދާނެ

  • އެ އޮތޯރިޓީން ކަނޑައަޅާ އަގަށް ވުރެ ކުޑަ އަގެއް ކަނޑައަޅާނަމަ، އަގުގެ ފަރަގު ހިދުމަތް ފޯރުކޮށްްދޭ ފަރާތަށް ދައްކާނެ އިންތިޒާމް އެ ކައުންސިލުން ހަމަޖައްސަން ވާނެ

  • އަގުގެ ފަރަގު ދައްކަން ޖެހޭ ހާލަތެއްގައި އެ ރަށަކަށް ނުވަތަ ސިޓީއަކަށް ދައުލަތުގެ އަހަރީ ބަޖެޓުގެ ފައިސާ ހަރަދު ނުކުރެވޭނެ

ޔުޓިލިޓީ އޮތޯރިޓީން އަގު ކަނޑައެޅުމުގައި ބަލަން ޖެހޭ ކަންތައްތައްވެސް ބިލުގައި ހިމަނާފައިވެ އެވެ. އެގޮތުން:

  • ކަރަންޓު އުފެއްދުމާއި ފޯރުކޮށްދިނުމަށް ކުރަން ޖެހޭ ހަރަދާއި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލަށް ބެލުން

  • އާންމު ރައްޔިތު މީހާގެ ދިރިއުޅުމުގެ ހާލަތައްވެސް ރިއާޔަތް ކުރަން ޖެހޭ

ކަރަންޓާ ގުޅޭ ފަންޑެއް ހެދުމާ ގުޅޭ މާއްދާތައް އުނި ކުރި

ސަރުކާރުގެ ފަރާތުން ބިލު މަޖިލީހަށް ހުށަހެޅި އިރު، އިއާދަ ކުރަނިވި ހަކަތަ ކުރިއެރުވުމަށާއި ކަރަންޓުގެ ހިދުމަތުގެ އަގު ކުޑަ ކުރުމަށް އެހީވެދޭ ފަންޑެއް އުފެއްދުމަށް ހިމަނާފައިވެ އެވެ. ނަމަވެސް ބިލު ކޮމިޓީން ފާސް ކުރި އިރު އެ  ފަންޑާ ގުޅޭ ހުރިހާ މާއްދާއެއް ވަނީ އުނިކޮށްފަ އެވެ.

ސަބަބު - ކޮމިޓީ ރިޕޯޓު ބުނާ ގޮތުން އެ މާއްދާތައް އުނި ކުރީ ވަކި ނަންނަމުގައި ފަންޑުތައް ހުޅުވުމަށް ކޮމިޓީއަށް ނުފެންނާތީ އެވެ. އޭގެ ބަދަލުގައި އެކަން ކުރަން ޖެހޭނީ މިހާރު އަމަލު ކުރަމުންދާ ކްލައިމެޓް އިމަޖެންސީ ގާނޫނުގައި ބަޔާންކޮށްފައިވާ ފަންޑުން ކަމަށް ކޮމިޓީއަށް ފެނުނެވެ.

ކުލައިމެޓް އެމަޖެންސީ ގާނޫނުގައި ބުނެފައި ވަނީ:

  • އިއާދަ ކުރަނިވި ހަކަތައާއި އެ ނޫންވެސް އެކި އެކި ތިމާވެއްޓާއި މޫސުމާ ގުޅޭ ގޮތުން ރާއްޖެއަށް ލިބޭ އެހީތަކާއި ފަންޑުތައް ހަރަދަނާކަމާ އެކު ބަލަހައްޓާނެ ބައިނަލްއަގުވާމީ މުޖްތަމައު ގަބޫލު ކުރާ ވަކި މުއައްސަސާގެ ދަށުން ފަންޑު މެނޭޖްކުރަން ޖެހޭ

ބިލުގައި ހިމެނޭ ކަންކަމަށް އަމަލު ކުރާނީ، ބިލު ރައިސުލްޖުމްހޫރިއްޔާ ތަސްދީގުކޮށް ގެޒެޓް ކުރުމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް